އޭސީސީ

ކޮރަޕްޝަނުން ގެއްލުވާލި 3.8 ބިލިއަން ރުފިޔާ ހޯދަންޖެހޭ: އޭސީސީ

Dec 10, 2021
1

ކޮރަޕްޝަންގެ އަމަލުތައް ހިންގައިގެން އެކިއެކި ފަރާތްތަކަށް ލިބިފައިވާ ފައިސާގެ ތެރެއިން 3.8 ބިލިއަން ރުފިޔާ އަނބުރާ ދައުލަތަށް ހޯދަންޖެހޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެެވެ.

އޭސީސީގެ ފަރާތުން އެ މައުލޫމާތު ހާމަކުރެއްވީ ބައިނަލްއަގްވާމީ އެންޓި ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް ކޮމިޝަނުން ރޭ ބޭއްވި ޖަލްސާގައި ކޮމިޝަންގެ ސެކްރެޓަރީ ޖެެނެރަލް މުހައްމަދު ސަލީމް އެވެ.

އޭސީސީގެ ތަފާސްހިސާބުތަކާ ހަވާލާދީ ސަލީމް ވިދާޅުވީ ދައުލަތަށް އަނބުރާ ހޯދަންޖެހޭ 3.8 ބިލިއަން ރުފިޔާ އަކީ ދައުލަތުން ރައްޔިތުންނަށް ވަރަށް ގިނަ ހިދުމަތްތައް ކޮށްދިނުމަށްޓަކައި ބޭނުންކުރެވޭނެ ފައިސާ ކަމަށެވެ.

ސަލީމް ވިދާޅުވީ ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން ދައުލަތުގެ ފައިސާ ގެއްލިގެން ދިއުމަކީ ބޮޑު ގެއްލުމެއް ކަމަށެވެ. ނަމަވެސް އެއަށްވުރެ ބޮޑު ގެއްލުމަކީ ކޮރަޕްޝަންގެ ސަބަބުން ވެރިކަމުގެ ނިޒާމާއި އަދުލުގެ ނިޒާމަށް ރައްޔިތުންގެ އިތުބާރު ގެއްލުން ކަމަށެވެ.

ބައެއް ތަފާސްހިސާބު ހިއްސާކުރައްވަމުން ސަލީމް ވިދާޅުވީ މިދިޔަ ފަސް އަހަރުގެ ތެރޭގައި ކޮރަޕްޝަނާ ގުޅުންހުރ 5،040 މައްސަލަ ބަލައިދިނުމަށް އެދި އެކި ފަރާތްތަކުން ކޮމިޝަނަށް ހުށަހެޅި ކަމަށެވެ. އެ އަދަދުން އެކަނި ވެސް ރާއްޖޭގައި ކޮރަޕްޝަންގެ އަމަލުތައް އޮތް މިންވަރު ހާމަވާ ކަމަށްވެސް ވިދާޅުވި އެވެ.

މި ޖަލްސާގައި އޭސީސީން ވަނީ ގައުމީ އެންޓި ކޮރަޕްޝަން ޕޮލިސީ ވެސް އިފްތިތާހުކޮށްފަ އެވެ. މިއީ ކޮރަޕްޝަނާ ދެކޮޅަށް އަމަލުކުރުމަށް ރާއްޖޭގައި ގައުމީ ޕޮލިސީއެއް އެކުލަވާލި ފުރަތަމަ ފަހަރެވެ.

އެންޓި ކޮރަޕްޝަން ގާނޫނަށް މިދިޔަ އަހަރު ގެނައި އިސްލާހުތަކުގައި ކޮރަޕްޝަން ހުއްޓުވައި އެކަމާ ދެކޮޅަށް ފިޔަވަޅުތައް އަޅާނެ ގޮތުގެ ސިޔާސަތުތައް އެކުލަވާލުމަށް އޭސީސީއަށް ޒިންމާ ހަވާލުކޮށްފައިވެ އެވެ.

މިޖަލްސާގައި ވާހަކަދައްކަވަމުން އޭސީސީގެ ރައސް މަރިޔަމް ޝިއުނާ ވިދާޅުވީ އޭސީސީ އަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވޭނީ ނިޒާމީ ބޮޑެތި ބަދަލުތަކެއް ގެނެސް މިނިވަންކަމާއެކު މަސައްކަތް ކުރަން ޖާގަ ދީގެން ކަމަށެވެ.