އައްޑޫ ސިޓީ ކައުންސިލް

އައްޑޫގައި ކޮވިޑް ފިޔަވަޅުތައް ހަރުކަށިކޮށްފި

Nov 29, 2021

އައްޑޫ ސިޓީގައި ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ފިޔަވަޅުތައް ހަރުކަށިކޮށްފި އެވެ.

އައްޑޫގައި ފިޔަވަޅުތައް ހަރުކަށި ކުރީ އެ ސިޓީގެ ހާލަތު ގޯސްވަމުންދާތީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގައިގެންނެވެ.

ފިޔަވަޅުތަކާ ގުޅިގެން ގިނަ ބަޔަކު އެއްވެގެން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ޖަލްސާތަކާއި ހަފްލާތަކާއި އަދި ކުޅިވަރު މުބާރާތްތައް މަޑުޖައްސާލުމަށް ވަނީ ނިންމާފަ އެވެ. ސްކޫލުތަކުގައި ކިޔަވައިދިނުން ފިޔަވާ އިތުރު އެއްވެސް ހަރަކާތެއް ސްކޫލު ތަކުގައިވެސް ކުރިއަށް ނުގެންދިއުމަށް އަންގާފައިވެ އެވެ. މީގެއިތުރުން ގޭގެ އަށް ޒިޔާރަތް ކުރުން ވެސް ވަނީ މަނާކޮށްފަ އެވެ.

އައްޑޫގައި ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް ކުރިއަށް ގެންދާ ކާފިއު ވަގުތު އެގޮތުގައި ދަމަހައްޓަން ވެސް އެޗްޕީއޭ އިން އަންގާފައިވެ އެވެ.

ކޮވިޑް ފެތުރޭތީ އައްޑޫ ސިޓީ މޮނިޓަރިންއަށް ގެނައި ފަހުން މިހާރު ވެސް ވަނީ ހަތަރު މަސް ވެފަ އެވެ. އެކަމާ ގުޅިގެން އައްޑޫ ރައްޔިތުން ގެންދަނީ ކެނޑިނޭޅި ޝަކުވާ ވެސް ކުރަމުންނެވެ.

އައްޑޫ ސިޓީގައި ޖުމްލަ 2،768 މީހަކަށް ކޮވިޑް ޖެހިފައިވާއިރު 2،494 މީހަކު ވަނީ ފަރުވާ ހޯދައިގެން ރަނގަޅުވެފަ އެެވެ.

އައްޑޫގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޭޔަރު އަލީ ނިޒާރު ވިދާޅުވީ ކޮވިޑް ފިޔަވަޅުތައް ވަރުގަދަ ކުރީ ބަލި ކޮންޓްރޯލް ކުރުމަށާއި އެންމެންގެ ރައްކާތެރިކަމަށްޓަކައި މިވަގުތު އެކަން ކުރަންޖެހޭތީ ކަމަށެވެ. ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ކޮވިޑް ނަންބަރުތައް ދަށަށް ނުދާނަމަ އިތުރު ފިޔަވަޅުތައް އަޅަންޖެހިދާނެ ކަމުގައިވެސް ވިދާޅުވި އެވެ.

އައްޑޫގައި ކޮވިޑް ޖެހިގެން މިހާތަނަށް 10 މީހަކު މަރުވެފައިވާއިރު އިއްޔެ އެކަނި ވެސް އެ ސިޓީން 14 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވެ އެވެ. އަދި ތިން މީހަކަށް ގެންދަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.