ޖޭއެސްސީ

ފެމިލީ ކޯޓަށް އައްޔަންކުރެއްވި ދެ ފަނޑިޔާރުން ހުވާ ކުރައްވައިފި

Nov 28, 2021
1

ފެމިލީ ކޯޓަށް އަލަށް އައްޔަންކުރެއްވި ދެ ފަނޑިޔާރުން ހުވާކުރައްވައިފި އެވެ.

ފެމިލީ ކޯޓުގެ ފަނޑިޔާރު ކަމަށް މިމަހުގެ 24 ވަނަ ދުވަހު އައްޔަންކުރެއްވި ދެ ބޭފުޅުންނަކީ އއ. ފެރިދޫ ނަޝީދީހިޔާ، ޒައީމާ ނަޝީދު އަބޫބަކުރާއި، މ. ވިލުފުށިގޭ މައީޝާ ޔޫސުފް ސަމީރު އެވެ.

މި ދެ ބޭފުޅުން ހުވާކުރެއްވުމާއި އިގުރާރުގައި ސޮއި ކުރެއްވުން އޮތީ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމުގެ ކުރިން ޒައީމާއަކީ ޖުވެނައިލް ކޯޓުގެ ރަޖިސްޓްރާ އެވެ. ޒައީމާ ވަނީ އެ މަގާމު ނުވަ އަހަރު ފުރުއްވާފަ އެވެ. ޒައީމާއަކީ ޝަރީއަތާއި ގާނޫނުގެ ދާއިރާ އިން ބެޗްލާ ޑިގްރީ އާއި މާސްޓާސް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

މައީޝާ މީގެ ކުރިން މަސައްކަތް ކުރައްވަމުން ގެންދެވީ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރެއްގެ ގޮތުގަ އެވެ. އެ މަގާމުގައި ތިން އަހަރު މަސައްކަތް ކުރެއްވި އެވެ. އޭގެ ކުރިން އެޓޯލްސް ސެކްޝަންގެ ޔުނިޓް ހެޑް އަދި ފެމިލީ އެންޑް ޗައިލްޑް ޔުނިޓުގެ، ޔުނިޓު ހެޑްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވެ އެވެ. މައީޝާ ވަނީ ލަންޑަންގެ ޔުނިވާސިޓީއަކުން ބެޗެލާސް އޮފް ލޯ ހާސިލްކުރައްވާފަ އެވެ.

ފަނޑިޔާރު ޒައީމާ އާއި ފަނޑިޔާރު މައީޝާއާ އެކު ފެމިލީ ކޯޓުގައި މިވަގުތު ނުވަ ފަނޑިޔާރުން މަސައްކަތް ކުރައްވާނެ އެވެ.