މިނިސްޓްރީ އޮފް އެޑިއުކޭޝަން

އެސެސްމަންޓަށްފަހު އަރަބިއްޔާގެ އިމާރާތް މަރާމާތުކުރަން ފަށާނެ: އެޑިޔުކޭޝަން

Nov 21, 2021
2

އަރަބިއްޔާ ސްކޫލު ހިންގަމުންދާ އިމާރާތުގެ އެސެސްމަންޓް ހަދަން ބަޔަކާ ހަވާލުކޮށްފައިވާތީ އެ މަސައްކަތް ނިމުނުހާ އަވަހަށް އެ އިމާރާތް މަރާމާތުކުރުމުގެ މަސައްކަތް ފަށާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އަރަބިއްޔާގެ ދަރިވަރުން ކިޔަވަމުންދާ އިމާރާތަށް ލިބިފައިވާ ބޮޑެތި ގެއްލުންތައް ފެންނަހެން ނަގާފައިވާ ފޮޓޯތަކެއް ބައެއް އިލްމުވެރިންނާއި އާންމުން މިއަދު ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. އެ ފޮޓޯތައް ބެލުމަށްފަހު އެތައް ބަޔަކު ވަނީ އިމާރާތުގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މިކަމާ ގުޅިގެން އެޑިޔުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު މިރޭ ވިދާޅުވީ އަރަބިއްޔާގެ ދަރިވަރުން ކިޔަވަމުންދާ އިމާރާތުގެ މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާތީ އެ އިމާރާތުގެ ސްޓްރަކްޗަރަލް އެސެސްމެންޓެއް ހަދަން ބަޔަކާ ހަވާލުކޮށްފައިވާ ކަމަށެވެ. އެ މަސައްކަތް ގިނަވެގެން ދެ މަސް ތެރޭގައި ނިމޭނެ ކަމަށާއި ނިމުނުހާ އަވަހަށް މަސައްކަތް ފަށާނެ ކަމުގެ ޔަގީންކަން ދެއްވެވި އެވެ.

"އަނެއްކާ އަރަބިއްޔާގެ ބެލެނިވެރިންނާ އެކު މީގެކުރިން މިނިސްޓަރު ވެސް ބައްދަލުވުމެއް ބާއްވަވާ އެ އިމާރާތުގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ވަނީ ހިއްސާކުރައްވާފައި. މިނިސްޓްރީން ވަރަށް ގާތުން އެ އިމާރާތުގެ ކަންކަން ބަަލަން،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕްލޭނިން މިނިސްޓްރީގެ އިންޖިނިއަރުން މެދުވެރިކޮށް އަރަބިއްޔާގެ ދަރިވަރުން ބޭނުންކުރާ އިމާރާތްތަކުގެ ވިޒުއަލް އިންސްޕެކްޝަނެއް ވެސް ހަދާފައިވާ ކަމަށެވެ. އަދި އެ އިމާރާތަށް ލިބިފައިވާ ގެއްލުންތަކަށް ހައްލު ހޯދުމުގެ ގޮތުން ދޭތެރެއަކުން މަރާމާތުގެ ބައެއް މަސައްކަތްތައް ކުރެވިފައި ހުރިކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

އަރަބިއްޔާ ސްކޫލަކީ ރާއްޖޭގައި އަރަބި މީޑިއަމަށް ކިޔަވައިދޭ ހަމައެކަނި ސްކޫލެވެ. އަރަބިއްޔާގެ ދަރިވަރުންނާއި މުދައްރިސުން ބޭނުންކުރާ އިމާރާތަކީ މާލޭގެ އެހެން ސްކޫލުތަކުގެ އިމާރާތްތަކާ ބަލާއިރު މާފަހުން އިމާރާތް ކުރި ތަނެކެވެ. އެހެންކަމުން އެ އިމާރާތަށް ދިމާވެފައި ހުރި ހަގީގީ މައްސަލަ އެނގުނުހާ އަވަހަށް މައްސަލަ ހައްލުކުރަން ތައްޔާރުވަމުންދާ ކަމަށްވެސް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައިވެ އެވެ.