އިމިގްރޭޝަން

ބޯޑާ މައިލްސް ޕްރޮގްރާމުގައި އަގޯޑާ ބައިވެރިވެއްޖެ

Nov 25, 2021

ދަތުރުކުރާ މީހުންގެ މެދުގައި އެންމެ މަޝްހޫރު ބުކިންގް ޕްލެޓްފޯމް އަގޯޑާ، މޯލްޑިވްސް ބޯޑާ މައިލްސް ޕްރޮގްރާމްގެ އެސޯސިއޭޓް ޕާޓްނަރެއްގެ ގޮތުގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމާ ގުޅިގެން ބޯޑާ މައިލްސް ޕްރޮގްރާމުގައި ބައިވެރިވާ ފަތުރުވެރިންނަށް އަގޯޑާގެ ބުކިން ޕްލެޓްފޯމް މެދުވެރިކޮށް ބުކްކުރުމުން ބޯޑާ މައިލްސް ޕްރޮގްރާމުގެ އެކްސްކްލޫސިވް ސޭވިންގް ޕޮއިންޓް ލިބި ހާއްސަ ކަންތައްތަކެއް ހަމަޖެހިގެންދާނެ އެވެ.

ވާޗުއަލްކޮށް ކުރިއަށް ގެންދިޔަ މިރަސްމިއްޔާތުގައި އަގޯޑާ ކުންފުނީގެ ސީއީއޯ ޖޯން ބްރައުން އާއި މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރު މުހައްމަދު އަހްމަދު ހުސައިން އާއި ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޑރ. ނައުޝާދު މުހައްމަދާއި އެމްއެމްޕީއާރްސީއާއި އެމްއޭސީއެލްއާއި އިމިގްރޭޝަންގެ އިސްވެރިން ވެސް ބައިވެރިވެޑައިގެންނެވި އެވެ.

މިރަސްމިއްޔާތުގައި ކޮންޓްރޯލަރު މުހައްމަދު އަހްމަދު ހުސައިން ވިދާޅުވީ ބޯޑާ މައިލްސް ޕްރޮގްރާމަށް ކުރިން ލަފާކުރި ވަރަށް ވުރެ ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ. އެގޮތުން މި ޕްރޮގްރާމުގެ ބައިވެރިންގެ އަދަދު ވަރަށް އަވަހަށް ބައިލައްކަ އަށް އަރާނެ ކަމުގައި ވިދާޅުވި އެވެ.

އަގޯޑާގެ ސީއީއޯ ޖޯން ބްރައުން ވަނީ ރާއްޖޭގެ ބޯޑާ މައިލްސް ޕްރޮގްރާމަށް ތައުރީފް ކުރައްވާފަ އެވެ. އެގޮތުން ވިދާޅުވީ މިއީ ރާއްޖެއިން އިސްނަގައިގެން ތައާރަފްކުރި އީޖާދީ ޕްރޮގްރާމެއް ކަމަށެވެ. އަގޯޑާއިން މި ޕޮރޮގްރާމު އިތުރަށް ތަރައްގީކުރުމަށް އެހީތެރިވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވާފައިވެ އެވެ.

ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު މިދިޔަ އަހަރުގެ ޖުލައި 15 ވަނަ ދުވަހު އަލުން ބޯޑަރުތައް ހުޅުވާލުމަށްފަހު މޯލްޑިވްސް ބޯޑާ މައިލްސް ޕްރޮގްރާމް ތައާރަފްކުރަން ސަރުކާރުން މަސައްކަތް ފެށި އެވެ. މި ޕްރޮގްރާމު މިދިޔަ ސެޕްޓެމްބަރު 27 ވަނަ ދުވަހު ތައާރަފްކުރެވުނުއިރު މިއީ ދުނިޔޭގައި ވެސް މި ފަދަ ޕްރޮގްރާމެއް ތައާރަފު ކުރި ފުރަތަމަ ފަހަރެވެ.

މޯލްޑިވްސް ބޯޑާ މައިލްސް ޕްރޮގްރާމް ފަރުމާކޮށްފައި ވަނީ ބޯޑަރު ހުރަސްކޮށް ރާއްޖެ އަންނަ ޓޫރިސްޓުންނަށް ޕޮއިންޓް ލިބޭ ގޮތަށެވެ. ތިން ޕެކޭޖު ހިމެނޭ މި ޕްރޮގްރާމުގެ ބްރޯންޒް ޕެކޭޖުގެ ނަމަކީ "އައިދަ" އެވެ. ސިލްވާ ޕެކޭޖަކީ "އަންތަރަ" އަދި ގޯލްޑަކީ "އަބާރަނަ" އެވެ. ހާއްސަ ބެނެފިޓްސް ތަކެއް މި ޕެކޭޖުތަކުގައި ހިމެނޭނެ އެވެ.

މޯލްޑިވްސް ބޯޑާ މައިލްސް ޕްރޮގްރާމުގައި މިހާތަނަށް 26 ޕާޓްނަރުން ބައިވެރިވެފައިވާއިރު ޕާޓްނަރުންގެ ފަރާތުން ތަފާތު އެތައް ހިދުމަތްތަކެއް އަގު ހެޔޮކޮށް ލިބުމަށް ފަސޭހަވެ މަތީ ފެންވަރުގެ ހިދުމަތްތަކެއް ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ.

ސންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ އަގޯޑާގެ ޑިޖިޓަލް ޓްރެވެލް ޕްލެޓްފޯމު މެދުވެރިކޮށް ދުނިޔޭގެ ވަރަށް ގިނަ އަދަދެއްގެ ގައުމުތަކަށް ދަތުރުކުރުމަށް ބުކިން ހެއްދެ އެވެ. އަގޯޑާގައި ލިސްޓްކޮށްފައިވާ ހޮޓާތަކާއި ރިސޯޓްތަކާއި ގެސްޓްހައުސްތަކާއި ސަފާރީ ފަދަ ޗުއްޓީ ހޭދަކުރާ ތަންތަނުގެ އަދަދު 2.5 މިލިއަނަށް އަރަ އެވެެ.