ޔުކްރޭނާ މަޝްވަރާ ކުރުމެއް ނެތި، ރަޝިއާ-ޔުކްރޭން މަޝްރަހާ މެދު ވަކި ގޮތެއް ނުނިންމަވާނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ.
ޖޯ ބައިޑަން މިގޮތަށް ވިދާޅުވީ ޔުކްރޭންގެ ރައީސް ވްލަޑިމިއާ ޒެލެންސްކީ އަށް ފޯނުކުރައްވައި ކުރެއްވި މަޝްވަރާގަ އެވެ.
ބައިޑަން ފޯނުން، ޒެލެންސްކީއާ 80 މިނެޓް ވަންދެން ވާހަކަދެއްކެވި އެވެ. ދެބޭފުޅުންގެ ވާހަކަތައް މައިގަނޑު ގޮތެއްގައި ބިނާކުރެއްވީ ރަޝިއާ އާއި ޔުކްރޭނާ ދެމެދު ގޮތް ނުތަނަވަސް ކަމަށެވެ.
ރަޝިއާގެ އަސްކަރިއްޔާއިން ޔުކްރޭނާ ވަރަށް ގާތަށް ފައުޖުތައް ޖަމާކުރާ މައްސަލަ ބޮޑުވެ އެމެރިކާއާ ބައިވެރިން ގެންދަނީ އެއީ ޔުކްރޭން ހިފަން ރަޝިއާއިން ކުރާ ކަމެއް ގޮތުގައި ބުނަމުންނެވެ.
ބައިޑަން ވިދާޅުވި ގޮތުގައި ޔުކްރޭންގެ މުސްތަގިއްލުކަން ދެމެހެއްޓުމަށް އެމެރިކާ އެހީތެރިވާނެ އެވެ. އަދި އަމިއްލަ މިނިވަނކަމުގައި ދެމިއޮތުމަށް އަސްކަރިއްޔާ ހަރުދަނާ ކޮށްދޭނެ އެވެ.
ރަޝިއާ ގެންގުޅޭ ގޮތް ނޭނގޭ ސިޔާސަތަކީ އެމެރިކާއާ ބައިވެރިންނަށް ބިރުވެރިކަމެއް ކަމަށް ބައިޑަން ވިދާޅުވި އެވެ.
ޕޫޓިން އާއި ބައިޑަން މިދާކަށް ދުވަހު ވީޑިއޯ މެދުވެރިކޮށް ވަނީ މަޝްވަރާ ކުރައްވާފަ އެވެ. މި ބައްދަލުވުމުގައި ބައިޑަން ވިދާޅުވީ ރަޝިއާއިން ޔުކްރޭނަށް އަރައިގެންފި ނަމަ ދަތިކުރުމުގެ ފިޔަވަޅުތައް ހަރުކަށިކުރާނެ ކަމަށެވެ.
ރަޝިއާގެ ޗީފް އޮފް ޖެނެރަލް ސްޓާފް ވެލަރީ ގެރަސިމޯފް ވިދާޅުވި ގޮތުގައި ރަޝިއާއިން ޔުކްރޭނަށް އަރައިގަންނާކަށް ނުވިސްނަ އެވެ. އަދި އަސްކަރީ ހަރަކާތްތަކަކީ ނޭޓޯއަށް ފާރަވެރިވުމަށް ހިންގާ ހަރަކާތްތަކެއް ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.
ބައިޑަންއާ މަޝްވަރާކުރައްވަމުން ޕޫޓިން ވިދާޅުވީ ނޭޓޯ ސިފައިން ރަޝިއާއާ ކައިރިއަށް ނުޖެހޭނެކަން އެމެރިކާ ކަށަވަރުކޮށްދިނުމުން މަސްލަހަތު ހަމަޖެހުނީ ކަމަށެވެ.