އައްޑޫ އަތޮޅު އިސްމެހެލަ ހެރައިގައި 600 އެނދުގެ ރިސޯޓެއް ތަރައްގީ ކުރުމަށް ދިވެހި ކުންފުންޏަކާ ހަވާލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޓްއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
"އަވަސް"އާ ވާހަކަފުޅު ދައްކަވަމުން ޓްއަރިޒަމް މިނިސްޓަރު ޒަމީރު މިއަދު ވިދާޅުވީ ދިވެހި ކުންފުންޏަކުން އެ ރަށް ތަރައްގީ ކުރުމަށް ވަރަށް ރަނގަޅު ޕްރޮޕޯސަލްއެއް ހުށަހަޅާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެގްރިމަންޓްގައި ސޮއި ނުކުރާތީ އެއީ ކޮން ކުންފުންޏެއް ކަމެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ. ޒަމީރު ވިދާޅުވީ އެ ކުންފުންޏާ އެއްބަސްވުމަކަށް އާދެވިފައި ވަނީ 600 އެނދުގެ ރިސޯޓެއް އެ ރަށުގައި ތަރައްގީ ކުރުމަށް ކަމަށެވެ.
"މިހާރު ގާނޫނީ ގޮތުން އެގްރިމަންޓް ޑްރާފްޓް ކުރުމާ މި ކަންކަން ކުރަމުން މި އަންނަނީ. ދެތިން ދުވަހެއް ތެރޭގައި އެގްރިމަންޓްގައި ސޮއި ކޮށްލެވޭ ވަރުވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު މިދިޔަ ހަފްތާ އައްޑުއަށް ކުރި ދަތުރުގައިި އެ ކުންފުނިން ބައިވެރިވެފައިވެ އެވެ. އަދި އެ ރަށް ތަރައްގީ ކުރާ ގޮތުގެ ފުރިހަމަ ޕްލޭނެއް ވެސް ވަނީ އެ ކުންފުނިން ސަރުކާރަށް ހުށަހަޅައިފަ އެވެ. މިނިސްޓަރު ވިދާޅުވީ އަންނަ މަހުގެ ތެރޭގައި އެ ރަށް ތަރައްގީ ކުރަން އެ ކުންފުނިން ހުށަހަޅާފައިވެ އެވެ. ދެން އެ ރަށް ތަރައްގީ ކުރުމަށް ޝައުގުވެރިވީ ބޭރުގެ ކުންފުންޏަކުންނެވެ. އެހެން ނަމަވެސް އެ ކުންފުނީގެ މައުލޫމާތުތަކެއް ހާމަކޮށްފައެއް ނުވެ އެވެ.
އެ ރަށް ތަރައްގީ ކުރުމުގެ މަޝްރޫއު މިއަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ސަރުކާރުން އިއުލާން ކުރުމުން، ސަންލޭންޑް ހޮލިޑޭޒް އިން މީގެ ކުރިން ޝައުގުވެރިކަން ފާޅުކޮށްފައިވެ އެވެ. އެހެން ނަމަވެސް ފަހުން އެ މަޝްރޫއަށް ވީގޮތެއް ނޭނގެ އެވެ. ސަރުކާރުން ކުރިއަށް ގެންދާ ގެސްޓް ހައުސް އައިލެންޑް މަޝްރޫއުގެ ދަށުން ކުރިއަށް ގެންދާ އެ މަޝްރޫއުގެ ދަށުން އައްޑޫގައި 1800 ވަޒީފާ އިތުރު ވެގެންދާނެ ކަމަށް ސަރުކާރުން ބުނެ އެވެ.