ދުންޔާ މައުމޫން

ރާއްޖެ-ލަންކާ ނުތަނަވަސްކަން ބޮޑުވެފައި ވަނިކޮށް ދުންޔާ އާއި ރަނިލްގެ ބައްދަލުވުމެއް

ދިވެހި ރާއްޖެ އާއި ސްރީލަންކާ އާއި ދެމެދު ނުތަނަވަސްކަން އިތުރުވެފައިވާ މި ދަނޑިވަޅުގައި ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ލަންކާއަށް ވަޑައިގެން އެގައުމުގެ ބޮޑުވަޒީރާއި ބައްދަލުކުރައްވައި މަޝްވަރާތަކެއް ބާއްވަވައިިފި އެވެ.

ފޮރިން މިނިސްޓްރީ އިން މިއަދު ބުނީ ދުންޔާ ލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހައާ ބައްދަލު ކުރައްވާފައިވާ ކަމަށެވެ. ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ހުންނަ ބޮޑު ވަޒީރުގެ ގެ ކޮޅު ޓެމްޕަލް ޓްރިޒްގައި ބޭއްވި މި ބައްދަލުވުމުގައި ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމާއި ބެހޭގޮތުންނާއި ދެގައުމުގެ ދާހިލީ ގުޅުން ބަދަހި ކުރަން ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ފޮރިން މިނިސްޓްރީ އިން ބުންޏެވެ.

"ވަރަށް ބިނާ ކުރަނިވި މަޝްވަރާތަކެއް ކުރިއަށް ގެންދެވުނެވެ،" މިނިސްޓްރީ އިން ބުންޏެވެ.

ދުންޔާ ލަންކާގެ ބޮޑުވަޒީރާ ބައްދަލުކުރައްވާފައި މިވަނީ ރާއްޖެ އާއި ލަންކާ އާއި ދެމެދު ކޮންމެވެސް ވަރެއްގެ މައްސަލަތަކެއް އުފެދިފައި ވަނިކޮށެވެ. ދެގައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން އިތުރުވެފައި މިވަނީ މިދިޔަ ސެޕްޓެމްބަރު މަހު ރިޔާސީ ލޯންޗުގައި ހިނގި ހާދިސާއާއި ގުޅިގެން ރާއްޖޭގައި ލަންކާގެ ސްނައިޕަރަކު ހައްޔަރުކުރުމުންނެވެ. އަދި ލަންކާގައި ދިވެއްސަކު މަރާލި މައްސަލަ އާއި އެ ގައުމުގައި ދިރިއުޅެމުން އައި އަހުމަދު އަޝަރަފް (ސމްބާ) ގޮންގް ހައްޔަރުކޮށް ރާއްޖެ ގެނައި މައްސަލަ ވެސް ވަނީ ކުރިމަތިވެފަ އެވެ. ލަންކާގައި ދިރިއުޅެމުންދާ ދިވެހިންނަށް އެގައުމުގެ ފުލުހުން އަންނަނީ އިތުރަށް ސަމާލުކަންދީ ހާއްސަ އޮޕަރޭޝަންތައް ހިންގަމުންނެވެ.