ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

އަަގަށް އެސައިންޓްމަންޓް ހަދައިދޭ މައްސަލަ ފުލުހަށް

ޔުނިވާސިޓީތަކާއި ކޮލެޖުތަކުގެ އެސައިންމަންޓްތައް ފައިސާދީގެން ހަދައިދޭ މައްސަލަ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ފުލުހުންނަށް ހުށަހަޅައިފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު އަވަސްއަށް ވިދާޅުވީ ފައިސާއަށް އެސައިންމަންޓް ހަދައިދޭން ސޯޝަލް މީޑިއާގައި އިޝްތިހާރު ކުރާ ތަން ވަރަށް ބޮޑަށް ފެންނަމުންދާ ކަމަށެވެ. އަދި މި ހަފްތާގައި މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިިވާ ކަމަށެވެ.

ފައިސާއަށް އެސައިންމަންޓް ހަދައިދޭ މައްސަލަތައް ހުއްޓުވަން މީގެ ކުރިން ވެސް މަސައްކަތް ކޮށްފައިވާނެ ކަމަށް އޮފިޝަލު ވިދާޅުވި އެވެ. ނަމަވެސް އެސައިންޓްމަންޓް ހަދައިދިނުން ހުއްޓުވަން މިހާރު ގާނޫނުގެ ދަށުން ބާރު ލިބޭތީ މައްސަލަ ފުލުހުންނަށް ހުށަހެޅީ ކަމަށެވެ.

މިދިޔަ އޭޕްރީލް މަހު ފާސްކުރި މަތީ ތައުލީމްގެ ގާނޫނުގެ ދަށުން ދަރިވަރަކު އަމިއްލައަށް ފުރިހަމަކުރަން ޖެހޭ އެސައިންޓްމަންޓެއް އެހެން ފަރާތަކަށް އަގު ދީގެން އެ މަސައްކަތް ކުރުމާއި އަދި އެހެން ފަރާތަކުން އެކަން އަގަށް ކޮށްދޭން ހުށަހެޅުމަކީވެސް ކުށެކެވެ. އެގޮތުން ދަރިވަރަކު އެހެން ފަރާތެއް ލައްވައި އަގު ދީގެން އެސައިންޓްމަންޓް ހަދައިފިނަމަ 5،000 ރުފިޔާއިން ޖޫރިމަނާކުރެެވެ އެވެ. އަދި އަގަށް އެފަދަ މަސައްކަތްތައް ކުރަން ހުށަހަޅާ ފަރާތްތައް 10،000 ރުފިިޔާއިން ޖޫރިމަނާ ކުރެވެ އެވެ.

ގާނޫނުގައި ބުނާ ގޮތުން އަގު ދީގެން އެސައިންޓްމަންޓް ހަދުވާނަމަ އެކަން ބަލައި ފިޔަވަޅު އެޅޭނެ ނިޒާމެއް މަތީ ތައުލީމު ދޭ އިންސްޓްޓިއުޝަން ތަކުގައި ގާއިމްކޮށްފައި ހުންނަން ޖެހެ އެވެ. ނަމަވެސް ވިޔަފާރިއަކަށް އެކަން ކުރާނަމަ އެކަމާ މެދު ފިޔަވަޅު އަޅާނީ ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ގާއިމުކުރާ ނިޒާމެއްގެ ދަށުން ކަމަށްވެސް ގާނޫނުގައިވެ އެވެ.