އިންސާނީ ހައްގުތަކުގެ ކަންތައްތަކުގައި ދުނިޔޭގެ ބައެއް ނުފޫޒު ގަދަ ގައުމުތަކުން ދެ ފުށްދެގޮތް ސިޔާސަތު ގެންގުޅޭ ކަމަށް ވިދާޅުވެ ރައީސް ބައިނަލްއަގުވާމީ މުޖުތަމައަށް ފާޑު ވިދާޅުވެއްޖެ އެވެ. އަދި ވިދާޅުވީ ރާއްޖޭގައި ހައްގުތަކެއް ނުލިބިގެން ކިތަންމެ ވަރަށް ފިއްތުންތައް އައި ނަމަވެސް، އިސްލާމް ދީނާ ހިލާފު ކަންކަމަށް ޖާގައެއް ނުދެއްވާނެ ކަމަށެވެ.
އިންސާނީ ހައްގުތަކުގެ ދުވަހުގެ މުނާސަބަތުގައި އެޗްއާރުސީއެމް އިން މިރޭ ބޭއްވި ހަފްލާ ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ބައެއް ގައުމުތަކުގައި އިންސާނީ ހައްގުތަކުގެ ކަންތައްތައް ހުރީ ހިތާމަ ކުރަން ޖެހޭ ދަރަޖައެއްގައި ކަމަށެވެ. އަދި އެފަދަ ގައުމުތަކުން އެހެން ގައުމުތަކުގެ ހައްގުތަކަށް އަރައި ގަންނަމުން ދާ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ބޮޑެތި ނުފޫޒު ގަދަ ގައުމުތަކުން ކުދި ގައުމުތަކަށް ބޭ އިންސާފުން އަމަލު ކުރުމާއި ނިކަމެތި ކުރުމުގެ ސަގާފަތެއް ގެންގުޅޭ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެފަދަ ކަންތައްތައް ހުއްޓުވަން ހުދު އދ ވެސް ނުކުޅެދިފައި އޮތް ކަމަށް ރައީސް ވިދާޅުވި އެވެ.
ބައެއް މިސާލުތައް ނަންގަވަމުން ރައީސް ވިދާޅުވީ ފަލަސްތީނުގެ މައްސަލައިގައި އދ އިން އެތައް ގަރާރުތަކެއް ފާސްކުރި ކަމަށާއި ނަމަވެސް އެ ގައުމުގެ ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުމަށް ހުދު އދ ވެސް ނުކުޅެދިފައި އޮތް ކަމަށެވެ. އަދި ދުނިޔޭގެ ނުފޫޒު ގަދަ އަދި ބާރުގަދަ ގައުމުތަކުން ވެސް ފަލަސްތީނުގެ މައްސަލައިގައި އަމަލު ކުރާ ގޮތުން އިންސާނީ ހައްގުތަކުގެ ކަންތައްތަކުގައި އެ ގައުމުތަކުގެ ދެ ފުށް ދެ ގޮސް ސިޔާސަތު ވަރަށް ބޮޑަށް ހާމަވާ ކަމަށް ރައީސް ވިދާޅުވި އެވެ. ސީރިޔާގެ ރެފިއުޖީންގެ މައްސަލައި ވެސް ކަންކަން ހިނގަމުން ދަނީ މި މަގުން ކަމަށް ރައީސް ވިދާޅުވި އެވެ.
