ކ. ގާފަރުގައި ފުލުހުންގެ ހިދުމަތް ރަސްމީކޮށް މިއަދު ފަށައިފި އެެވެ.
ގާފަރު ޕޮލިސް ޕޯސްޓް މިއަދު ހުޅުއްވައިދެއްވާ އެތަނުގެ ހިދުމަތް ފައްޓަވައިދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އެވެ.
މި ރަސްމިޔާތުގައި ފުލުހުންގެ އިސް ބައެއް އޮފިސަރުންނާއި ގާފަރު ކައުންސިލްގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މިރަސްމިއްޔާތުގައި މިނިސްޓަރު އިމްރާން ވިދާޅުވީ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކުރުމަކީ މިސަރުކާރުގެ އެންމެ މުހިއްމު އެއް އަމާޒު ކަމަށެވެ. ގާފަރުގައި މިއަދު ހުޅުވުނު ޕޮލިސް ޕޯސްޓާ އެކު ކ. އަތޮޅުގައި ފުލުހުންގެ ހިދުމަތް ގާއިމު ނުވެ އޮތް ހަމައެކަނި ރަށުގައި އެ ހިދުމަތް ވަރަށް އަވަހަށް ފެށުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވި އެވެ.
މާލެ އަތޮޅުގައި ފުލުހުންގެ ހިދުމަތް އެއްވެސް ވަރަކަށް ގާއިމުކޮށްފައި ނުވަނީ ދިއްފުށީގަ އެވެ.
ގާފަރު ޕޮލިސް ޕޯސްޓް މިއަދު ހުޅުވި ފަހުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ވަނީ އެތަނަށް ވަޑައިގެން އެތަނުގެ މަސައްކަތްތައް ހިނގާ ގޮތް ބައްލަވާލައްވާފަ އެވެ.