އިސްލާމިކް މިނިސްޓްރީ

އިސްލާމިކް މިނިސްޓްރީއަށް ޕާމަނަންޓް ސެކެޓްރީއެއް ހޯދަނީ

އިސްލާމިކް މިނިސްޓްރީއަށް ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް)އެއް ހޯދަން އިއުލާންކޮށްފި އެވެ.

ޕީއެސް ހޯދަން އިސްލާމިކް މިނިސްޓްރީން ކުރި އިއުލާންގައި ވަނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހު 16 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފަ އެވެ.

މި މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް ނުވައެއްގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު؛ ސަރުކާރުގައި، ނުވަތަ ޕަބްލިކް، ޕްރައިވެޓް ނުވަތަ ގައުމީ ނުވަތަ ބައިނަލްއަގުވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގެ ހިންގުމުގެ ދާއިރާގައި މަދުވެގެން ހަތަރު އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން ހިމެނެ އެވެ.

ޕީއެސް އަށް މުސާރައާއި އިނާޔަތުގެ ގޮތުގައި މަހަކު 35،500 ރުފިޔާ ލިބިވަޑައިގަންނަވަ އެވެ.

އިސްލާމިކް މިނިސްޓްރީއަށް ޕީއެސްއެއް ހޯދަން އިއުލާން މިކުރީ ކުރިން އެ މަގާމުގައި ހުންނެވި ހަސީބް އިސްމާއިލް މިދިޔަ ސެޕްޓެމްބަރު މަހު އެ މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.

ހަސީބްގެ ކުރިން ޕީއެސްގެ މަގާމުގައި ހުންނެވި މުސްއަބު އަބްދުﷲ ވެސް ވަނީ މަގާމުން ވަކިކޮށްފަ އެވެ. އޭނާަ ވަކިކުރީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.