ހަބަރު

2017ގެ ބަޖެޓް ބެލެންސްވާނެ: ޖިހާދު

Dec 10, 2015
1
  • ޓީބިލް ވިއްކާ އަދަދު މަދު ކުރާނެ
  • ކޮންމެހެން ނަގަން ޖެހޭ ލޯނެއް ނޫނީ ނުނަގާނެ
  • ބޭރު ފައިސާގެ އާމްދަނީ އިތުރު ކުރަން މަސައްކަތްތަކެއް

މިހާރު ދައުލަތުގެ ހަރަދުތައް ކުޑަކުރަން ކުރާ މަސައްކަތުގެ ތެރެއިން، 2017 ވަނަ އަހަރު ބެލެންސް ބަޖެޓެއް ހުށަހެޅޭނެ ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު މިއަދު ވިދާޅުވެއްޖެ އެވެ.

އިކޮނޮމިކް ކައުންސިލުން ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ފިނޭންސް މިނިސްޓަރު ޖިހާދު ވިދާޅުވި ސަރުކާރުގެ އަމާޒަކީ ވިހާ ވެސް ބޮޑަކަށް ހަރަދު ކުޑަކޮށްގެން ދަރަނިން ސަލާމަތްވެފައިވާ ބެލެންސް ބަޖެޓެއް ހުށަހެޅުމަށް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ދައުލަތުގެ ހަރަދާއި ދަރަންޏަށް ޒިންމާވުމުގެ ގާނޫނުގެ ދަށުން ހަރަދު ކުޑަކޮށް ދަރަނި ވަކި މިންގަނޑެއްގައި ބަހައްޓަން ލާޒިމް ކުރާ ކަމަށެވެ. އަދި ސަރުކާރުން މަސައްކަތް ކުރަނީ އެ މަގުސަދުތައް ހާސިލްކޮށް އަރަނި ބަޖެޓަކަށް ދިޔުމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިހާރު އަޅުގަނޑުމެންގެ ފޯކަސް މި ހުރީ ޑެފިސިޓް ކުޑަކޮށްފައި އަރަނި ބަޖެޓަކަށް ދާން. އެކަމަށް އެބަ މަސައްކަތްތަކެއް ކުރެވޭ. ހަރަދު ކުޑަކޮށް ޓީބިލް ގަތުން މި އަންނަނީ މަދު ކުރަމުން. މި އަމާޒުގައި ދަންޏާ 2017 ގެ ބަޖެޓް އަޅުގަނޑުމެންނަށް ހަމަ ވަރަށް ބޮޑަށް ބެލެންސް ކުރެވޭނެ. އަރަނި ބަޖެޓަކަށް ހެދޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ބަޖެޓް ދަރަނި ފޫބައްދަން ފައިސާ ހޯދުމަށް ޓީބިލް ވިއްކުމަކީ އެއްވެސް ގޮތަކުން އިގްތިސާދަށް ފައިދާ ހުރި ކަމެއް ނޫނެވެ. ޓީބިލް އަނބުރާ ދައްކަން ޖެހެނީ އިންޓަރެސް ރޭޓްގައި ކަމުން ސަރުކާރަށް ވެސް ގެއްލުންވާކަން ފާހަގަ ކުރަމުން މިނިސްޓަރު ވިދާޅުވީ ޓީބިލް ވިއްކުމުގެ ސަބަބުން ބޭންކްތަކުގައި އާންމުންނަށް ދޫކުރަން ހުންނަ ފައިސާ މަދުވެ، ލޯނު ދޫކުރުމަށް މަޑު ޖެހެ އެވެ. އެކަމުގެ ސަބަބުން އާންމު ވިޔަފާރުވެރިންނަށް ވިޔަފާރި ކުރިއަރުވަން ދަތިތައް ހުންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ރައީސް އެދިލައްވަނީ ޓީބިލް ގަންނަ އަދަދު މަދު ކުރަން. އެކަން ކުރެވޭނީ ހަރަދު ކުޑަކޮށްގެން. ޓީބިލް ވިއްކައިގެން މިކަން ކުރުން ނުވޭ އެއްގޮތަކަށް ވެސް ރަނގަޅު ކުރާކަށް،" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގެ އެކި މާލީ އިދާރާތަކުން ނަގާ ދަރަނީގެ އިތުރަށް ބޭރު ގައުމުތަކަށް ރާއްޖެ ދައްކަން އޮތް ދަރަނި ކުޑަކުރެވޭތޯ ވެސް ބަލަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ކޮންމެހެން ނަގަން ޖެހޭ ލޯނެއް ނޫނީ ނުނެގުމަށް ސަރުކާރުގެ ވިސްނުން ހުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ ކޮންމެ ކަހަލަ ލޯނެއް ނެގިޔަސް ކޮންމެވެސް ދުވަހަކު އަގަކާ އެކު އެ ލޯނު ދައްކަން ޖެހޭނެ އެވެ. އަދި އެކަމަށް ބޭރު ފައިސާ ވެސް ބޭނުން ވާ އިރު އެއީ އެހާ ފަސޭހަކަމަކަށް ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ހުރިހާ ގޮތަކުން ވެސް ދަރަނި ކުޑަކޮށް ބޭރު ފައިސާގެ މިންވަރު އިތުރު ކުރަން ވިސްނުން މި ގެންގުޅެނީ،" މިނިސްޓަރު ވިދާޅުވި އެވެ.