އަހުމަދު މަހްލޫފު

އަޑުބަރޭއަށް ފިޔަވަޅެއް ނާޅާނަން: މަހުލޫފް

މަހިންދަ ރާޖަޕަކްސަ ފުޓްބޯޅަ މުބާރާތުގައި ރާއްޖެއިން ސީޝެލްސްއާއެކު އިއްޔެ ކުޅުނު މެޗުގައި ގައުމީ ޓީމުގެ މިޑްފީލްޑަރު އަދި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑްބަރޭ) ސީޝެލްސްގެ ކުޅުންތެރިއެއްގެ ގައިގައި ޖެހި މައްސަލާގައި ފިޔަވަޅެއް ނާޅުއްވާނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.

މަހުލޫފު އެހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިއަދު ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ. ދޮންބިލެތް އެއްސެވީ މެޗުގައި އައްސަދު ދިން އަމަލާ ގުޅިގެން ޔޫތު މިނިސްޓްރީން އޭނާއަށް އެއްވެސް ފިޔަވަޅެއް އަޅުއްވާނެތޯ އެެވެ.

އެ ސުވާލަށް ޖަވާބު ދެއްވައި މަހުލޫފު ވިދާޅުވީ ފުޓުބޯޅަ މެޗެއްގައި ހިނގާ ކަމަކާ ގުޅިގެން ޔޫތު މިނިސްޓްރީން ފިޔަވަޅު އަޅަން ޖެހުމަކީ ޖޯކަކަށް ވާނެ ކަމަށެވެ. އެކަމާ ގުޅިގެން އަޅަން ޖެހޭނީ އޭއެފްސީ އާއި އެފްއޭއެމުން ކަމަށެވެ.

އިއްޔެގެ މެޗުގައި އަޑުބަރޭ ވަނީ ފުންމައިގެން އަރައި ސީޝެލްސްގެ ސްޓީވް ބެނޯއީ ކަނދުރާގައި އުޅަނބޮށިން ޖަހާފައެވެ. އެކަމާ ގުޅިގެން އޭނާއަށް ރަތް ކާޑެއް ވެސް ދެއްކި އެވެ.

މަހުލޫފު ވިދާޅުވީ އަޑުބަރޭގެ އެ އަމަލާމެދު ހިތާމަ ކުރައްވާ ކަމަށާއި އެކަމާމެދު ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑަކަށް ވެސް އެ މަންޒަރު ރަަނގަޅެއް ނޫން. އަޅުގަނޑު ދަންނަވަން ބޭނުންވަނީ އަޅުގަނޑެއް އައްސަދު ކައިރީގައި ފުޓްބޯޅަ ކުޅުން ހުއްޓާލާކަަށް ނުބުނާނަން. އަޅުގަނޑަކަށް ނުބުނެވޭނެ. އަޅުގަނޑު އެފްއޭއެމްގައި އައްސަދު ގައުމީ ޓީމަށް ނުނަގާކަށް ވެސް ނުބުނާން. ނަގާކަށް ވެސް ނުބުނާނަން. އެކަން ކުރާނީ ކޯޗު ކަމަށް އަޅުގަނޑޫ ގަބޫލު ކުރަނީ" މަހުލޫފް ވިދާޅުވި އެެވެ.

އެހެންކަމުން އަޑުބަރޭއާ މެދު ފިޔަވަޅެއް ނާޅުއްވާނެ ކަމަށް މަހުލޫފު ވިދާޅުވި އެވެ.

މަހުލޫފު ވިދާޅުވީ އަޑުބަރޭ ގައުމީ ޓީމަށް ނެގީ އޭނާގެ ނުފޫޒެއް އޮވެގެން ނޫން ކަމަށާއި އަދި އޭއެފްސީގެ ކްލަބް ޗެމްޕިއަން މެޗުތައް ކުޅުނުއިރު އޭނާގެ ކުޅުން ވަރަށް ރަނގަޅު ވެގެން ކަމަށެވެ. އަދި ފިޓްނަސްގައި ވެސް އަޑުބަރޭ ވަރަށް ރަނގަޅު ކަމަށެވެ.

އަޑުބަރޭގެ އަމަލާ ގުޅިގެން އޭނާގެ މައްޗަށް ފިޔަވަޅު އަޅަން ގިނަ ދިވެހިން ދަނީ ގޮވާލަމުން ނެވެ.

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓަން ނެރެފައިވާ އަމުރު ކްރިމިނަލް ކޯޓުން ބާތިލްކޮށް އަލީ ވަހީދު ފުރާވަޑައިގަތީ އަޑުބަރޭ ޖާމިނުކޮށްފަ އެވެ. އަދި އަލީ ވަހީދު ރާއްޖެ ވަޑައިނުގަތުމުން އަޑުބަރޭގެ މައްޗަށް ފިޔަވަޅު އަޅަން ދައުލަތުން އެދުނު ނަމަވެސް އަދިވެސް ފިޔަވަޅެއް ނާޅައެވެ.