ބޮލީވުޑް

ރަންބީރު-އާލިއާ އަށް ވުރެ ކުރިން އާދަރް-ތާރާގެ ކައިވެނި!

ބޮލީވުޑްގައި މަސައްކަތްކުރާ ޒުވާން ޖޯޑެއްކަމަށްވާ އާދާރް ޖެއިން އާއި ތާރާ ސުތާރިއާ އަންނަ އަހަރު ކުރީކޮޅު ކައިވެނިކުރަން ތައްޔާރުވަމުންދާކަމަށް އިންޑިޔާގެ ނޫސްތަކުން ބުނެފި އެވެ. އާދާރް އާއި ތާރާ ލޯބީގެ ގޮތުން ގުޅިފައިވާކަން އެމީހުން ވަނީ މިދިޔަ އަހަރު އިއުލާންކޮށްފަ އެވެ.

އާދާރް އަކީ ރާޖް ކަޕޫރުގެ ކާފަ ދަރިއެކެވެ. އަދި ރަންބީރު ކަޕޫރުގެ ދެބެންގެ ދެދަރި ކޮއްކޮއެކެވެ. ކަޕޫރު އާއިލާގެ އެކްޓަރުންގެ ކައިވެނީގެ ވާހަކަތަކުގެ ތެރެއިން މިހާޜު އެންމެ އެންމެ އަޑުގަދަ ވެފައިވަނީ ރަންބީރު ކަޕޫރުގެ ކައިވެނީގެ ވާހަކަ އެވެ. ރަންބީރާއި އާލިއާ ބަޓް މި އަހަރު ނިމުމުގެ ކުރިން ކައިވެނިކުރާނެކަމުގެ ވާޙަކަތައް ދާދިފަހުން ވަރަށް ހޫނުވެފައި ވެއެވެ. ނަމަވެސް މި ކައިވެނި އަންނަ އަހަރަށް ލަސްކޮށްލާފައިވާ ކަމަށް ވެއެވެ. އެހެންކަމުން ރަންބީރު އާއި އާލިއާގެ ކައިވެންޏަށް ވުރެ ކުރިން އާދާރް އާއި ތާރާގެ ކައިވެނި އޮންނާނެ ކަމަށް ނޫސްތަކުން ބުނެ އެވެ.

އިންޑިއާގެ ނޫހަކަށް މައުލޫމާތު ދެމުން ކަޕޫރު އާއިލާގެ ގާތް މީހަކު ބުނެފައިވާ ގޮތުގައި އާދާރް އާއި ތާރާ އެކަކު އަނެކަކު ދެކެ ވަރަށް ލޯބިވެ އެވެ. އަދި ދާދިފަހުން ގޯއާގައި ޗުއްޓީ ހޭދަކުރަން ގޮސްތިބެފައި ވަރަށް އަވަހަށް ކައިވެނިކުރަން ނިންމައި އެކަން އާއިލާއާ ހިއްސާ ކޮށްފައިވާ ކަމަށް ވެސް މައުލޫމާތު ދިން މީހާ ބުނެފައި ވެއެވެ.

މިއަހަރު ފިލްމީ މަޖައްލާއަކަށް ދީފައިވާ އިންޓަވިއު އެއްގައި އާދާރް ބުނެފައިވަނީ އޭނާގެ ހަޔާތުން ތާރާއަށް ޚާއްސަ ޖާގައެއް ހުސްކޮށްފައިވާ ކަމަށާއި އެންގޭޖްމެންޓް ބާއްވާނެ ދުވަހެއް އަދި ނިންމާފައި ނުވާ ކަމަށެވެ.

އާދާރް އެންމެ ފަހުން ކުޅެފައވާ "ހަލޯ ޗާލީ" މިދިޔަ އޭޕްރީލްގައި ވަނީ ރިލީޒްކޮށްފަ އެވެ. ތާރާގެ "ތަޅަޕް" ވަރަށް އަވަހަށް ރިލީޒްކުރަން ދަނީ ތައްޔާރުވަމުންނެވެ. މިއީ ސުނިލް ޝެޓީގެ ފިރިހެން ދަރިފުޅު އާހާން ޝެޓީގެ ފުރަތަމަ ފިލްމެވެ. އަދި ޑައިރެކްޓަރު މޯހިތު ސޫރީގެ "އޭކް ވިލަން ރިޓާންސް"ގައި ވެސް ތާރާ މުހިއްމު ރޯލެއް އަދާ ކުރެ އެވެ.