ހަބަރު

އިންސާނީ ހައްގުތައް ހޯދައި ދޭނީ ތަރައްގީ ގެނެސްދީގެން: ރައީސް

Dec 10, 2015
1
  • ގާނޫނުތަކަކުން އެކަނި ނުފުދޭ
  • ބައިނަލްއަގްވާމީ މުއާހަދާތަކަށް ބޯލަބާނަން
  • އިހުތިރާމް ކުރާ މުޖުތަމައެއް އުފައްދަން ޖެހޭ

ދިވެހިންނަށް އިންސާނީ ހައްގުތައް ހޯދައިދިނުމުގައި ސަރުކާރުގެ ސިޔާސަތަކީ ތަރައްގީ އާއި ފުދުންތެރިކަން ދިވެހިންނަށް ގެނެސްދީގެން އެ ހައްގުތައް ހޯދިއިދިނުން ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަ ކުރާ އިންސާނީ ހައްގުތަކުގެ ދުވަހުގެ މުނާސަބަތުގައި ރައީސް އާންމު ކުރެއްވި މެސެޖެއްގައި ވިދާޅުވީ، އިންސާނީ ހައްގުތައް ރައްކާތެރިކޮށް ކުރިއެރުވުމަށްޓަކައި ގާނޫނީގޮތުން ހެދިފައިވާ ނިޒާމުތަކާއި އޮނިގަނޑުތައް ހުރުން މުހިންމު ނަމަވެސް، މިފަދަ އުސޫލުތަކަކުން އެކަނި ނުފުދޭނެ ކަމަށެވެ. އިންސާނީ ހައްގުތައް ރައްކާތެރި ކޮށް ކުރިއެރުވުމުގައި ސަރުކާރުގެ ސިޔާސަތު ހާމަ ކުރައްވަމުން ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރާނީ ރައްޔިތުން ބާރުވެރި ކުރުވައި، އެމީހުންގެ ބޭނުންތައް ފުއްދައިދީ، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދީގެން އިންސާނީ ހައްގުތައް ރައްޔިތުންނަށް ހޯދައިދީގެން ކަމަށެވެ.

"އިންސާނީ ހައްގުތައް ރައްކާތެރި ކުރުމުގައި މި ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ، ދިވެހި ރައްޔިތުން ބާރުވެރި ކުރުވައި، އެމީހުންގެ ބޭނުންތައް ފުއްދައިދީ، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ކަންކަމުގައި އަމިއްލަ ވިސްނުމާއި ޤާބިލިއްޔަތު ބޭނުންކުރެވޭނެ ފުރުޞަތުތައް ރައްޔިތުންނަށް ތަނަވަސްކޮށްދެއްވުމެވެ،" ރައީސްގެ މެސެޖްގައިވެ އެވެ.

އެމަނިކުފާނު ވިދާޅުވީ އިންސާނީ ހައްގުތައް ކުރިއެރުވުމަށްޓަކައި ރާއްޖޭގަ އާއި ބައިނަލްއަގްވާމީ ގޮތުން ހެދިފައިވާ ގާނޫނުތައް މި ސަރުކާރުން ތަންފީޒުކުރާނެ ކަމަށެވެ. އަދި މުޖުތަމައު ބަލައިގަންނަ އުސޫލެއްގެ މަތިން މިފަދަ ކަންކަން ކުރިއެރުވުމަށް ސަރުކާރުން އިސްކަން ދޭކަމަށް ރައީސް ވިދާޅުވި އެވެ.

އިންސާނީ ހައްގުތަކަށް ޓަކައި ރާއްޖެއިން ކުރަން ޖެހޭ އެންމެ މުހިންމު މަސައްކަތަކީ، ވަކިވަކި ފަރުދުންނާއި، މުޖުތަމަ އާއި، ދައުލަތުގެ ޙައްގުތަކަށާއި ޒިންމާތަކަށް އިހުތިރާމްކުރާނެ ދިވެހި މުޖުތަމައެއް އުފެއްދުން ކަމަށް ރައީސް ވިދާޅުވި އެވެ. އެފަދަ މުޖުތަމައެއް އުފެދިއްޖެ ނަމަ ރައީސް ވިދާޅުވި ގޮތުގައި، އިންސާނީ ހައްގުތައް ކުރިއެރުވުމަކީ އާންމު ދިރިއުޅުމުގެ ބަޔަކަށް ވެގެންދާނެ ކަމަށެވެ.