އިމިގްރޭޝަން

ބިޒްނަސް ވިސާ ހަމަހަށް ދޫކުރެވޭ ގޮތް ހަދައިފި

Nov 21, 2021

ބިޒްނަސް ވިސާ ގަވައިދު އިސްލާހުކޮށް ވިސާ ދޫކުރަމުން ދިޔަ މުއްދަތަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބަދަލު ގެނެސްފި އެވެ.

ބިޒްނަސް ވިސާ އަކީ ވިޔަފާރީގެ ތަފާތު ބޭނުންތަކަށް ރާއްޖެއަށް ޒިޔާރަތް ކުރާ ބިދޭސީންނަށް ހާއްސަކޮށްގެން ބިޒްނަސް ވިސާ ގަވާއިދުގެ ދަށުން ދޫކުރާ ވިސާ އެކެވެ.

އިމިގްރޭޝަނުން ބިޒްނަސް ވިސާ ދޫކުރަނީ ސަރުކާރުން ކަނޑައަޅާފައިވާ ވަކި ގިންތި ތަކެއްގެ ވިޔަފާރިޔެއް ނުވަތަ ވަކި ކަހަލަ މަސައްކަތެއް ރާއްޖޭގައި ކުރަން އަންނަ ބަޔަކަށެވެ.

ބިޒްނަސް ވިސާ ކުރިން ދޫކުރަމުން ދިޔައީ ތިން މަހަށެވެ. މުއްދަތު އިތުރުކުރަން ބޭނުންވާ ކޮންމެ ފަހަރަކު އެއް މަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ކުރިން މުއްދަތު އިތުުރުކޮށްދެ އެވެ.

ބިޒްނަސް ވިސާ ގަވައިދު އަލުން އިސްލާހުކުރީ އެއްފަހަރާ ހަމަސް ދުވަހަށް ވުރެ އިތުރު ނުވާހެން ވިސާ ދޫކުރެވޭ ގޮތަށެވެ. މުއްދަތު އިތުރުކުރާނަމަ 30 ދުވަހާއި 90 ދުވަހާ ދެމެދުގެ އަދަދަކަށް މުއްދަތު އިތުރުކުރުމަށް ވެސް ފުރުސަތު ދީފައިވެ އެވެ.

ގަވައިދުގައި މިހާރު އޮތް ގޮތުން ހަމަސް ދުވަހަށް ދޫކުރާ ބިޒްނަސް ވިސާ އަށް ރާއްޖެ ނައިސް ތިން މަސް ވެއްޖެނަމަ އެ ވިސާ ބާތިލްވާނެ އެވެ. ގަވައިދުގައި ކުރިން އޮތީ ބިޒްނަސް ވިސާ ދޫކުރާތާ ހަމަސް ތެރޭގައި ރާއްޖެ ނައިސްފިނަމަ ވިސާ ބާތިލްވާ ގޮތަށެވެ.