ދިރާގު

ދިރާގު "މަމެން" ބޭނުން ކުރަން ދައުވަތު ދީގެން ހިލޭ ޑޭޓާ

Dec 9, 2021

ދިރާގު މަމެން އަކީ ފަސޭހަކަމާއެކު ޑާޓާ އާއި ވޮއިސް އަދި އެސްއެމްއެސް ބޭނުން ގޮތަކަށް ފަރުމާކޮށްލެވޭ މޯބައިލް އެޕްލިކޭޝަނެކެވެ. ދިރާގުން ދާދި ފަހުން ވަނީ މި އެޕް ބޭނުން ކުރާ ކަސްޓަމަރުންނަށް ހާއްސަކޮށް "މަމެން"ގެ އާ އެޑްއޮން ތަކެއް ގެނެސްދީފަ އެވެ. އެ އަށްފަހު އެ ކުންފުނިން އަނެއްކާ ވެސް މިވަނީ މަމެން އަށް އިތުރު އެކްސައިޓްމަންޓެއް ގެނެސްދީފަ އެވެ. މި ފަހަރު ގެނެސްދިނީ "މަމެން" ބޭނުން ކުރަން ރަހުމަތްތެރިއަކަށް ދައުވަތު ދީފި ނަމަ ހިލޭ ޑޭޓާ ލިބޭ ޕްރޮމޯޝަނެކެވެ.

"މަމެން" ބޭނުން ކުރަން ދައުވަތު ދޭނީ ކިހިނެއް ހެއްޔެވެ؟ ދިނީމަ ލިބޭނީ ކިހާ ޑޭޓާއެއް ހެއްޔެވެ؟ ޖަވާބު ބޭނުންވާނެ ދެ ސުވާލަކީ މި އެވެ.

"މަމެން" އަށް ދައުވަތު ދޭނީ މި އެޕްލިކޭޝަންގެ "ރިފަ އަ ފްރެންޑް" ފީޗާއިންނެވެ. މި ފީޗާ ބޭނުންކޮށްގެން ދައުވަތު ދިނުމުން މި އެޕް ބޭނުން ކުރަން ދައުވަތުދޭ މީހަކަށް 500 އެމްބީ ހިލޭ ލިބޭނެ އެވެ. އަދި އަލަށް މި އެޕް ބޭނުން ކުރަން ގުޅޭ މީހަކަށް އެއް ޖީބީ ލިބިގެންދާނެ އެވެ. މި ޕްރޮމޯޝަނުން ކޮންމެ މީހަކަށްވެސް ހަތް ރަހުމަތްތެރިންނަށް "މަމެން" އަށް ދައުވަތު ދެވިދާނެ އެވެ.

މިގޮތުން ލިބޭ ޖީބީ ބޭނުންކޮށްގެން އިންޓަނެޓް ބްރައުޒް ކުރުމާއި ތަފާތު މުނިފޫހިފިލުމުގެ އެކި ކަންތައްތައް ސޯޝަލް މީޑިއާ އިން ކުރުމުގެ އިތުރުން ގޭމް ކުޅުމަށް ވެސް ބޭނުން ކުރެވޭނެ އެވެ.

ދިރާގުން އެންމެ ފަހުން "މަމެން" އަށް ގެނެސް ދީފައިވަނީ އެއް ޖީބީގެ އެޑްއޮންއަކާއި ފަސް ދުވަހަށް ބޭނުން ކުރެވޭ ދެ ޖީބީގެ އެޑްއޯންއެއްގެ އިތުރުން ހަފުތާއަކަށް ބޭނުން ކުރެވޭ ހަތަރު ޖީބީ އަދި އެއް މަސް ދުވަހަށް ބޭނުން ކުރެވޭ 20 ޖީބީގެ އެޑްއޯން އެކެވެ. މި އެޑްއޯންތަކުގެ ސަބަބުން ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދާނެ އެވެ.