ކްރިމިނަލް ކޯޓް

އަލީ ވަހީދު ހައްޔަރުކުރަން އަމުރު ނެރެނީ

Nov 28, 2021
3

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް އަމުރެއް ނެރުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިިފި އެވެ.

އަލީ ވަހީދުގެ މައްސަލަ ބައްލަވަމުން ގެންދަވާ ގާޒީ ހަސަން ސައީދު ވިދާޅުވީ އަލީ ވަހީދު ވަނީ ރާއްޖެއިން ބޭރުން ފަރުވާ ކުރުމަށް ކޯޓުން ދިން ހުއްދައާއި ހިލާފުވެ ކޯޓުގައި ހިނގަމުންދާ ޝަރީއަތަށް ކޯޓަށް ހާޒިރުނުވެ، ކޯޓުގެ ހުރުމަތް ވެސް ކަނޑާފައި ކަމަށެވެ. އެހެންކަމުން އަލީ ވަހީދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމަށް މިއަދު ފުލުހުންގެ މައްޗަށް އަމުރު ނެރުއްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

އަލީ ވަހީދުގެ މައްސަލާގައި ސުޕްރީމް ކޯޓުން ކުރިން ނިންމި ގަޒިއްޔާއަކާ ހަވާލާދީ ގާޒީ ވިދާޅުވީ އަލީ ވަހީދު ޝަރީއަތަށް އެއްބާރުލުން ނުދެއްވާ އަދި ކޯޓަށް ހާޒިރުވެވަޑައިނުގެން އުޅުއްވުމަކީ އެކަމާ ދެކޮޅަށް ފިޔަވަޅެއް ނާޅައި ދޫކޮށްލެވޭނެ ކަމެއް ނޫން ކަމަށެވެ.

"މިކަމަކީ މުޖުތަމައުގެ މަސްލަހަތާއި ގާނޫނީ ވެރިކަން ނެގެހެއްޓުމަށްޓަކައި ޝަރުއީ ކޯޓުތަކުގެ އިތުބާރާ ގަދަރު ހިފެހެއްޓުމަށް ކޮންމެހެން ވެސް މުހިއްމު ކަމެއް ކަމުގައި ޝަރީއަތުން ދެކެން. މިސަބަބަށްޓަކައި އަލީ ވަހީދު ދެން ޝަރީއަތަަށް ހާޒިރުކުރެވޭނީ ފުލުހުންގެ ބެލުމުގެ ދަށުން ބަންދުކުރެވިގެން ކަން އަންގަން،" މިއަދު އަމުރެއް ނެރޭނެ ކަމަށް ފާހަގަކުރައްވާ ގާޒީ ވިދާޅުވި އެވެ.

އަލީ ވަހީދަށް އުފުލާފައިވާ ދައުވާތައް

  • ޖިންސީ އަނިޔާކުރުމުގެ ކުށުގެ ދައުވާ
  • ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ
  • ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަ ކުރުމުގެ ކުށުގެ ދައުވާ
  • ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ދައުވާ
  • ޖިންސީ ގޯނާ ކުރަން އުޅުމުގެ ކުށުގެ ދައުވާ
  • ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ދެ ދައުވާ

އަލީ ވަހީދުގެ ޝަރީއަތުގެ އަޑުއެހުންތައް އޮންލައިންކޮށް ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން ނިންމި މައްސަލައިގެ އަޑުއެހުމަކަށް މީގެކުރިން ސުޕްރީމް ކޯޓަށް އަލީ ވަހީދު ހާޒިރުވާން ވެސް ކޯޓުން އެންގި އެވެ. ނަމަވެސް ޗިޓު ފޮނުވައިގެން އަލީ ވަހީދު ކޯޓަށް ހާޒިރު ނުވުމުން ދައުލަތުން ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލަ ކުރިއަށް ގެންދިއުމަށް ހުރަސް އެޅި ކޯޓުގެ ހުރުމަތް ކެނޑުމުން އޭނާގެ މައްޗަށް ވަނީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އެ ހުކުމް އިއްވާފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 11 ވަނަ ދުވަހު އެވެ.

އޭގެ ފަހުން ސުޕްރީމް ކޯޓުން މި މައްސަލައިގައި ވަގުތީ އަމުރެއް ވެސް ނެރުނެވެ. އެ އަމުރުގައި ބުނެފައި ވަނީ އަލީ ވަހީދުގެ މައްސަލަ ވިޔަސް އަދި އެނޫން ވެސް މައްސަލައެއްގައި ދައުވާ ލިބޭ މީހާ ރާއްޖޭގެ ސަރަހައްދުން ބޭރުގައި ހުރެއްޖެނަމަ އެ މައްސަލައިގެ އަޑުއެހުންތައް އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އެހެންކަމުން ކްރިމިނަލް ކޯޓުން ވީޑިއޯ ކޮންފަރެންސްކޮށް ކުރިން ކުރިއަށް ގެންދިޔަ އަލީ ވަހީދުގެ މައްސަލައިގެ އަޑުއެހުންތައް ފަހުން ނުބާއްވަ އެވެ.

މިވަގުތު އިނގިރޭސިވިލާތުގައި ހުންނެވި އަލީ ވަހީދުގެ ޝަރީއަތް އޮންލައިން ކޮށް ކުރިއަށް ގެންދަން ދައުލަތުން ދެކޮޅު ހަދާފައިވަނީ ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުރެގެން ޝަރީއަތް ކުރުމުގެ ފުރުސަތު ނުދެވޭނެ ކަމަށް ބުނެ އެވެ.