އެމްއޭސީއެލް

ހުޅުމާލެ މަތިން ސީޕްލޭން ދަތުރުކުރުން ހުއްޓާލައިިފި

Nov 21, 2021

ހުޅުމާލެ މަތިން ސީޕްލޭން ދަތުރުކުރުން ހުއްޓާލައިިފި އެވެ.

އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން އެމްއޭސީއެލްގެ ކޯޕަރޭޓް ކޮމިއުނިކޭޝަންސްގެ ޖެނެރަލް މެނޭޖަރު ހަސަން އަރީފް ވިދާޅުވީ މިބަދަލަކީ އެމްއޭސީއެލްގެ މާސްޓާ ޕްލޭންގައި ހިމެނިގެން ގެނައި ދާއިމީ ބަދަލެއް ކަމަށެވެ.

ހުޅުލެ ފަޅުތެރެއިން ސީޕްލޭންތައް އާންމުކޮށް ނައްޓާލާނީ އުތުރަށް އަދި އުތުރު ދެކުނަށެވެ. އަދި އެތަނަށް ޖައްސާނީ ހުޅުމާލޭގެ ބޮޑު މަތިން އައިހެވެ.

އެމްއޭސީއެލް އިން މި ގެނައި ބަދަލާ ގުޅިގެން ހުޅުލެ ފަޅުތެރެއަށް ޖައްސާ ސީޕްލޭންތައް ދެން ޖައްސަން އަންނާނީ ހުޅުމާލޭގެ އިރުމަތީ ފަޅުމަތިންނެވެ.

"މިއީ ރައްކާތެރިކަމުގެ ގޮތުން ވެސް ވަރަށް މުހިއްމު ބަދަލެއް. މިއީ ދާއިމީ ރަނގަޅު ބަދަލެއް،" ހަސަން ވިދާޅުވި އެވެ.

ހުޅުލެއަށް ޖައްސަންދާ ސީޕްލޭންތައް ވަރަށް ތިރިން ދަތުުރުކުރާތީ އެ އަޑު ބައެއް އިމާރާތްތަކަށް ވަރަށް ބާރަށް އިވެ އެވެ. އެހެންވެ އެއީ ހުޅުމާލޭގައި ދިރިއުޅޭ އާންމުންގެ ވަރަށް ބޮޑު ޝަކުވާ އެކެވެ.

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ފްލީޓް ވެސް އޮތީ ރާއްޖޭގައި ކަމަށްވާތީ އެމްއޭސީއެލް އިން އެޅި ފިޔަވަޅަކީ ރައްކާތެރިކަމުގެ ގޮތުން ބަލާއިރު ރަނގަޅު ފިޔަވަޅެއް ކަމަށް އޭވިއޭޝަން ދާއިރާގެ ބައެއް ތަޖުރިބާކާރުން ވިދާޅުވެ އެވެ.