ޕީއެސްއެމް

"ބޯޑުން ވަކިކުރި ކަމެއް އަދި ނާންގާ"

Nov 23, 2021

ހިންގުން ދޯދިޔާވެ ފާޑު ކިޔުންތައް އަމާޒުވެފައިވާ ޕީއެސްމްގެ ބޯޑުން، މެންބަރު އަލީ މިދުހަތު (އަލްމިދޭ) ވަކި ކުރަން ނިންމައި އޭނާގެ ބަދަލުގައި ކުރިން ޓީވީއެމްގެ ސީއީއޯއަކަށް ހުންނެވި މުހައްމަދު އާސިފު (މޮންދު) ބޯޑަށް ނިންމި ނަމަވެސް އަދި އެކަން ސަރުކާރާއި ޕީސީބީން އަންގާފައި ނުވާ ކަމަށް މިދުހަތު ވިދާޅުވެއްޖެ އެވެ.

މިދުހަތު ވިދާޅުވީ އޭނާ ވަކި ކުރި ވާހަކަ އާއި އެހެން ބޭފުޅަކު ބޯޑަށް އައްޔަން ކުރާ ވާހަކަ މިޑިއާގައި އޮތް ނަމަވެސް ރަސްމީކޮށް އޭނާއަށް ހަމައަށް އެކަން ނާންނަ ކަމަށެވެ.

"އަޅުގަނޑުގެ ރަސްމީ ކޮމެންޓަކީ ޕީސީބީން އަދި އެއްޗެއް އަންގާފައެއް ނެތޭ. އަދި ސަރުކާރުން ވެސް އެއްޗެއް ނާނގައޭ. އެހެން ނަމަވެސް އަޅުގަނޑާއެކު ސަރުކާރުން ކޮށްފައިވާ މުއާމަލާތްތަކެއް އެބަހުރި އެކި ކަންކަމާ ގުޅިގެން އެކަން އަޅުގަނޑު ހާމަ ކުރާ ވަގުތެއް ނޫން މިއީއަކީ،" އޭނާ ވިދާޅުވި އެވެ.

މިދުހަތު ބޯޑުން ވަކި ކުރަން ނިންމީ ނަސްރުގެ ދުވަހަކީ ބީ ކެޓަގަރީ ދުވަހެއްގެ ގޮތުގައި ޕީއެސްއެމުން ނިންމި ނިންމުމާ ދެކޮޅު ހެދުމުގެ އިތުރުން ޕީއެސްމެގެ 15 ބުރީގެ އިމާރާތުގެ ކަންކަމުގައި ހިޔާނާތް އެކުލެވޭ ގޮތަކަށް ކަންކަން ގެންދަން މަސައްކަތް ކުރާތީ އެކަމާ ދެކޮޅު ހެދުމާއި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދާ ގުޅުން ގޯސް ވެގެން ކަމަށް އަޑުތައް ފެތުރިފައި ވެއެވެ.

އެ ސުވާލަށް މިދުހަތު އެއްވެސް ޖަވާބެއް ނުދެއްވަ އެވެ. މިދުހަތު ޕީއެސްއެމް ބޯޑަށް އައްޔަން ކުރައްވައިފައިވަނީ 2019 ވަނަ އަހަރު އެވެ.