ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ސިންގަޕޫރުގައި ކަރަންޓްރީން ނުވާ ލިސްޓަށް ރާއްޖެ

ކޮވިޑަށް ފަހު ސިންގަޕޫރު ހުޅުވާލާފައިވާއިރު އެ ގައުމަށް ގޮސް ކަަރަންޓީން ވާން ނުޖެހޭ ލިސްޓަށް ރާއްޖެ ލައިފި އެވެ.

ސިންގަޕޫރުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން މިއަދު ވަނީ އެ ގައުމަށް ގޮސް ކަަރަންޓީން ވާން ނުޖެހޭ ލިސްޓަށް އިތުރު ގައުމުތަކެއް އިތުރުކޮށްފަ އެވެ.

މީގެ ތެރޭގައި ރާއްޖެ އާއި ލަންކާގެ އިތުރުން ތައިލެންޑާއި ކެމްބޯޑިއާ އާއި ފިޖީ އަދި ތުރުކީ ވެސް ހިމެނެ އެވެ. މި ގައުމުތަކުން ކަރަންޓީނާ ނުލައި ދަތުރު ކުރަން ފެށޭނީ އަންނަ މަހު 16 އިން ފެށިގެނެވެ.

ސިންގަޕޫރަށް ދަތުރު ކުރެވޭނީ ކޮވިޑް-19ގެ ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށެވެ. އެކަމަކު ދެ ޑޯޒް ޖަހާފައިވާ މީހުންނަށް އެ ގައުމަށް ދަތުރު ކުރެވޭނީ ނެގެޓިވް ޕީސީއާރު ޓެސްޓަކާ އެކުގަ އެވެ.

މިއާއި އެކު ސިންގަޕޫރަށް ކަރަންޓީން ނުވެ ދަތުރު ކުރެވޭ ގައުމުތަކުގެ އަދަދު މިހާރު ވަނީ 27 އަށް އިތުރުވެފަ އެވެ.

ކޮވިޑްގެ ހާލަތު އެއްވަރެއްގައި ރާއްޖޭގައި ވަނީ ހިފަހައްޓާފަ އެވެ. އަދި އާބާދީގެ 60 ޕަސެންޓަށް ވުރެ ގިނަ މީހުން ވަނީ ވެކްސިން ފުރިހަމަ ކޮށްފަ އެވެ.

ރާއްޖޭގެ ހާލަތު ރަނގަޅުވަމުން ދާތީ ގިނަ ގައުމުތަކަކުން ވަނީ ލުއި ދީފަ އެވެ. އެގޮތުން ޔޫކޭ އަދި އަބޫދާބީގެ ގްރީން ލިސްޓަށް ވެސް ރާއްޖެ ލާފައިވެ އެވެ. އަދި ތައިލެންޑުގެ ވެސް ކަރަންޓީން ވާން ނުޖެހޭ ލިސްޓުގައި މިހާރު ރާއްޖެ ހިމެނެ އެވެ.