ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ބޫސްޓާ ޑޯޒް 5،390 މީހުން ޖަހައިފި

Nov 18, 2021

ކޮވިޑް ވެކްސިންގެ ތިންވަނަ ޑޯޒް -- ބޫސްޓާ ޑޯޒް -- 5،000 އަށް ވުރެ ގިނަ މީހުން ޖަހައިފި ކަމަށް ހެލްތު ފްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން އާންމު ކޮށްފައިވާ ކޮވިޑް ވެކްސިންގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިހާތަނަށް 395،195 މީހުން ކޮވިޑްގެ ފުރަތަމަ ޑޯޒް ޖަހަފާއިވެ އެވެ. އަދި 361،391 މީހުން ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައިވެ އެވެ.

ކޮވިޑް ވެކްސިންގެ ތިންވަނަ ޑޯޒް އެޗްޕީއޭއިން ޖަހަން ފަށާފައިވަނީ މި މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެނެވެ. އެއީ 60 އަހަރުން މަތީގެ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނާއި ފްރޮންޓް ލައިންގައި މަސައްކަތް ކުރާ ސިއްހީ މުވައްޒަފުން އެކަންޏެވެ.

މިހާތަނަށް އެ ވެކްސިން ޖަހާފައިވަނީ 5390 މީހުނެވެ. ތިންވަނަ ޑޯޒެއްގެ ގޮތުގައި ދެނީ ފައިޒާ ވެކްސިނެވެ.

ތިންވަނަ ޑޯޒް ޖަހަން ޝަރުތު ހަމަވާ ފަރާތްތަކަށް ހެނދުނު 9:00 އިން މެންދުރު 2:00 އަށް އޭޑީކޭ ހޮސްޕިޓަލުންނާއި ހުޅުމާލެ ހޮސްޕިޓަލުން ވެކްސިން ޖެހޭނެ އެވެ. އަދި ހެނދުނު 10:00 އިން މެންދުރު 12:00 އަށް ވިލިމާލެ ހޮސްޕިޓަލުން ވެސް ތިންވަނަ ޑޯޒް ޖެހޭނެ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

އޭޑީކޭ ހޮސްޕިޓަލުންނާއި ހުޅުމާލެ ހޮސްޕިޓަލުން އެޕޮއިންޓްމެންޓަކާއި ނުލައި ވެސް ތިންވަނަ ޑޯޒް ޖެހޭނެ އެވެ. އެހެން ސެންޓަރުތަކަށް ވެކްސިން ޖަހަން ދާއިރު ވެކްސިން އެޕޮއިންޓްމަންޓް ހައްދަން އެޗްޕީއޭއިން ވަނީ އަންގާފަ އެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ޕްރޮގްރާމުގައި ބޭނުންކުރަނީ ކޮވިޝީލްޑާއި، ސިނަފާމް، އެސްޓްރާޒެނަކާ އަދި ފައިޒާ އެވެ.