އިމިގްރޭޝަން

މިހާރު 24 ގަޑިއިރު ޕާސްޕޯޓަށް އެދެވޭނެ

Nov 23, 2021

ކުރިއެކޭ އެއްގޮތަށް ހަފްތާގެ ހުރިހާ ދުވަހެއްގައި 24 ގަޑިއިރު ޕާސްޕޯޓުގެ ހިދުމަތަށް އެދި ހުށަހެޅޭނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަނުން މިއަދު ބުނީ އެ އިދާރާގެ އޮންލައިން ޕޯޓަލް "އިމުގަ" މެދުވެރިކޮށް އޮންލައިންކޮށް ޕާސްޕޯޓުގެ ހިދުމަތަށް އެދި މިހާރު ހުށަހެޅޭނެ ކަމަށެވެ.

އިމިގްރޭޝަންގެ ހިދުމަތްތައް އޮންލައިންކޮށްފައި ވަނީ 2019 ވަނަ އަހަރުގެ އޭޕްރީލް މަހު އެވެ. އިމިގްރޭޝަންގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ޕާސްޕޯޓަށް އެދި ހުށަހެޅުމާއި ފައިސާ ދެއްކުން އޮންލައިން ކުރި އެވެ.

ނަމަވެސް މިމަހުގެ ހަތަރު ވަނަ ދުވަހުން ފެށެގެން ކުރިން އިމިގްރޭޝަނުން ވަނީ ޕޯޓަލްގެ ފެންވެރު ރަގަޅު ކުރުމަށް، 24 ގަޑިއިރު ދެމުން އައި ހިދުމަތުގެ ވަގުތުތައް ލިމިޓްކޮށްފަ އެވެ. އެގޮތުން ހިދުމަތް ދެމުން އައީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ.

އިމިގްރޭޝަނުން ބުނެފައި ވަނީ ޕާސްޕޯޓުގެ ހިދުމަތް ދެމުން ދާނީ އެޕްލިކޭޝަން ފޯމުގެ ތަރުތީބުން ކަމަށެވެ. ފައިސާ ދައްކާތާ 24 ގަޑިއިރުގެ ތެރޭގައި ޕާސްޕޯޓު ދޫކުރާނެ އެވެ. ޕާސްޕޯޓު ބަލާ ދިޔުން ފިޔަވައި ހުރިހާ ހިދުމަތެއް އޮންލައިން ޕޯޓަލް މެދުވެރިކޮށް ލިބެން ހުންނާނެ އެވެ.