އަރަބިއްޔާ ސްކޫލް

އަރަބިއްޔާގައި ކިޔަވަން އަދި ނުރައްކަލެއް ނެތް: މިނިސްޓަރު

ރެނދު އަޅައި ގެއްލުންތަކެއް ވެފައިވާ އަރަބިއްޔާ ސްކޫލުގެ އިމާރާތުގައި ދަރިވަރުން ކިޔެވުމަށް އަދި ނުރައްކަލެއް ނެތް ކަމަށް އެޑިއުކޭޝަން މިނިސްޓަރުު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ. ހައިތަމް އެއްސެވީ އަރަބިއްޔާ ސްކޫލުގެ އިމާރާތުގެ ސްޓްރަކްޗާއަށް ގެއްލުން ލިބި އެ ސްކޫލަށް ދަރިވަރުން ފޮނުވަން ބެލެނިވެރިން ޖެލިލުން ވާތީ އެކަމަށް ހައްލެއް އެބަ އޮތްތޯ އެެވެ.

އެ ސުވާލަށް ޖަވާބު ދެއްވައި މިނިސްޓަރު ވިދާޅުވީ އަރަބިއްޔާގެ ސްކޫލުގެ ހާލަތާމެދު މިނިސްޓްރީން ވެސް ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އަރަބިއްޔާ ސްކޫލު ހުޅުވީ 2013 ވަނަ އަހަރުގައި ކަމަށާއި އެ އިމާރާތުގައި ބޮޑެތި ރެނދުތައް ހުރިކަން މިނިސްޓްރީގެ ސަމާލުކަމަށް އައީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހު ކަމަށެވެ. އަދި އެކަން ފާހަގަވިތަނާ އިންސްޕެކްޝަންއަށް އިންޖިނިއަރުން ފޮނުވި ކަމަށާއި އެ ބޭފުޅުންނާއި ޕްލޭނިން މިނިސްޓްރީން ވިޝުއަލް އިންސްޕެކްޝަނެއް ހެދި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އަރަބިއްޔާގެ ހާލަތު ބެލުމަށް ފަހު އެ ބޭފުޅުން އެކުލަވާލި ރިޕޯޓުގައި އެ ސްކޫލުގެ ސްޓްރަކްޗަރަލް އެސެސްމަންޓެއް ހަދަން ލަފާ ދިން ކަމަށެވެ. އަދި އެ އެސެސްމަންޓްގެ މަސައްކަތް މިހާރު ފަށައިފައިވާ ކަމަށެވެ.

"[އެ ބޭފުޅުން ހިއްސާކުރި] ރިޕޯޓުގައި މައިގަނޑު ގޮތެއްގައި ހިއްސާކުރައްވާފައި އޮތީ ވިޝުއަލް އިންސްޕެކްޝަނަކުން އަދި އެ ސްކޫލުގައ ހުރި އެ ޑެމޭޖާސްތައް އަންދާޒާކުރާކަށް ނޭނގޭނެއޭ. އެހެންވީމާ އެތާނގެ ސްޓްރަކްޗަރަލް އެސެސްމަންޓެއް ހެދުމަކީ ވަރަށް މުހިންމު ކަމެކޭ. އެ ރިޕޯޓުގައި ފާހަގަކުރާ ގޮތުގައި އަދިއެއް ދަރިވަރުންނަކަަށް ގެއްލުމެއް ނެތް. އެއީ އަޅުގަނޑުމެން ވަރަށް ކްލޯޒްލީ މޮނީޓާ ކުރަމުން ދަނީ. ކިރިޔާވެސް ދަރިވަރުންނަށް ނުރައްކާވާކަން އަޅުގަނޑުމެންނަށް އެނގޭނަމަ އެތަނުން ކުދިން ނެރުމުގެ މަސައްކަތް ކުރިއަށް ގެންދާނަން." މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސްޓްރަކްޗަރަލް އެސެސްމަންޓް ނިމުމުން މިހާރުން މިހާރަށް އެތަަނަށް ބޭނުންވާނެ މަރާމާތުތައް އެނގިގެންދާނެ ކަމަށާއި އަދި އެ އެސަސްމަންޓް ހަދަމުންދަނީ އަންނަ ސްކޫލު ބަންދުގައި ހެދޭނެ ގޮތަށް ރާވަން ވަރަށް ބާރަށް ކަމަށެވެ.

އޭގެ އިތުރުން އެ އެސެސްމަންޓްގައި ކޮންކްރިޓްގެ ސްޓްރެންތު ފަދަ ކަންކަން ބަލަން ރާއްޖެއިން ބޭރަށް ވެސް ފޮނުވައިގެން ކަންކަން ބަލަން ޖެހޭ ކަމަށާއި އެހެންކަމުން އެކަމަށް ދެ މަހެއްހާ ދުވަސް ނަގާނެ ކަމަށެވެ.

"ނަމަވެސް އަޅުގަނޑުމެން ރާވާލަައިފައިވަނީ ބަންދުގައި ބޮޑެތި މަރާމާތުތައް ކުރިއަށް ގެންދަން. ދެން ފުރަތަމަ މިހާރުން މިހާރަަށް ބޭނުންވާ މަރާމާތުތައް ގެންދާނީ. އެއަށް ފަހު މުޅި ބިލްޑިންގްއަށް އެ ބޭނުންވާ ކަންތައްތަކެއް އަޅުގަނޑުމެން ގެންދާނީ" މިނިސްޓަރު ވިދާޅުވި އެވެ.