ބޮލީވުޑް

"ޖާޒީ" - ދެވަނަ "ކަބީރް ސިންގް" އަށް ވެދާނެތަ؟

ހިންދީ ފިލްމު އިންޑަސްޓްރީގައި ޝާހިދު ކަޕޫރު މަސައްކަތް ކުރާތާ 15 އަހަރު ވެއްޖެ އެވެ. ނަމަވެސް "ކަބީރް ސިންގް" އިން ލިބުނު ވަރުގެ ކާމިޔާބެއް މިހާތަނަށް އޭނާއަށް ލިބިފައެއް ނެތެވެ. ޝާހިދުގެ އާ ފިލްމު "ޖާޒީ" ޕްރޮމޯޓް ކުރުމަށް ބޭއްވި އިވެންޓެއްގައި އޭނާ ވަނީ "ކަބީރް ސިންގް" އަށް ލިބުނު ހީނުކުރާ ވަރުގެ ބޮޑު ކާމިޔާބަށް ފަހު ދެން ވީ ގޮތް ކިޔައިދީފަ އެވެ.

ޝާހިދު ބުނި ގޮތުގައި ފިލްމަށް އެހާ ބޮޑު ކާމިޔާބެއް ލިބުމުން ޚުދް އޭނާއަށް ވެސް ހަދާނެ ގޮތް އޮޅުނު ކަމަށެވެ. ސަބަބަކީ އެވަރުގެ ބޮޑު ކާމިޔާބެއް މީގެ ކުރިން އޭނާއަށް ތަޖުރިބާ ކުރެވިފައި ނެތީމަ އެވެ.

"ފިލްމަށް އެހާ ބޮޑު ކާމިޔާބެއް ލިބުނީމަ އަހަރެން ފިލްމު އިންޑަސްޓްރީގައި ތިބި 200 ކްރޯޑު 250 ކްރޯޑު ފިލްމު އުފައްދާ މީހުން ކައިރިއަށް ސަލާންޖަހާ މީހެއް ފަދައިން ދިޔައިން. ފިލްމު އިންޑަސްޓްރީގައި 16 ވަރަކަށް އަހަރު މަސައްކަތް ކުރިއިރު އެ ކަހަލަ ތަޖުރިބާއެއް ކުރެވިފައި ނުވާތީ އަހަންނަށް އެކަން ވީ ވަރަށް އާ ކަމަކަށް،" ޝާހިދު ބުންޏެވެ.

ކިއާރާ އަދުވާނީ ބަތަލާގެ ރޯލު އަދާކުރި "ކަބީރް ސިންގް" އަކީ ޝާހިދުގެ ފިލްމީ ކެރިއަރުގެ ގްރާފް ކުއްލިއަކަށް މައްޗަށް ޖައްސާލި ފިލްމެކެވެ. ފިލްމުގެ ލަވަތައް ރީތިވުމުގެ އިތުރުން ފިލްމުގައި އޭނާ ކުޅެފައިވާ ރޯލަކީ ޒަމާންތަކަކަށް މީހުން ހަނދާން ކުރާނެ މޮޅު ރޯލެކެވެ.

"ޖާޒީ"އަކީ "ކަބީރް ސިންގް" އަށް ފަހު ޝާހިދު ކުޅޭ ފުރަތަމަ ފިލްމަށް ވާތީ ފިލްމާ މެދު ކުރެވޭ އުންމީދު ވަނީ ވަރަށް ބޮޑުވެފަ އެވެ. ގޯތަމް ތިނަންނޫރީ ޑައިރެކްޓް ކޮށްފައިވާ މި ފިލްމުގެ ބަތަލާއަކީ މުރުނާލް ޓާކޫރެވެ. ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު އެވެ.

މި ދެ ފިލްމުގެ ވާހަކައިގައި ވެސް ކޮންމެވެސް ކަހަލަ އެއްގޮތްކަމެއް އެބަހުއްޓެވެ. ސުވާލަކީ "ކަބީރް ސިންގް" އިން ޝާހިދަށް ލިބުނު ކަހަލަ ކާމިޔާބެއް "ޖާޒީ"ން ލިބިދާނެ ހެއްޔެވެ؟