އަހުމަދު މަހްލޫފު

މަސައްކަތް ލަސްވާތީ ގޯސްވީ ކޮންޓްރެކްޓަރު

Nov 17, 2021

ސަރުކާރުން މިހާރު އަޅަމުންދާ ބައެއް ދަނޑުތައް ނުނިމި ލަސްވަމުންދަނީ މަސައްކަތްތައް ހަވާލު ކޮށްފައިވާ ކޮންޓްރެކްޓަރުންގެ ގާބިލްކަން ނެތުމުން ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ވަޒީރާ ސުވާލު ކުރެއްވުމުގެ ވަގުތުގައި މިއަދު އެންމެ ގިނަ މެންބަރުންގެ ކަންބޮޑުވުމަކަށްވީ ޔޫތު މިނިސްޓްރީން އެކިއެކި ފަރާތްތަކާ ހަވާލުކޮށްގެން އަޅަމުންދާ ދަނޑުތައް ނުނިމި ލަސްވުމެވެ.

މެންބަރުންގެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މަހްލޫފް ވިދާޅުވީ ދަނޑުގެ މަސައްކަތްތައް މިހާރު ހިނގަމުންދާ 40 އަކަށް ރަށުގައި މަސައްކަތް ނުނިމި ލަސްވުމުގައި ޔޫތު މިނިސްޓްރީގެ އެއްވެސް އިހްމާލެއް ނޯންނާނެ ކަމަށެވެ.

މަސައްކަތް ނުނިމި ލަސްވެގެން އުޅެނީ 20 ރަށެއްގައި ކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެ ރަށްތައް ލަސްވީ ރާއްޖެއިން ބޭރުން ގެންނަން ޖެހޭ ޓާފްތައް ގެންނަން ހަވާލުކުރި ފަހުން ކޮވިޑާ ކުރިމަތިލާންޖެހުމުން ކަމަށެވެ. އެ ޓާފްތައް ރާއްޖެ ގެނެވުނީ މަސައްކަތް ހަވާލުކުރިތާ އެއް އަހަރު ފަހުން ކަމަށްވާތީ މަސައްކަތް ވަރަށް ބޮޑަށް ލަސްވި ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެހެން އެ ދިމާވީ ކޮންޓްރެކްޓަރުގެ ސަބަބުން ކަމަށެވެ.

"އެ ރަށްތަކުގައި މިއުޅެނީ ލަސްތަކެއް. މިނިސްޓްރީއަށް އެކަމުގައި މިހާރު ކުރެެވެން އޮތް ހަމައެކަނި ކަމަކީ އެއްބަސްވުން ބާތިލްކުރުން. އިންސްޓޮލޭޝަން އެހެން ބަޔަކާ ހަވާލުކުރުން،" މަހްލޫފް ވިދާޅުވި އެވެ.

މިނިސްޓަރު މިއަދު ވަނީ އެ މިނިސްޓްރީގެ މަސައްކަތްތައް މައިގަނޑު ގޮތެއްގައި ކުރަމުންދާ ކުންފުނިތަކުގެ ނަންތައް ވެސް ހާމަކުރައްވާފަ އެވެ. އެގޮތުން އަމީން ކޮންސްޓްރަކްޝަނާއި، ވީއެމްކޯ އާއި ވެލޯސިޓީގެ ނަން ފާހަގަކުރެއްވި އެވެ. މަހްލޫފް ވިދާޅުވީ ވެލޯސިޓީ އަކީ މަޖިލީހުގެ އިދިކޮޅު މެންބަރެއް ކަމަށްވާ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގާ ގުޅިފައިވާ ކުންފުންޏެއް ކަމަށެވެ. އަމީން އާއި ވެލޯސިޓީގެ މަސައްކަތް ޖުމްލަކޮށް ރަނގަޅު ކަމަށްވެސް ވިދާޅުވި އެވެ.

"ވީއެމްކޯގެ މަސައްކަތް ކުރިއަށް ނުކަނޑައިގެން މިއުޅެނީ ޓެކްނިކަލް މީހުން ނެތިގެން ކަމަށް ފެންނަނީ،" މަހްލޫފް ވިދާޅުވި އެވެ.

އަގު ބޮޑުކޮށް މަސައްކަތް ކުރާނަމަ ކުންފުނިތަކެއް ލިބިދާނެ ކަމަށާއި އެކަމަކު ގިނަ ރަށްތަކެއްގައި އެއް ފަހަރާ މަސައްކަތް ކުރާނަމަ އަގަށް ވެސްް ބަލަންޖެހޭ ކަމަށް މަހްލޫފް ވިދާޅުވި އެވެ. ކުންފުނިތަކުގެ ގާބިލްކަން ނެތި މަސައްކަތްތައް ލަސްވުމުން މިނިސްޓަރުގެ ހައިސިއްޔަތުން އެކަމުގައި އުޒުރެއް ދައްކަވަން ބޭނުން ނުވާ ކަމަށާއި މަސައްކަތްތައް އަވަސްކުރަން އިސްކަން ދެއްވާނެ ކަމަށެވެ.

މަހްލޫފް ވިދާޅުވީ މީގެކުރިން އެއްވެސް ސަރުކާރަކުން މަސައްކަތް ކޮށްފައި ނުވާ ވަރަށް މިސަރުކާރުގެ ތިން އަހަރުގައި ކުޅިވަރުގެ ވަސީލަތްތައް ތަރައްގީކުރުމަށް މަސައްކަތް ކުރެވިއްޖެ ކަމަށެވެ. ސަރުކާރުން މިހާރު އިސްކަންދެނީ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްތައް އެޅުމަށާއި ސިންތެޓިކް ޓްރެކް އެޅުމަށް ކަމުގައިވެސް ވިދާޅުވި އެވެ.

"މީގެކުރީގައި އެބަހުރި ވެލި ކޯޓުތައް ނެޓްބޯލް ކޯޓުތަކުއް ބިން މަތީގައި ޓޭޕް ދަމައިގެން ހަދާފައި. އަޅުގަނޑުމެން މިހާރު ނުވެސް ބަަލަން އެއީ ކޯޓުގެ ގޮތުގައެއް،" ޒަމާނީކޮށް މަސައްކަތް ކުރަން ބޭނުންވާ ކަން ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވި އެވެ.

މަހްލޫފް އިތުރަށް ވިދާޅުވީ މިނިސްޓްރީގެ މަސައްކަތްތަކުގެ ތެރެއިން ވެސް އެންމެ ބޮޑު ޝަކުވާއެއް ލިބެނީ ފުޓްބޯޅަ ދަނޑުތަކާއި ފުޓްސަލް ދަނޑު ނާޅާތީ ނުވަތަ ލަސްވާތީ ކަމަށެވެ.

"އެކަމަކު އަޅުގަނޑު ވަކި އެއްޗެއް އަޅާކަށް ނުވަތަ ނާޅަކަން ނުބުނަން. އަޅުގަނޑުމެން ކުރިއަށް މިގެންދަނީ ކައުންސިލްތަކާއި މެންބަރުން ވަކި މަސައްކަތެއް ގެނައިމާ އެކަންކަން،" މަހްލޫފް ވިދާޅުވި އެވެ.