މޯލްޑިވްސް ޕޮލިސް ސާވިސް

ސިފައިންގެ މީހާ ރަހީނުކުރި މައްސަލާގައި ބަޔަކު ހައްޔަރުކޮށްފި

ސިފައިންގެ މީހާ ރަހީނުކުރި މައްސަލާގައި ބަޔަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ދެންމެ ބުނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު ހިނގާދިޔަ ހާދިސާއާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މީހުން ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުންނެވެ.

ހައްޔަރުކޮށްފައިވަނީ 18 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 29 އަހަރުގެ މީހެކެވެ. އެއީ ދިވެހި ފިރިހެނުންނެވެ.

މީގެ އިތުރުން ވިލިމާލެގެ ގެސްޓްހައުސްއެއް ބަލާ ފާސްކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. މައްސަލައިގެ ތަހުގީގު އަދިވެސް ހިންގާ ކަމަށް ބުންޏެވެ.

ފުލުހުން ކުރީން ބުނީ މި މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ރަހީނުކޮށްފައިވަނީ މާލެއިން ކަމަށް ނުބެލެވޭ ކަމަަށެވެ. އަދި މިކަން ހިނގާފައިވަނީ އޭނާގެ އަމިއްލަ ދިރިއުޅުމާ ގުޅުންހުރި ޒާތީ ކަމެއްގެ ތެރެއިން ކަމަށް ލިބިފައިވާ މައުލޫމާތުން ބެލެވޭ ކަމަަަށެވެ. ދެން ބުނީ އެއީ އެމްއެންޑީއެފްގެ މީހަކަށް ވާތީ ކޮށްފައިވާ އަނިޔާއެއް ކަމަށް ބެލެވޭނެ އެއްވެސް މައުލޫމާތެއް މިހާތަނަށް ތަހުގީގަށް ލިބިފައެއް ނުވާ ކަމަަށެވެ.

މި މައްސަލާގައި ސިފައިން ކުރީން ނެރެފައިވާ ބަޔާނެއްގައި ބުނީ އެމްއެންޑީއެފް ގައި މަސައްކަތް ކުރައްވާ ސްޓާފް ސާޖަންޓް ހަސަން ފަހީމް، ރަހީނުކޮށް އަނިޔާތަކެއް ދީފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި ފަހީމަށް ހަމަލާ ދިނުމުގައި ބައިވެރިވި މީހުން ހޯދައި، އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދައި، ނުރައްކަލުގެ ތެރެއަށް ގެންދަން މަސައްކަތްކުރާ މީހުން ކުރަމުންދާ އަމަލުތަކަކީ ޖާގަ ދޭނެ އަމަލުތަކެއް ނޫންކަމަށާއި ސިފައިންނަށް ދޭ އެފަދަ ހަމަލާތަކުގެ ސަބަބުން ގައުމީ ހިދުމަތުގައި ސިފައިން ކުރަމުންދާ މަސައްކަތަށް އެއްވެސް ލޮޅުމެއް ނާރާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.