ކްރިމިނަލް ކޯޓް

ޕޯސްޓް މެދުވެރިކޮށް ޑްރަގް ގެނައި މީހަކު ހައްޔަރުކޮށްފި

Nov 28, 2021

ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުގައި ފުލުހުން މީހަކު ހައްޔަރުކޮށްފި އެވެ.

މައްސަލައާއި ގުޅިގެން މިއަދު ހައްޔަރުކުރީ ލ. ގަން، މުކުރިމަގު، އަލިވާގެ، އަލީ ޝިފާއު (33 އ) އެވެ.

އޭނާގެ ބަންދަށް މިއަދުން ފެށިގެން 10 ދުވަސް ކޯޓުން ވަނީ ދީފަ އެވެ.

ކްރިމިނަލް ކޯޓުން އަމުރެއް ހޯދައިގެން ފުލުހުން އަލީ ޝިފާއު ހައްޔަރުކުރީ އޭނާގެ ނަމުގައި ޕޯސްޓުން ރާއްޖެއަށް ގެނައި ޕާރުސަލެެއްގައި މަސްތުވާތަކެތި ހުރެގެންނެވެ.

ކޯޓު އަމުރު ހޯދުމަށް ފުލުހުން ކޯޓުގައި ދެއްކި ވާހަކަތަކުގައި ބުނެފައިވަނީ އެ ތަކެތީގެ ޓެސްޓް ހެދުމުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެޓަން ފެޓަމިން އަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އެ ތަކެތީގެ ބަރުދަނުގައި 260 ގްރާމު ހުރި ކަމަށެވެ. އަލީ ޝިފާއުގެ ކުޑަކަމުދާ ތަކެތި ޓެސްޓް ކުރުމުން ޓީއެޗްސީއޯ އާއި އޯޕީއައި އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ބުނެފައިވެ އެވެ.

ޕާރުސަލް ބަލާ ދިޔައީ ރަހްމަތްތެރިޔަކު ބުނެގެން ކަމަށް އަލީ ޝިފާއު ބުނި ނަމަވެސް އޭނާ ބުނާ ރަހްމަތްތެރިޔާ ވަނީ އަލީ ޝިފާއު ނުދަންނަ ކަމަށް ބުނެފަ އެވެ.