ހަބަރު

ހައްޔަރުކޮށްފައި ހުރި އަދީބުގެ ކާރު ޑްރައިވަރު ދޫކޮށްލައިފި

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ދިން ހަމަލާގައި ބައިވެރިވުމާއި ދައުލަތަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ކާރު ޑްރައިވަރު ސިފައިންގޭގައި ބަންދުކޮށްފައި ބެހެއްޓުމަށްފަހު ދޫކޮަށްލައިފި އެވެ.

އެމްއެންޑީއެފްގެ ކޯޕްރަލްއެއްގެ މަގާމުގައި ހުރި ޝިބާހު ހުސައިން ހައްޔަރުކޮށްފައިވަނީ މިދިޔަ އޮކްޓޯބަރުމަހުގެ ފަހުކޮޅެވެ.

ޝިބާހް ހައްޔަރުކޮށްފައިވާ ސަބަބެއް މިހާތަނަށް ސިފައިން ހާމަކޮށްފައެއް ނުވެ އެވެ. ޝިބާހް ދޫކޮށްލާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް އެނގިފައިވެ އެވެ.

މި މައްސަލައިގައި އަދީބުގެ ބޮޑީގާޑުންގެ ގޮތުގައި މަސައްކަތް ކުރި މީހުންނާ އެކު ހަތަރު ވަރަކަށް ސިފައިންގެ އޮފިސަރުން ސިފައިންގެ ތެރޭގައި ހައްޔަރުކޮށްފައިވާއިރު، ސިފައިންގެ ތިން މީހަކު ފުލުހުން ވެސް ވަނީ ހައްޔަރުކޮށްފަ އެެ.

އަދީބުގެ ގެއިން ފިސްތޯލައެއް ފެނުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރަން ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް މިހާރުވަނީ ފޮނުވާފަ އެވެ.

ފުލުހުން ބުނެފައި ވަނީ އަދީބުގެ އެޕާޓްމަންޓަކުން ފިސްތޯލައެއް ފެނުނު ކަމަށް އެކި ފަރާތްތަކުން ބުނާތީ އެކަން ތަހުގީގު ކުރި ކަމަށެވެ. އެމްއެމްޕީއާރުސީގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލައިގައި ވެސް އަދީބު އާއި އެ ކުންފުނީގެ އެމްޑީ އަކަށް ހުންނެވި އަބްދުﷲ ޒިޔަތުގެ މައްޗަށް ވެސް ދައުވާ ކުރަން ފުލުހުން ވަނީ ޕީޖީ އޮފީހަށް ފޮނުވައިފަ އެވެ.

އެހެން ނަމަވެސް އެ މައްސަލައިގައި ދައުވާއެއް އަދި ކުރިކަމެއް ނޭނގެ އެވެ. ޓެރަރިޒަމްގެ ދައުވާ ސާބިތުވެއްޖެ ނަމަ، 15-10 އަހަރުގެ ހުކުމެއް އަދީބަށް އައުން ކައިރި އެވެ.