އެމްޑަބްލިއުއެސްސީ

އެމްޑަބްލިއުއެސްސީއާ ޔޫތު މިނިސްޓްރީ ގުޅިގެން ޒުވާނުން ތަމްރީންކުރަނީ

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން އެމްޑަބްލިއުއެސްސީއާއި ޔޫތު މިނިސްޓްރީ ގުޅިގެން ޒުވާނުން ތަމްރީނުކުރުމަށް ނިންމައިފި އެވެ.

އެމްޑަބްލިއުއެސްސީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމެއްގައި ވަނީ ސޮއިވެސް ކޮށްފަ އެވެ. އެމްޑަބްލިއުއެސްސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އެވެ. އަދި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހުސައިން އިސްމާއިލް އެވެ.

ނެޝަނަލް އެޕްރެންޓިސްޝިޕް ޕުރޮގްރާމަކީ މަސައްކަތު މާހައުލުގައި ތިބެގެން އެ ދާއިރާތަކުގެ ތަޖުރިބާކާރުންގެ ބެލުމުގެ ދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ގައުމީ ފެންވަރުގައި ހުޅުވާލައިގެން ޔޫތު މިނިސްޓްރީން ކުރިއަށް ގެންދާ ހާއްސަ ޕުރޮގްރާމެކެވެ.

އެމްޑަބްލިއުއެސްސީގެ ފަރާތުން މި ޕްރޮގްރާމް އަމަލީ ގޮތުން ފަށާނީ މި މަހު އެވެ. އެގޮތުން އެމްޑަބްލިއުއެސްސީން ހިންގާ ފުރަތަމަ 02 ބެޗްގައި 17 ދާއިރާއަކުން 73 ޒުވާނަކަށް ފުރުސަތު ދޭނެ އެވެ.

އެގޮތުން ޕްރޮގްރާމްގައި ކޮންމެ ބެޗެއްގެ ބައިވެރިން ހަމަސް ދުވަހުގެ މުއްދަތަށް އެމްޑަބްލިޔުއެސްސީގައި މަސައްކަތްކޮށް، ބައިވެރިވާ ދާއިރާގެ ހުނަރުތައް އަމަލީ ގޮތުން ދަސްކޮށް، ތަމްރީން ވެގެންދާނެ އެވެ.

ނެޝަނަލް އެޕްރެންޓިސްޝިޕް ޕުރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކަށް ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގައި ހިމެނޭ ލެވެލް ތިނެއްގެ ސެޓްފިކެޓެއް ލިބިގެންދާނެ އެވެ. މި ޕުރޮގްރާމްތައް ހިންގާނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ "ނެޝަނަލް ކޮމްޕިޓެންސީ ސްޓެންޑާޑްސް" އާ އެއްގޮތަށެވެ.