ސްރީލަންކާ

ލަންކާގެ އާ އެއާލައިނެއްގެ ދަތުރުތައް ރާއްޖެއަށް ފަށަނީ

Nov 22, 2021

ސްރީލަންކާގެ މުޅިން އާ އެއާލައިނެއް ކަމަށްވާ ފްލައި ލަންކަން އޭޝިއާގެ ދަތުރުތައް ފަށާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނައިފި އެވެ.

ފްލައި ލަންކަން އޭޝިއާގެ ދަތުރުތައް އެންމެ ފުރަތަމަ ފަށަން ހަމަޖެހިފައިވަނީ ދިވެހިރާއްޖެ، އިންޑިއާ، މެލޭޝިއާ، އިންޑޮނޭޝިއާ، މިޔަންމާ އަދި ދުބާއީ އަށެވެ.

މިދަތުރުތަކުގައި އެ އެއާލައިނުން ބޭނުންކުރުމަށް ހަމަޖައްސާފައިވަނީ ބޮއިން 737 މަރުކާގެ 160 އާއި 190 އާއި ދެމެދުގެ އަދަދަކަށް ޕަސެންޖަރުން އުފުލޭ އެއާކްރާފްޓް ތަކެކެވެ.

އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ފްލައި ލަންކަން އޭޝިއާގެ ދަތުރުތައް ފެށުމަށްފަހު ސައުދީ އަރަބިއްޔާ އަށް ހާއްސަ ދަތުރުތަކެއް ކުރުމަށްވެސް އެ އެއާލައިނުން ދަނީ މަސައްކަތް ކުރަމުންނެވެ.

ފްލައި ލަންކަން އޭޝިއާގެ ސީއީއޯ ޑރ. އަރޯޝާ ފެނާންޑޯއާ ހަވާލާދީ ލަންކާގެ ނޫސްތަކުގައިވާ ގޮތުން އެ އެއާލައިންގެ ދަތުރުތަކުގެ އަގު ހެޔޮވާނެ އެވެ. އަދި އެ އެއާލައިންގެ މައިގަނޑު އަމާޒަކީ ކާގޯ މާކެޓްގައި ވާދަވެރިކަން އިތުރުކޮށް ރަނގަޅު ހިދުމަތެއް ދިނުން ކަމަށް ވިދާޅުވެފައިވެ އެވެ.

ފްލައި ލަންކަން އޭޝިއާގެ ދަތުރުތައް ފެށުމާ އެކު އެ އެއާލައިން ވެގެންދާނީ ލަންކާ ސަރުކާރުން ހުއްދަ ދޭ ތިންވަނަ ބައިނަލްއަގްވާމީ އެއާލައިނަށެވެ.

ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީއާއި އެމްއޭސީއެލް އިން އާންމުކުރާ ތަފާސްހިސާބަށް ބަލާއިރު ރާއްޖެއަށް މިވަގުތު 34 އެއާލައިނަކުން ގެންދަނީ ދަތުރު ކުރަމުންނެވެ.