މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލޭވިއޭޝަން

މަޖިލީހުން ދިން މުއްދަތަށް ބަނދަރުތަކުގެ ބިލް ނިމޭނެ: ޓްރާންސްޕޯޓް މިނިސްޓްރީ

Nov 30, 2021

ބަނދަރުތަކާ ބެހޭ ބިލްގެ ޑްރާފްޓް ކުރުމުގެ މަސައްކަތް އޮތީ ނިމުމުގެ މަރުހަލާގައި ކަމަށްވާތީ މަޖިލީހުން ދީފައިވާ މުއްދަތުގެ ތެރޭގައި އެ ބިލް މަޖިލީހަށް ހުށަހަޅާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.

ބަނދަރުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ބަނދަރުތަކާ ބެހޭ ބިލެއް 150 ދުވަހުގެ ތެރޭގައި ޑްރާފްޓްކޮށް މަޖިލީހަށް ހުށަހެޅުމަށް ޓްރާންސްޕޯޓް މިނިސްޓްރީ އަށް އެންގުމަށް މަޖިލީހުގެ މިއަހަރުގެ ފަހު ޖަލްސާގައި އިއްޔެ ވަނީ ފާސްކޮށްފަ އެވެ.

މަޖިލީހުގެ ނިންމުމާ ގުޅިގެން އަވަސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަމަދު އަބްދުލްޣަނީ ވިދާޅުވީ ބަނދަރުތަކާ ބެހޭ ބިލަކީ ބަންޑާރަނައިބް އޮފީހާ ގުޅިގެން މިހާރުވެސް ކުރެވެމުންދާ މަސައްކަތެއް ކަމަށެވެ.

"ހަގީގަތުގައި މިހާރު އެ އޮތީ އޭޖީއާ މަޝްވަރާކޮށްގެން ބިލްގެ ޑްރާފްޓް ފައިނަލް ކުރުމާ ހަމައަށް ގޮސްފައި. ޓްރާންސްޕޯޓ އޮތޯރިޓީ ކުރިން އޮތް އިރު ކުރަން ފެށިފައި އޮތް މަސައްކަތެއް އެއީ. އެހެންވެ މަޖިލީހުން ދީފައިވާ ތާރީހުގެ ކުރިއަށް ބިލް މަޖިލީހަށް ހުށަހެޅޭނެ،" ހަމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބަނދަރުތައް ރެގިއުލޭޓް ކުރުމަކީ ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތަކަށް ވާތީ ޑްރާފްޓް ކުރަމުންދާ ބިލްގައި ވެސް ބަނދަރުތައް ރެގިއުލޭޓް ކުރުމުގެ މައިގަނޑު މަސައްކަތް ހަވާލުކުރެވިފައި އޮންނާނީ ޓްރާންސްޕޯޓް މިނިސްޓްރީ އަށް ކަމަށެވެ. މީގެއިތުރުން ބަނދަރުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާއި އެ ފިޔަވަޅުތައް އަޅާފައި ހުންނަންޖެހޭ ބައިނަލްއަގްވާމީ މިންގަނޑުތައް ވެސް ގާނޫނުގެ ދަށުން ކަނޑައެޅޭނެ ކަމަށެވެ.

ބަނދަރުތައް ރެގިއުލޭޓް ކުރުމަށް މެރިޓައިމް ރެގިއުލޭޓަރީ އޮތޯރިޓީއެއް އުފައްދަން ވިސްނާފައިވޭތޯ ދެންނެވުމުން ހަމަދު ވިދާޅުވީ އެފަދަ އޮތޯރިޓީއެއް އުފެއްދުމަކީ ސަރުކާރުގެ ވިސްނުމެއް ކަމަށެވެ. ނަމަވެސް މިހާރު ޑްރާފްޓްކުރަމުންދާ ބަނދަރުތަކުގެ ބިލްގައި އެފަދަ އޮތޯރިޓީއެއް އުފެއްދުމަށް ހިމަނާފައި ނުވާ ކަމަށެވެ. އެކަމަކު ބިލްގެ ޑްރާފްޓް ނިންމާ، ކަމާ ގުޅޭ އިދާރާތަކާ މަޝްވަރާކުރާއިރު މެރިޓައިމް ރެގިއުލޭޓަރީ އޮތޯރިޓީއެއް ބިލްގައި ހިމެނުމަށް ލަފާ ލިބޭނަމަ ފަހުން އެކަން ކުރެވިދާނެ ކަމުގައިވެސް ވިދާޅުވި އެވެ.

މަޖިލީހުން މީގެކުރިން ވެސް އެފަދަ ބަނދަރުތަކުގެ ގާނޫނެއް އެކުލަވާލުމަށް މިނިސްޓްރީގެ ދަށުން ކުރިން ހިންގަމުން ދިޔަ ޓްރާންސްޕޯޓް އޮތޯރިޓީ އަށް ލަފާ ދީފައިވެ އެވެ. އެކަމަކު ބަނދަރުތަކުގެ ރައްކާތެރިކަމާ ގުޅޭ ގާނޫނުތަކާއި ގަވައިދުތައް ނުހެދި ދިގުލައިގެން ގޮސްފައިވާތީ ދެވަނަ ފަހަރަށް މަޖިލީހުގެ އެސްއޯއީ ކޮމިޓީން ދިން ލަފާގައި ވަނީ ވަކި މުއްދަތެއް ދީ އެ މުއްދަތުގެ ތެރޭގައި ބިލް ހުށަހެޅުމަށް އަންގާފަ އެވެ. މަޖިލީހުގެ ވޯޓުގައި އިއްޔެ ބައިވެރިވި 55 މެންބަރުންގެ އިއްތިފާގުން ފާސްކުރީ ކޮމިޓީގެ ދެވަނަ ރިޕޯޓެވެ.

ކޮމިޓީގެ ފަހުގެ ނިންމުމުގައި ވަކި މުއްދަތެއް ކަނޑައަޅާފައި ވަނީ ކުރީގެ ނިންމުމަށް އަމަލުނުކުރެވި އަށް މަސް ފާއިތުވުމާ ގުޅިގެންނެވެ.

ބަނދަރުތަކުގެ ސަލާމަތާ ގުޅޭ މައްސަލަތަކުގައި އެސްއޯއީ ކޮމިޓީން ފުރަތަމަ އެކުލަވާލި ރިޕޯޓްގައި ބުނެފައިވަނީ ރާއްޖެ ބައިވެރިވާ ސޭފްޓީ އޮފް ލައިފް އެޓް ސީ (ސޯލާސް) މުއާހަދާގެ ދަށުން ބަނދަރުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފިޔަވަޅު އެޅުމަކީ ދައުލަތުން ޔަގީންކޮށްދޭން ޖެހޭ ކަމެއް ކަމަށެވެ. އެހެންވެ ކޮމިޓީގެ ދެވަނަ ނިންމުމުގައި ވަނީ ގާނޫނު އެކުލަވާލުމަށްފަހު އެ ގާނޫނުން ބާރު ލިބިދޭ ގަވައިދުތަކެއް ހަދައި ބަނދަރުތަކުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ވެސް ލަފާ ދީފަ އެވެ.