ހަބަރު

ކޮރަޕްޝަން އިންތިހާއަށް މައްޗަށް ހިނގައްޖެ: ޓްރާންސްޕޭރަންސީ

Dec 9, 2015
7
  • ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ފަށަން ވެއްޖެ
  • ޝަރުއީ ދާއިރާއާ މަޖިލީސް ކޮރަޕްޝަނުން ސާފުު ކުރަން ޖެހޭ
  • އެތައް މައުސޫމް ބަޔަކު ވަނީ ކޮރަޕްޝަންގެ ޝިކާރައަކަށްވެފައި

ރާއްޖޭގައި ކޮރަޕްޝަންގެ މައްސަލަތައް އިންތިހާ ދަރަޖައަށް މައްޗަށް ގޮސްފައިވާ ކަމަށާއި ކޮރަޕްޝަން ނައްތާލަން ވަރުގަދަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ބުނެ އެ މަސައްކަތްތައް ފަށައިގަތުމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން މިއަދު ސަރުކާރަށް ގޮވާލާފައި އެވެ.

މިއަދު ފާހަގަ ކުރަމުން އަންނަ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާ ދުވަހުގެ މުނާސަބަތުގައި އެ ޖަމްއިއްޔާ އިން އާންމު ކުރި ބަޔާނެއްގައި ބުނީ، މިވަގުތު ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ އިންތިހާ ދަރަޖައަށް ގޮސްފައިވާ ކޮރަޕްޝަންގެ އަމަލުތައް ކަމަށެވެ. އެ ޖަމްއިއްޔާއިން މިއަހަރު ކުރި، މޯލްޑިވްސް ޑިމޮކްރަޓިކް ސާވޭއާ ހަވާލާދީ ބުނީ މިިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގައި ކޮރަޕްޝަންގެ ކަންތައްތައް އިންތިހާއަށް މައްޗަށް ގޮސްފައިވާ ކަމަށް ރައްޔިތުންގެ ގިނަ ބަޔަކު ގަބޫލު ކުރާ ކަމަށެވެ.

ކޮރަޕްޝަން އިންތިހާއަށް ދިޔުމުގެ ސަބަބުން ދައުލަތުގެ މުއައްސަސާތަކަށް އާންމުން ކުރާ އިތުބާރު މުޅިން ހެން ގެއްލި، އާންމު ރައްޔިތުން ކޮރަޕްޝަންގެ ޝިކާރައަކަށްވެ، އޭގެ ގެއްލުމާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ވެސް ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލް އިން ބުންޏެވެ.

"އިންތިހާއަށް ގޮސްފައިވާ ކޮރަޕްޝަން ނައްތާލުމަށް، ސަރުކާރުން އިހުލާސްތެރި ކަމާ އެކު ވަރުގަދަ މަސައްކަތްތަކެއް ކުރުމަށް ސަރުކާރަށް ގޮވާލަމެވެ. އަދި ސިޔާސީ މައިދާނުގެ ނަޒާހަތްތެރިކަން ކަށަވަރުކޮށް ދިނުމަށް ވެސް ގޮވާލަމެވެ،" ބަޔާނުގައިވެ އެވެ. "ރާއްޖޭގައި އިންތިހާއަށް މައްޗަށް ގޮސްފައިވާ ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް ވަރުގަދަ ފިޔަވަޅުތަކެއް މި ވަނީ އަޅަން ޖެހިފައި. އަދި ކޮރަޕްޝަންގެ އަމަލުތައް ހިންގާ ފަރާތްތަކުގެ ނުފޫޒާއި ބާރު ގަދަ ވުމުގެ ސަބަބުން އެފަދަ މައްސަލަތަކަށް އިންސާފެއް ނުލިބި، އެފަދަ އަމަލުތައް ކުރާ ފަރާތްތައް އިންސާފުގެ ކުރިމައްޗަކަށް ނުގެނެވޭ. މިކަމުގެ ސަބަބުން ތަރައްގީއަށް ހުރަސްއެޅޭ،"

ދައުލަތުގެ މުއައްސާތައް ކަމަށްވާ ރައްޔިތުންގެ މަޖިލީހާއި ޝަރުއީ ދާއިރާ އިން ކޮރަޕްޝަން ނައްތާލުމަށް އެތަންތަނާ މެދު ކުރެވޭ ތުހުމަތުތައް އޭސީސީ އާއި އޮޑިޓަ ޖެނެރަލް ބެލައި އެކަށީގެންވާ ފިޔަވަޅު އެޅުމަށް ވެސް ޓްރާންސްޕޭރަންސީ އިން ވަނީ ގޮވާލައިފަ އެވެ. އެ ޖަމްއިއްޔާ އިން ބުނީ ޝަރުއީ ދާއިރާގެ ސަބަބުން ކުށްކުރުމުގެ ވެއްޓެއް އުފެދެމުން ދާ ކަމަށާއި އެ ދާއިރާ އިސްލާހު ކުރަން މިހާރު މިހާރަށް ވެސް ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އަދި ޝަރުއީ ދާއިރާ މިހާރު ހިނގާ ގޮތުން އާންމުންނަށް އިންސާފު ނުލިބި، ފައިސާ އާއި ނުފޫޒުގެ މައްޗަށް ނިންމުންތައް ނިންމުން އާންމުވެފައިވާ މައްސަލަ ހުއްޓުވަން ޖެހޭ ކަމަށް ވެސް އެ ޖަމްއިއްޔާ އިން ބުންޏެވެ.

މީގެ އިތުރަށް މަޖިލީހުގައި ހިންގާ ވޯޓުގަތުމުގެ ކަންތައްތަކާއި ނާޖާއިޒު ގޮތުގައި މެންބަރުން މުއްސަދިވުމާއި، އާންމުންގެ ހިޔާލެއް ނެތި ބައެއް ގާނޫނުތަކާއި ނިންމުންތައް މާ އަވަސް އަރުވާލައިގެން ނިންމުން އަދި ދައުލަތުގެ މަގާމުތަކުގައި ތިބޭ ފަރާތްތައް އުސޫލުތަކުން ބޭރުން މަގާމުން ވަކިކުރުމުގެ ކަންތައްތަކާ މެދު އިންތިހާއަށް ކަންބޮޑުވާ ކަމަށް ވެސް އެ ޖަމްއިއްޔާ އިން ބުންޏެވެ.

އެ ޖަމްއިއްޔާ އިން އަދި ގޮވާލާފައި ވަނީ އިދިކޮޅު ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމްއިއްޔާތައް އަދި ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމަށް ހުރަސް އެޅުން ހުއްޓާލައި ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލަން ފުރުސަތު ދިނުމަށެވެ. އަދި ރައްޔިތުން ވެސް ހޭލުންތެރިވެ ކޮރަޕްޝަންގެ އަމަލުތަކާ ދެކޮޅަށް މަސައްކަތް ކޮށް ޒިންމާދާރު ކުރުވުމަށް ވަނީ ގޮވާލައިފަ އެވެ.