އޮބިޗުއަރީ

ކެލާ އަލިބެ އަވަހާރަވެއްޖެ

ސިޔާސީ މަސައްކަތްތަކާއި އަދަބީ މަސައްކަތްތަކުގައި ފާހަގަ ކޮށްލެވޭ ހިދުމަތްތެރިޔެއް ކަމުގައިވާ ކެލާ އަލީ އިބްރާހީމް މަނިކު (ކެލާ އަލިބެ) އަވަހާރަވެއްޖެ އެވެ.

ގާނޫނީ ވަކީލެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފައިވާ އަލިބެ އަވަހާރަވީ އާލާސްކަންފުޅާ ގިނަ ދުވަސްތަކަކު އުޅުއްވުމަށް ފަހުގަ އެވެ.

އަލިބެ ވަނީ ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ހާއްސަ މަޖިލީހުގައި ހއ. އަތޮޅު މެންބަރުކަން ކުރައްވާފަ އެވެ. ދިވެހި ބަހާއި އަދަބިއްޔާތަށް ވެސް ވަރަށް ގިނަ ހިދުމަތްތައް ކުރެއްވި އެވެ. އެގޮތުން ފަތްތޫރައިގައި ވަރަށް ގިނަ ސަފްހާތައް ލިޔުއްވާފައިވެ އެވެ.

އަލީ އިބްރާހީމް މަނިކަކީ ކުޅަދާނަ ވާހަކަ ދެއްކުންތެރިއެއްގެ އިތުރުން އެކި މައުލޫތަކަށް އެކި މުނާސަބަތުތަކުގައި ރީތި ޅެންތަކެއް ވެސް ހައްދައިދެއްވާފައިވާ ބޭފުޅެކެވެ.

މުދައްރިސް ކަމާއި ސަރުކާރުގެ އެކި ވުޒާރާތަކުގައި މަސައްކަތް ކުރައްވާފައިވާ އަލިބެ އަކީ ތަފާތު ފަންނުތަކުގެ ހުނަރުވެރިއެއް ވެސްމެ އެވެ. އެގޮތުން ލިޔެލާޖެހުމާއި ކުރެހުމާއި އަތްތެރި މަސައްކަތުގެ ހުނަރުތަކަކީ އަލިބެގެ ފަންނުވެރިކަމުގެ ތެރޭގައި ހިމެނޭ ހުނަރުތަކެކެވެ.

އަލިބެގެ ބޭފުޅުންގެ ތެރެއިން އެންމެ ފާހަގަކުރެވޭ ބޭފުޅަކީ ދީނީ އިލްމުވެރިޔާ ފައްޔާޒު އަލި މަނިކު އެވެ.