ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

މިސްކިތަށް ކުޑަކަމުދިޔަ ޒިޔާދަށް ދައުވާކޮށްފި

Nov 24, 2021

މިސްކިތްތައް ހިމެނޭހެން މާލޭގެ އެކި ތަންތަނަށް ކުޑަކަމުދިޔަ މ. ޝޭޑީހޯމް، ހަސަން ޒިޔާދުގެ މައްޗަށް ދައުވާ ކުރަން ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.

އޮކްޓޯބަރު ތިންވަނަ ދުވަހު ރައީސް އޮފީސް ދޮރުމައްޗަށާއި ހުކުރު މިސްކިތާއި އިސްލާމީ މަރުކަޒުގެ އިތުރުން ޖުމްހޫރީ މައިދާނަށް އެކި ވަގުތުތަކުގައި ޒިޔާދު ވަނީ ކުޑަކަމު ގޮސްފަ އެވެ.

މީގެ ކުރިން ދެ ފަހަރެއްގެ މަތިން ހައްޔަރުކުރުމަށް ފަހު އޭނާ ދޫކޮށްލާފައި ހުއްޓައި އަލުން ހައްޔަރުކުރީ އިބްރާހީމީ މިސްކިތުގައި ހަތިމަކަށް ކުޅުޖަހައިގެންނެވެ. ހަތިމަށް ކުޅުޖެހުމުން ޒިޔާދު ފުލުހުންނާއި ހަވާލުކުރީ މިސްކިތުގައި ތިބި މީހުންނެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ ޒިޔާދުގެ މައްޗަށް އުފުލާފައިވަނީ އާންމު މަސްލަހަތަށް ގެއްލުން ހުރި ކަމެއް ކުރުމުގެ ކުށުގެ ދެ ދައުވާ ކަމަށެވެ. އޭނާގެ މައްޗަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް ފޮނުވާފައިވަނީ މިމަހުގެ 16 ވަނަ ދުވަހު އެވެ.

އާންމު މަސްލަހަތަށް ގެއްލުން ހުރި ކަމެއް ކުރުމުގެ ކުށުގެ ދައުވާ އަކީ ޖުނަހުގެ ތިންވަނަ ދަރަޖައިގެ ކުށަކަށްވާއިރު، އަދަބުގެ އަސާސީ މިންގަނޑުން ބަލާނަމަ ކޮންމެ ދައުވާއަކަށް އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ. އޭނާ ކުށަށް އިންކާރު ކުރާ ހާލަތުގައި މި ދެ ދައުވާ ސާބިތުވެއްޖެ ނަމަ އަންނާނީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.

ހުރުމަތްތެރި ވެގެންވާ ތަނަކަށް އިހާނެތިކޮށް ހިތުމުން ކުށުގެ އެއް ދަރަޖަ އިތުރުވާތީ އިއުތިރާފު ވިޔަސް ލުއި ނުލިބޭނެ ކަމަށް ވެސް ޕީޖީ އޮފީހުން ވަނީ ފާހަގަކޮށްފަ އެވެ.