"ޑަބަލް ސްޓޭންޑާޑް މިކަމުގައި ވެސް އެބަ ގެންގުޅޭ. ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކަށް ބަލާ އިރު އެ ކަން މި ފެންނަނީ އެހެން. އދ އަށް ބަލާއިރު ވެސް މިކަން މިފެންނަނީ އެހެން. ޗާޓަރުތަކެއް ފާސްކުރޭ އެއަށް އަމަލެއް ނުކުރެވޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި އުފެދޭ ސިޔާސީ ކަންކަމާ ވެސް ގުޅުވައި އިންސާނީ ހައްގުތައް ރާއްޖޭގައި ނެތް ކަމަށް ބައެއް ގައުމުތަކާއި ޖަމްއިއްޔާތަކުން ބުނެ، އެކި ފިއްތުންތައް ކުރިމަތި ކުރުވަނީ އިސްލާމް ދީނުގައި ހުއްދަ ނޫން ކަންކަމަށް ހައްގުތަކުގެ ނަމުގައި ފުރުސަތު ނުދޭތީ ކަމަށެވެ. އެގޮތުން އެއްޖިންސުން ކައިވެނި ކުރުމުގެ ހައްގާއި ދީނީ މިނިވަންކަމުގެ ހައްގު ރާއްޖޭގައި ބޭއްވުމަށް ފިއްތުންތައް ކުރިމަތިކޮށް މުއާހަދާތަކުގައި ހުރި ރިޒަވޭޝަންތައް ނެގުމަށް މަޖުބޫރު ކުރުވަމުން އަންނަ ކަމަށެވެ. އެފަދަ ފަރާތްތަކަށް ރައީސް ވިދާޅުވީ، ހައްގުތައް ދިނުމުގެ ނަމުގައި ދީނާ ހިލާފު އެއްވެސް ކަމަކަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ.
"މިއީ އިސްލާމީ ގައުމެއް. މިގައުމުގައި އިސްލާމް ދީނާ ހިލާފު ކަމަކަށް ޖާގައެއް ނުދެވޭނެ. ލިބަރަލް ގައުމުތަކުގައި އޮންނަ ގޮތަށް އެއްޖިންސުން ކައިވެނި ކުރުމާއި މިކަހަލަ ކަންކަމަށް ހުއްދަ ނުދީގެން އެބަ ވާހަކަ ދައްކާ. އެކަމަކު އަޅުގަނޑު ދަންނަވާނީ އެ ހައްގުތަކެއް ނުލިބޭނޭ. މި ގައުމުގައި އިންސާނީ ހައްގުތައް ކުރި އަރުވާނީ ގިނަ ރައްޔިތުން ގޮަތަށް އިސްލާމް ދީނުގެ ހުދޫތަކުގެ ތެރެއިން،" ރައީސް ވިދާޅުވި އެވެ.
އިންސާނީ ހައްގުތަކަށް އޮތް އެންމެ ބޮޑު ހުރަހަކީ ދުނިޔޭގެ އެކި ގައުމުތަކުގައި އުފެދޭ ސިޔާސީ ހިޔާލު ތަފާތުވުމުގެ ތެރެއިން އުފެދޭ ބޮޑެތި މައްސަލަތައް ކަން ރައީސް ފާހަގަ ކުރެއްވި އެވެ. ރައީސް ވިދާޅުވީ އެފަދަ ކަންކަން ދުނިޔޭގެ ކޮންމެ ގައުމެއްގައި ވެސް ހިނގާ ކަމަށާއި އެކަމުގެ ސަބަބުން ބައެއް ފަރާތްތަކުގެ ހައްގުތައް ވެސް ގެއްލޭ ކަމަށެވެ. އަދި އެފަދަ ހިޔާލު ތަފާތުވުންތަކުގައި އެބަޔަކު ބޭނުންވާ ގޮތަކަށް ކަންކަން ނިމިގެން ނުދިޔުމަކީ ހިތްހަމަ ނުޖެހެން ޖެހޭ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވަނީ އެފަދަ ކަންކަމާ ހުރެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރައްވާ ފަރާތްތަކުން މާޔޫސް ނުވުމަށް ގޮވާލައްވައިފަ އެވެ.
"މި ސަރުކާރުން ދެކެނީ ހައްގުތައް ގެއްލޭ މީހުންގެ ހައްގުގައި އަޑު އުފުލަން ބަޔަކު ތިބެން ޖެހޭނޭ އެބަޔަކު އެ ކުރައްވަނީ ނޯބަލް ވަރަށް މުހިންމު މަސައްކަތެކޭ. އެކަމުގައި އެބޭފުޅުން ދެމި ތިއްބަވާށޭ. މާޔޫސްވެ ވަޑައިނުގަންނަވާށޭ،" ރައީސް ވިދާޅުވި އެވެ.