ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ތައުލީމީ ދާއިރާއަށް އިންގީލާބީ ބަދަލުތަކެއް ގެނެވިއްޖެ: ރައީސް

ރާއްޖޭގެ ތައުލީމީ ދާއިރާއަށް އިންގީލާބީ ބަދަލުތަކެއް ގެނެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

2019 ވަނަ އަހަރުގެ ސާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ދިނުމަށް ބޭއްވެވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުގެ ތައުލީމީ ސިޔާސަތަކީ ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ މީހުން ބިނާކުރުމާއި ދަރިވަރުންނަށް ފާގަތި މުސްތަގްބަލެއް ހޯދައިދިނުން ކަމަށެވެ. އެގޮތުން މިދިޔަ ތިން އަހަރުގެ ތެރޭގައި ރާއްޖޭގެ ތައުލީމީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"ރާއްޖޭގައި ތިބެގެން ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމަށް ހުޅުވައިލި ފުރުސަތުގައި ހީނުކުރާހާ ގިނަ އަދަދެއްގެ ދަރިވަރުން މިހާރުވެސް އަންނަނީ ކިޔަވަމުން. ހެނދުނުގެ ނާސްތާ ޕްރޮގްރާމަކީ ދަރިވަރުންގެ ހަށިހެޔޮކަމާއި ދުޅަހެޔޮކަމަށްޓަކައި ކުރަން ފެށި ވަރަށް މުހިންމު މަސައްކަތެއް،"

ރައީސް ވިދާޅުވީ ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން މިވަގުތު މަޑުޖައްސާލައިފައި އޮތަސް ނާސްތާއަށް ބޭނުންޖެހިފައި ތިބި 600 އަށްވުރެ ގިނަ ދަރިވަރުންނަށް މިހާރުވެސް ހެނދުނުގެ ނާސްތާ ދެމުން ގެންދާ ކަމަށެވެ. ދަރިވަރުންގެ ސްކޫލް މަރުހަލާގައި ސިއްހީ ދުޅަހެޔޮކަން ކަށަވަރު ކުރުމަކީ ސަރުކާރުން ކުރަންޖެހޭނެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ. 2019 ވަނަ އަހަރު ފެށި އިންޓަގްރޭޓެޑް ހެލްތު ސްކްރީނިން ޕްރޮގްރާމުން އެކަން ހާސިލު ކުރެވޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ތައުލީމުގެ ގާނޫނެއް ތަންފީޒު ކުރަން ފެށުންވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

"އާދެ މި ދެ ގާނޫނުގެ ބޭނުމަކީވެސް ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އުނގެނުމުގެ ހައްގު ތައުލީމީ ހުރިހާ މަރުހަލާއެއްގައި ފުރިހަމައަށް ކަށަވަރު ކޮށްދިނުން. އެއްވެސް ތަފާތު ކުރުމެއް ނެތި ފެންވަރު ރަނގަޅު ތައުލީމާއި ތަމްރީނުދީ އިސްލާމީ އަގީދާ އާއި އިސްލާމީ ތަރުބިއްޔަތު ދެވޭނެ މާހައުލެއް ގާއިމުކޮށްދިނުމަކީވެސް މި ގާނޫނުގެ ވަރަށް މުހިންމު މަގުސަދެއް،"

ތައުލީމީ ދާއިރާއަށް ހާއްސަކޮށްގެން ޔުނެސްކޯގެ އެހީގައި އެކުލަވައިލި އައިސީޓީ މާސްޓާ ޕްލޭން ނިމިފައިވާކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ މި އަންނަ ޖަނަވަރީ މަހުގެ ތެރޭގައި އެ މާސްޓާ ޕްލޭނަށް އަމަލުކުރަން ފެށޭނެ ކަމަށެވެ.

މިއަހަރުގެ ތެރޭގައިވެސް މުޅިން އައު ކަމެއް ތައުލީމީ ދާއިރާއަށް ތައާރަފް ކުރަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ ސެޓެލައިޓް މަފްހޫމުގެ ދަށުން ކިޔަވައިދޭން ފެށުން ކަމަށާ ސްކޫލްގައި ކިޔަވާ އުމުރުގެ ކުދިން މަދުވުމުން ސްކޫލް ނެތް ތިން ރަށެއްގައި މި އަހަރުގެ ދެވަނަ ވަނަ ޓާރމްގައި މި ޕްރޮގްރާމް ފެށޭނެ ކަމަަސް ވިދާޅުވިއެވެ އެއީ ބ. އަތޮޅު ފެހެންދު އާއި ވ. ތިނަދު އަދި އެ އަތޮޅު ރަކީދޫއެވެ.

"އޭރުން އެ ތިން ރަށުގެ ދަރިވަރުން، ކިޔެވުމަށްޓަކައި ފެރީއެއްގައި އެހެން ރަށަކަށް ދިޔުމަށްޓަކައި އުފުލަންޖެހޭ ބުރަ ފިލައިގެންދާނެ. އެ ތިން ރަށުގެ ދަރިވަރުންނަށް ކިޔަވައިދޭނީ، މާލޭގެ ހުރަވީ ސްކޫލްގައި ޤާއިމުކޮށްފައި ހުންނަ ސެޓެލައިޓް ހަބްގައި ތިއްބަވާ ޓީޗަރުން،" ރައީސް ވިދާޅުވިއެވެ.