އެމްޑަބްލިއުއެސްސީ

ވަށަފަރުގެ ފެނާއި ނަރުދަމާގެ މަސައްކަތް އިފްތިތާހުކޮށްފި

ހއ. ވަށަފަރުގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ އަމަލީ މަސައްކަތް އެމްޑަބްލިއުއެސްސީން ފަށައިފި އެވެ.

މި މަސައްކަތް ފެށުމުގެ ގޮތުން ވަށަފަރުގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތުގެ ފެށުން އިފްތިތާހު ކޮށްދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހުއާއި ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފާއި ހއ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީގް އެވެ.

ވަށަފަރުގައި ފެނުގެ ނިޒާމް ގާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި އެ ރަށަށް ފޮނުވައި، ހޮޅި ވަޅުލުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އަދި އެ ރަށުގައި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގެ 29 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

މި މަޝްރޫއުގެ ދަށުން ވަށަފަރުގައި 7.5 ކިލޯމީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކެއް ގާއިމްކޮށް އާރުއޯ ފެސިލިޓީގެ އިމާރާތެއް އަޅައި ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓް ބެހައްޓައި ފެން ރައްކާ ކުރުމަށްޓަކައި ތިން ތާނގީ ވެސް ބަހައްޓާނެ އެވެ.

ފެނުގެ ނިޒާމް ގާއިމްކުުރުމާ ގުޅޭ އިތުރު މަސައްކަތްތައް

  • ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، ރައްކާތެރި ބޯފެން ފޯރުކޮށްދިނުން.
  • ފެނުގެ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނު ފޯރުކޮށް ދިނުން.

ވަށަފަރުގެ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން އެ ރަށުގައި 6.1 ކިލޯ މީޓަރުގެ ނަރުދަމާގެ މައި ނެޓްވޯކް ގާއިމްކޮށް 2.7 ކިލޯ މީޓަރގެ ޕަންޕިން ލައިން އަޅައި އަދި ތިން ޕަންޕިން ސްޓޭޝަނާއި އަދި އެއް ސީ އައުޓް ފޯލް ގާއިމް ކުރާނެ އެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މިގެތަކަށް ނަރުދަމާގެ ހިދުމަތް ވެސް ފޮރުކޮށްދޭނެ އެވެ.