އަހުމަދު މަހްލޫފު

ސްޕޯޓްސް ކޯޕަރޭޝަން ވަގުތުން އުވާލަން މަހްލޫފް ގޮވާލައްވައިފި

ސަރުކާރުގެ 100 ޕަސަންޓް ހިއްސާވާ ކުންފުނި، ސްޕޯޓްސް ކޯޕަރޭޝަނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ އެ ކުންފުނި ވަގުތުން ވަގުތަށް އުވާލަން ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މަހްލޫފް ވިދާޅުވީ ސްޕޯޓްސް ކޯޕަރޭޝަން ކިޔާ ކުންފުންޏެއް ރާއްޖެ ފިޔަވައި ދުނިޔޭގެ އެއްވެސް ގައުމެއްގައި ނޯންނަ ކަމަށެވެ.

އެ ކުންފުންޏަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން މިނިސްޓަރު ވިދާޅުވީ އެއީ އެއްވެސް ގާބިލް ކަމެއް ނެތް ކުންފުންޏެއް ކަމަށެވެ. އެ ކުންފުނީގެ ސަބަބުން މިނިސްޓްރީން ކުރާ ބައެއް މަސައްކަތްތަކަށް ވެސް ޝަކުވާ ލިބެމުންދާ ކަމަށާއި އިންޑޯ ޖިމްތަކެއް 67 ރަށެއްގައި ގާއިމުކުރުމަށް ބޭނުންވެގެން ތަކެތި ގަންނަން ހަވާލު ކުރުމުން އެ ކޯޕަރޭޝަނަށް އެ ތަކެތި ރާއްޖެ ގެނެސް ދެވުނީ އެއް އަހަރު ފަހުން ކަމަށެވެ.

"އަނެއްކާ އެ ތަކެއްޗަށް ޑެމަރޭޖް އެރީމާ މާފުކޮށް ދިނުމަށް ވެސް އެ ކުންފުނިން ވަނީ ރައީސް އޮފީހުގައި އެދިފައި. އެވަރު ކުންފުންޏެއްގެ ވާހަކަ މިދައްކަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ސްޕޯޓްސް ކޯޕަރޭޝަންގެ އޮފީހަކީ ވެސް ޔޫތު މިނިސްޓްރީގެ ތަނެއް ކަން ފާހަގަ ކުރައްވަމުން މަހްލޫފް ވިދާޅުވީ އެ ކުންފުނިން އެ އޮފީހުގައި އެ ތިބެނީ ވެސް ގަދަކަމުން ކަމަށެވެ. އޭގެ ސަބަބުން ސްޕޯޓްސް ކޮމިޝަނަރާއި ބޮޑީ ބިލްޑިން އެސޯސިއޭޝަން ފަދަ އެސޯސިއޭޝަންތަކަށް އޮފީހެއް ދިނުމަށް ވެސް ދަތިވެފައިވާ ކަމަށެވެ.

"ސްޕޯޓްސް ކޯޕަރޭޝަނަކީ ހަމައެކަނި ހެޕީ ފާދާސް ޑޭ އާއި ހެޕީ މަދާސް ޑޭ ކިޔާފައި ޓްވީޓްކު ރަން އޮންނަ ކުންފުންޏެއް،" ކުންފުނީގެ ނާގާބިލްކަން ދެއްކެވުމުގެ ގޮތުން މަހްލޫފް ވިދާޅުވި އެވެ.

މިނިސްޓަރު މަހްލޫފް އިތުރަށް ވިދާޅުވީ ސްޕޯޓްސް ކޯޕަރޭޝަންގެ މައްސަލައަކީ މަޖިލީހުގައި ވެސް "ދެކޮޅަށް ދެމިދެމި" އޮތް، ހައްލު ހޯދަންޖެހޭ މަައްސަލައެއް ކަމަށެވެ.

ސްޕޯޓްސް ކޯޕަރޭޝަނަކީ ކުޅިވަރާ ބެހޭ ގާނޫނުގެ ދަށުން ކުޅިވަރު ޕްރޮމޯޓް ކުރުމަށް އިސްކަންދީގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އުފެއްދެވި ކުންފުންޏެވެ.