ރައްޔިތުންގެ މަޖިލިސް

މުރައިދޫގެ މަޖިލީހާ ހަވާލު ކޮށްފި

Nov 21, 2021

ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވުމަށް މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުން ގެންދިޔަ މ. މުރައިދޫގޭގެ މައިގަނޑު މަަސައްކަތްތައް ނިންމުމަށް ފަހު އެ އިމާރާތް ރައްޔިތުންގެ މަޖިލީހުގެ އިދާރާއާ ހަވާލު ކޮށްފި އެވެ.

މުރައިދޫގެ މަރާމާތުކުރުމުގެ މަސައްކަތް ފެށީ މީގެ ހަތަރު މަސް ދުވަސް ކުރިންނެވެ. އެ އިމާރާތް މަޖިލީހުގެ އިދާރާއާ އިއްޔެ ހަވާލު ކޮށްފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.

މުރައިދޫގޭގެ މަރާމާތުގެ މަސައްކަތަށް ކިހާ ވަރެއް ހަރަދުވިތޯ އަވަސް އިން ސުވާލު ކުރުމުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ އިމާރާތުގެ މަރާމާތަށް ހަރަދުވި ވަރެއް މިވަގުތު އެނގިވަޑައިނުގަންނަވާ ކަމަށެވެ.

"އަދި އެއްކޮށް ނުވެސް ނިމޭ އިނގޭތޯ؟ ތަން އަދި ހަވާލުކުރި ނަމަވެސް ކޮށްލަންޖެހޭ ކަންކަން އަދިވެސް ހުންނާނެ ނޫންތޯ؟" ހަރަދާ ގުޅޭ ގޮތުން ސުވާލު ކުރެއްވުމުން އަކްރަމް ވިދާޅުވި އެވެ.

މުރައިދޫގެ މަޖިލީހުގެ އިދާރާއާ ހަވާލުކޮށްފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނި ނަމަވެސް މަޖިލީހުގެ އިދާރާއިން ބުނީ ރަސްމީކޮށް އަދި އެކަން ކޮށްފައި ނުވާ ކަމަށެވެ.

މުރައިދޫގެ މަރާމާތު ކުރުމުގެ މަސައްކަތް ކުރީ ސިފައިންގެ ކުންފުނި، ސިފްކޯ އިންނެވެ. ޕްލޭނިން މިނިސްޓްރީން ކުރިން މަސައްކަތް ކުރީ މިދިޔަ މަހުގެ ނިޔަލަށް މުރައިދޫގޭގެ މަސައްކަތް ނިންމާށެވެ.

މުރައިދޫގޭގެ މަރާމާތުގެ މަސައްކަތް ނިންމިއިރު އެގޭގެ ފުރަގަހުން އޮންނަ ހައިކޯޓުގެ ޕާކިން ޒޯންގެ ބައެއް ނަގައި، މުރައިދޫގޭގެ ވަލުދޮރޯށި ވަނީ އެ ދިމާލަށް ކަނޑާފަ އެވެ. މުރައިދޫގޭގެ ކުރިމަތިން މަގުމަތީގައި ރަތް ރޮނގު ދަމާ އެ ސަރަހައްދުގައި މަޑުކުރުމާއި ޕާކް ކުރުން ވެސްފުލުހުން ވަނީ މަނާކޮށްފަ އެވެ.

މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާ ގުޅިގެން ރާއްޖެއިން ބޭރުގައި ފަސް މަސް ދުވަހު ހުންނެވުމަށްފަހު ނަޝީދު މާލެ ވަޑައިގެންނެވީ މިދިޔަ މަހުގެ 11 ވަނަ ދުވަހު އެވެ. މާލެ ވަޑައިގަތުމަށްފަހު މިދިޔަ މަހުގެ 29 ވަނަ ދުވަހު ކޮޕް ސަމިޓަށް ސްކޮޓްލެންޑަށް ފުރާވަޑައިގަންނަވަންދެން ނަޝީދު ހުންނެވީ ހޮޓެލް ޖެންގަ އެވެ. ކޮޕް ސަމިޓަށް ވަޑައިގެންނެވި ގޮތަށް އެމަނިކުފާ އަދި މާލެ ވަޑައި ނުގަންނަވަ އެވެ.

ބޮމުގެ ހަމަލާއާއި ގުޅިގެން ރައީސް ނަޝީދަށް ބޭނުންވާ ސިއްހީ ފަރުވާ ޖަރުމަނާއި އިނގިރޭސިވިލާތުން ހޯއްދެވުމަށާއި އެމަނިކުފާނު ހޮޓެލް ޖެންގައި ހުންނެވުމަށް ދައުލަތުން ވަނީ 2.4 މިލިއަން ރުފިޔާ ހަރަދު ކޮށްފަ އެވެ.

އުއްތަމަ ފަނޑިޔާރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވުމަށް ދައުލަތުން ވަކި ތަނެއް ހަމަޖައްސަން ސަރުކާރުން ނިންމީ ބޮމުގެ ހަމަލާއާ ގުޅިގެން މަޖިލީހުގެ ރައީސް އާއި އުއްތަމަ ފަނޑިޔާރުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އިތުރު ފިޔަވަޅުތަކެއް އަޅަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެންގެވުމާ ގުޅިގެންނެވެ.

ދެ ބާރުގެ ވެރިން ދިރިއުޅުއްވާނެ ތަނަކާއި އެ ބޭފުޅުންގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރުމަށް އިންތިޒާމުތަކެއް ހަމަޖައްސަނީ ފަނޑިޔާރުންގެ ގާނޫނަށާއި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނު އިސްލާހު ކުރުމަށްފަހު އެވެ.

އުއްތަމަ ފަނޑިޔާރާއި މަޖިލީހުގެ ރައީސް ދިރިއުޅުއްވަން ހަމަޖައްސާ ތަނަކަށް ހިނގާނެ ހަރަދާއި މުވައްޒަފުން ހަމަޖެއްސުމަކީ އިސްލާހުގައިވާ ގޮތުން އެ ދެ ބޭފުޅުން ނިސްބަތްވާ ދައުލަތުގެ މުއައްސަސާތަކުން ހަމަޖައްސައިދޭން ޖެހޭ އިންތިޒާމުތަކެކެވެ. އެއީ ސުޕްރީމް ކޯޓާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން މިވަގުތު ދިރިއުޅުއްވަމުން ގެންދަވަނީ އެ ބޭފުޅުންގެ އަމިއްލަފުޅު ގޭގަ އެވެ. އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވުމަށް ވަގުތީ ގޮތުން ހަމަޖައްސާފައި ވަނީ އަބްދުﷲ ޖިހާދު ނައިބު ރައީސް ކަމުގައި ހުންނެވިއިރު އެމަނިކުފާނު ދިރިއުޅުއްވި ރެހެންދި އެޕާޓްމަންޓެވެ.