މާރިޔާ އަހުމަދު ދީދީ

"ސަލާމަތީ ކަންކަމުގައި ބަރޯސާވެވެނީ އިންޑިއާއަށް"

Nov 27, 2021
7

ދިވެހިރާއްޖޭގެ ސަލާމަތާ ގުޅޭ ކަންކަމުގައި އެއްވެސް ޝައްކެއް ނެތި ބަރޯސާވެވޭ ގައުމަކީ އިންޑިއާ ކަމުގައި ރާއްޖޭގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މާރިޔާ މިހެން ވިދާޅުވީ އިންޑިއާގެ އެޒިމަލާގައި ހުންނަ އޭޝިއާގެ އެންމެ ބޮޑު ނޭވަލް އެކެޑަމީގެ ޕާސިން އައުޓް ޕެރޭޑް މިއަދު ޝަރަފުވެރި ކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ. މިއީ ބޭރު ގައުމެއްގެ ވަޒީރަކު މި ޕެރޭޑް ޝަރަފުވެރި ކޮށްދެއްވި ފުރަތަމަ ފަހަރެވެ. މި ރަސްމިއްޔާތުގައި 231 މިޑްޝިޕްމަނުންނާއި ކެޑޭޓުން ވަނީ ދަސްވެނިވެފަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މާރިޔާ ވަނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ޑިފެންސް ކޯޕަރޭޝަން ޕާޓްނަޝިޕްގެ މައްޗަށް ވާހަކަދައްކަވާފަ އެވެ. އެގޮތުން ވިދާޅުވީ ދިފާއީ ކަންކަމުގައި ދެ ގައުމުގެ އެއްބާރުލުން ބިނާވެފައި އޮންނަނީ ހަމަހަމަކަމާއި، އިތުބާރާއި، ދެފަރާތުގެ ފައިދާ އާއި، ދެ ގައުމާއި އަދި ޖުމްލަކޮށް އިންޑިއާ ކަނޑު ހިމެނޭ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މުހިއްމު ބޭނުމުގެ މައްޗަށް ކަމަށެވެ.

އިންޑިއާ އަކީ ރާއްޖޭގެ ތަރައްގީގައި އެންމެ ޒަމާންވީ ބައިވެރިޔާ ކަން ފާހަގަކުރައްވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ އިޖުތިމާއީ އިގްތިސާދީ އަދި އެހެނިހެން ބައެއް ދާއިރާތަކުން ވެސް އިންޑިއާގެ އެހީތެރިކަމާ އެކު ރާއްޖޭގައި މަޝްރޫއުތަކެއް މިހާރު ވެސް ކުރިއަށްދާ ކަމަށެވެ. ރާއްޖެއިން އެންމެ ބޭނުންވާ ވަގުތުތަކުގައި ފެއިލްވުމެއް ނެތި އަދި އެންމެ އަވަހަށް އެހީތެރިކަން ލިބިފައިވާ ގައުމަކީ އިންޑިއާ ކަމަށްވެސް ވިދާޅުވި އެވެ. އެގޮތުން ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާއާއި ސުނާމީ ކާރިސާއާއި ކޮވިޑް 19ގެ ހާލަތާއި 2014 ވަނަ އަހަރު މާލެ އިން ފެން ކެނޑުނު ދުވަހު އިންޑިއާ އިން ފޯރުކޮށްދީފައިވާ އެހީތެރިކަން ފާހަގަކުރެއްވި އެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވީ ދިވެހިރާއްޖެ، ސްރީލަންކާ އަދި އިންޑިއާ ބައިވެރިވާ "ދޯސްތީ" އެކްސަސައިޒަށް މިއަހަރަށް 13 އަހަރުވީއިރު އެ ހަރަކާތަކީ ވެސް އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުމާއި ހަމަޖެހުން ރަމްޒުކޮށްދޭ ވަރަށް ރަނގަޅު މިސާލެއް ކަމަށެވެ.

އިންޑިއާ އަކީ އެކަމަނާ އަށް އަބަދުވެސް ދެވަނަ ގެ ކަމުގައިވެސް މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ. އެކަމަނާ އިންޑިއާގެ ބެންގަލޫރުގައި ހުންނެވި ދުވަސްވަރު އެކަމަނާގެ ހަޔާތުގައި އިންޑިއާ އަކީ މުހިއްމު ދައުރެއް އަދާކުރި ބައިވެރިއެއް ކަމުގައިވެސް ވިދާޅުވި އެވެ.

ދަސްވެނިވި މިޑްޝިޕްމަނުންނާއި ކެޑޭޓުންނާ މުހާތަބު ކުރައްވާ މިނިސްޓަރު މާރިޔާ ވިދާޅުވީ އައިއެންއޭ ފަދަ ގަދަރުވެރި، ތާރީހީ މުއައްސަސާއަކުން ލިބުނު އިލްމާއި ފަންނީ މައުލޫމާތާއި ލީޑަޝިޕްގެ ހުނަރު ބޭނުންކުރަން ވާނީ މިސަރަހައްދުގެ އެންމެންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ އަޒުމާއި ވިސްނުމުގައި ކަމަށެވެ. މިޒަމާނަކީ ދޭދޭ ގައުމުތަމުގެ ސަލާމަތާއި ރައްކާތެރިކަމާ އެ ގައުމުތައް ހިމެނޭ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިލާމެހިފައިވާ ޒަމާންކަން ފާހަގަކުރައްވައި، މިނިސްޓަރު މާރިޔާ ވިދާޅުވީ ހިތްވަރާއި ކެރުމާއެކު ނޭވީ އޮފިސަރުން ކޮންމެ އޮޕަރޭޝަނަކާ ކުރިމަތިލުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

މިރަސްމިއްޔާތުގައި މާރިޔާ ވަނީ ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އައިއެންއޭ އިން ތަމްރީނުކޮށްދީފައިވާ އެމްއެންޑީއެފް އޮފިސަރުން މިއަދު މަތީ ރޭންކުތަކުގައި ދިވެހި އަސްކަރިއްޔާއަށް ދުމަތްކޮށްދެއްވަމުން ގެންދަވާ ކަންވެސް ފާހަގަކުރައްވާފަ އެވެ. އަދި އެކަމަށްޓަކައި އައިއެންއޭ އަށާއި އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރެއްވި އެވެ.

އިންޑިއާގެ ޗީފް އޮފް ނޭވަލް ސްޓާފް އެޑްމިރަލް ކަރަމްބީރު ސިންގުގެ ދައުވަތަކަށް އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި މިނިސްޓަރު މާރިޔާ ވަނީ އިންޑިއާގެ ނޭވީގެ ސަދަން ކޮމާންޑަށާއި އިންޑިއަން ނޭވަލް އެކެޑަމީއަށް ޒިޔާރަތްކުރައްވައި، ޓްރެއިނިން ފެސިލިޓީތައް ބައްލަވާލައްވާފަ އެވެ. އަދި އިންޑިއާގައި ތަމްރީނުވަމުންދާ ދިވެހި ސިފައިންނާ އެކަމަނާ ބައްދަލުކުރެއްވި އެވެ.

އިންޑިއާގެ ނޭވީގެ ޓްރެއިނިން ކޮމާންޑް ކަމަށްވާ ސަދަން ނޭވަލް ކޮމާންޑުން ވަނީ އެމްއެންޑީއެފް އަށް ބޭނުންވާ ހުރިހާ ރޮނގަކުން، ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދޭނެކަމުގެ ޔަގީންކަން ދިވެހި ސަރުކާރަށް ދީފަ އެވެ.