ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

މަތީ ތައުލީމުދޭ މަރުކަޒުތައް އަލުން ރަޖިސްޓްރީ ކުރަން އަންގައިފި

Dec 5, 2021

ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނުން ބާރު ލިބިގެން އެކުލަވާލައި ގެޒެޓްކޮށްފައިވާ ދެ ގަވައިދެއްގެ ދަށުން ރާއްޖޭގައި މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތައް ރަޖިސްޓަރީކުރުމާއި ރީ-ރަޖިސްޓަރީ ކުރުމަށް ހުޅުވާލައިފި އެވެ.

މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނުން ބާރު ލިބިގެން އެކުލަވާލައި މިމަހުގެ ދެވަނަ ދުވަހު ގެޒެޓްކޮށްފައިވާ ދެ ގަވައިދަކީ މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތައް ރަޖިސްޓަރީކޮށް ހިންގުމުގެ ގަވާއިދާއި ދިވެހިރާއްޖޭގައި ކޮލެޖުތަކާއި އިންސްޓިޓިއުޓްތައް ހިންގުމުގެ ގަވާއިދެވެ.

ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ގެޒެޓްކޮށްފައިވާ އެ ދެ ގަވައިދުގެ ދަށުން މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތައް ރަޖިސްޓްރީކުރަން ފެށިފައިވާ ކަމަށެވެ.

ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގައި މިހާރު ރަޖިސްޓަރީކޮށް ހިންގަމުންދާ އިންސްޓިޓިއުޓްތަކާއި ކޮލެޖްތައް، އަލަށް ގެޒެޓް ކުރި ގަވާއިދުތައް ގެޒެޓްކުރެވުނު ތާރީހުން ފެށިގެން ހަމަސް ދުވަހުގެ ތެރޭގައި އެ ތަންތަނުގެ ރަޖިސްޓަރީ އާކުރަންޖެހެ އެވެ. އެފަދަ ތަންތަން ރީ-ރަޖިސްޓަރީ ކުރަން ފީއެއް ނަގާ ގޮތަށް ހަމަޖެހިފައެއް ނުވެ އެވެ.

ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ރަޖިސްޓްރީ އާ ނުކުރާ ތަންތަން އެ ގަވާއިދުތަކުގައިވާ ގޮތުގެ މަތިން ކޮލެޖުތަކާއި އިންސްޓިޓިއުޓްތަކުގެ ދަފްތަރުން އުނިކުރެވޭނެ ކަމަށެވެ. އަދި މިއަދުން ފެށިގެން މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތައް ރަޖިސްޓަރީކޮށް ހިންގުމާ ގުޅޭ އެންމެހާ ކަންކަމުގައި އެ މިނިސްޓްރީއަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ފޮނުވާނީ [email protected] އީމެއިލް އެޑްރެހަށް ކަމުގައިވެސް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ވަނީ އަންގާފަ އެވެ.

އިންސްޓިޓިއުޓްގައި ހުންނަންވާ ސިފަތައް

  • ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް އެކަކުން ފެށިގެން ލެވަލް ހަޔަކާ ދެމެދުގެ ޕްރޮގްރާމުތައް ހިންގާ ތަނެއް ކަމުގައިވުން
  • އުމުރުން 16 އަހަރުން މަތީގެ ކުދިންނަށް ކިޔަވައިދޭ ތަނަކަށްވުން
  • އިންސްޓިޓިއުޓްގައި ހިންގާ ޕްރޮގްރާމުތަކަކީ ނުވަތަ ތަމްރީން ތަކަކީ އެ އިންސްޓިޓިއުޓެއްގެ ފިލޯސޮފީއާއި، ވިޒަން އާއި، މިޝަން ހާސިލްކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ކޯސްތަކަކަށްވުން
  • ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލަކަށް ފެތޭ ޕްރޮގްރާމެއް ނަމަ ކިޔަވައިދޭ ލެކްޗަރާ އިންނަކީ ކިޔަވައިދޭ ފެންވަރަށް ވުރެ މަތީ ފެންވަރެއްގެ ސަނަދެއް ހާސިލްކޮށްފައިވާ ފަރާތަކަށް ވުން
  • އިންސްޓިޓިއުޓް ހިންގާ އިސްވެރިޔާ ފުލްޓައިމް މުވައްޒަފަކަށް ވުން
  • ލެވަލް ފަހަކުން ފެށީގެ މަތީގެ ޕްރޮގްރާމުތަކުގައި ކިޔަވައިދޭ އިންސްޓިޓިއުޓްތަކުގައި އިދާރީ ކަންތައްތަކާއި މާލީ ކަންތައްތައް ބަލަހައްޓާނެ ފުލްޓައިމް މުވައްޒަފަކު ހުރުން
  • ލެވަލް ފަހަކުން ފެށީގެ މަތީގެ ޕްރޮގްރާމުތަކުގައި ކިޔަވައިދޭ ލެކްޗަރާއިންގެ 10 އިންސައްތަ ލެކްޗަރާ އިން ފުލްޓައިމް މީހުންނަށް ވުން
  • އިންސްޓިޓިއުޓް ހިންގާ އިމާރާތަކީ ގަވައިދުގައިވާ ކަންތައްތައް ފުރިހަމަ ކޮށްފައިވާ އިމާރާތަކަށް ވުން
  • ފިޒިކަލް ލައިބްރަރީއެއްގެ ހިދުމަތް ދަރިވަރުންނަށް ލިބެން ހުރުން

ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީންގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ އޭޕްރީލް 28 ވަނަ ދުވަހު އެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެ ބިލް ތަސްދީގު ކުރެއްވީ މިދިޔަ މެއި 16 ވަނަ ދުވަހު އެވެ.