ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

މޮންގޯލިއަން އެއާލައިންސްގެ ދަތުރުތައް ރާއްޖެއަށް ފަށައިފި

Nov 24, 2021

އިރުމަތީ އޭޝިއާގެ ގައުމެއް ކަމުގައިވާ މޮންގޯލިއާގެ ގައުމީ އެއާލައިން، މޮންގޯލިއަން އެއާލައިންސްގެ ދަތުރުތައް ރާއްޖެއަށް ފަށައިފި އެވެ.

މޮންގޯލިއާގެ ގައުމީ އެއާލައިންގެ ދަތުރުތައް ފެށުމުގެ ގޮތުން އެ އެއާލައިންގެ ފުރަތަމަ ފްލައިޓް އިއްޔެ ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ޖައްސާފަ އެވެ. މޮންގޯލިއާގެ ވެރިރަށް އުލާންބަޓޯއާ އިން ފުރައިގެން ރާއްޖެ އައި ފްލައިޓްގައި ތިބި މޮންގޯލިއާގެ ޓުއަ އޮޕަރޭޓަރުންނާއި ޓްރެވެލް ބްލޮގަރުންނާއި، ނޫސްވެރިންނަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވަނީ މަރުހަބާ ކިޔާފަ އެވެ.

މޮންގޯލިއަން އެއާލައިނުން ރާއްޖެއަށް ކުރާނީ ޗާޓަރު ދަތުރުތަކެވެ. މިވަގުތަށް ޝެޑިއުލް ކޮށްފައިވާ ގޮތުން އަންނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް ޗާޓަރު ދަތުރުތައް ކުރިއަށް ގެންދާނެ އެވެ.

ރާއްޖޭގެ ކްރޫޒް ޓުއާ މޯލްޑިވްސްއާއި އޯވްސަމް މޮންގޯލިއާ ގުޅިގެން ކުރިއަށް ގެންދާ ދަތުރު ތަކުގައި އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރަން ބޭނުންވާ މީހުންނަށް ހާއްސަ ޓްރެވަލް ޕެކޭޖުތަކެއް ހަމަޖައްސައިދޭން ނިންމާފައިވެ އެވެ.

ބަންގްލަދޭޝްގެ އެންމެ ބޮޑު އަމިއްލަ އެއާލައިން، ޔޫއެސް-ބަންގްލާގެ ދަތުރުތައް ވެސް މިދިޔަ ހުކުރު ދުވަހު ވަނީ ރާއްޖެއަށް ފަށާފަ އެވެ.

ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީއާއި އެމްއޭސީއެލް އިން އާންމުކުރާ ތަފާސްހިސާބަށް ބަލާއިރު ރާއްޖެއަށް މިވަގުތު 34 އެއާލައިނަކުން ގެންދަނީ ދަތުރު ކުރަމުންނެވެ.