މީރާ

ޖޫރިމަނާގެ ގޮތުގައި 174 މިލިއަން ރުފިޔާ

Dec 11, 2021
2

ޖޫރިމަނާގެ ގޮތުގައި މިއަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން މިދިޔަ ނޮވެމްބަރު މަހުގެ ނިޔަލަށް 174 މިލިއަން ރުފިޔާ މީރާ އަށް ބަލައިގެންފި އެވެ.

މީރާގެ ތަފާސްހިސާބުގައިވާ ގޮތުން މިދިޔަ ނޮވެމްބަރުގެ ނިޔަލަށް ޖޫރިމަނާގެ ގޮތުގައި މީރާ އަށް ލިބުނު 174 މިލިއަން ރުފިޔާ އަކީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ޖޫރިމަނާގެ ގޮތުގައި ލިބުނު އަދަދަށް ވުރެ 53 ޕަސެންޓް އިތުރު އަދަދެކެވެ.

މިދިޔަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން މިދިޔަ އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް ޖޫރިމަނާގެ ގޮތުގައި މީރާ އަށް ލިބުނީ 113.7 މިލިއަން ރުފިޔާ އެވެ.

މިއަހަރުގެ ބަޖެޓުގައި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 43.8 މިލިއަން ރުފިޔާ އެވެ. އެކަމަކު މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ދައުލަތަށް ވަނީ އެ އަދަދު ލިބިފަ އެވެ. އެހެންކަމުން ދައުލަތަށް މިއަހަރު ޖޫރިމަނާގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރި އަދަދަށް ވުރެ އިތުރަށް މިހާރު ވެސް މިވަނީ 130.2 މިލިއަން ރުފިޔާ ލިބިފަ އެވެ.

ދައުލަތުން ދޭ އެކި ހިދުމަތްތަކުން ޖޫރިމަނާގެ ގޮތުގައި ބޮޑު އަދަދެއް ދައުލަތަށް އާމްދަނީގެ ގޮތުގައި ވަންނަ ކަމަށް ދައްކަ އެވެ. ނަމަވެސް ބައެއް ކަންކަމުން ޖޫރިމަނާ ކުރަމުން ގެންދާތީ އާއްމުންގެ ޝަކުވާ ބޮޑެވެ. މީގެ އެއް ކަމަކީ ޕާކިން މައްސަލަ އެވެ. މާލޭގައި ޕާކު ކުރާނެ އެކަށީގެންވާ ޖާގަނެތި ޕާކިން ޖޫރިމަނާ ކުރުމަކީ އާއްމުންގެ މެދުގައި އުދާސްކަން ބޮޑު މައްސަލަ އެކެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ކުރާ ޖޫރިމަނާއާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ލިބޭ ގޮތަށް ޓްރާންސްޕޯޓު މިނިސްޓްރީން މިހާރު ވަނީ ގަވާއިދެއް ގެޒެޓްކޮށް އަމަލުކުރަން ފަށާފަ އެވެ. ގަވައިދުގައިވާ ގޮތުން ޖޫރިމަނާ ކުރުމާ ގުޅިގެން ހުށަހަޅާ ޝަކުވާތަކަށް ބަލައި ގޮތް ނިންމާނީ ޓްރާންސްޕޯޓް މިނިސްޓަރު އައްޔަންކުރާ ތިން މެންބަރުންގެ ކޮމިޓީގެ އަގުލަބިއްޔަތުންނެވެ.

ޖޫރިމަނާކުރީ ގާނޫނާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ނޫން ކަމަށްވާނަމަ ޖޫރިމަނާގެ އަދަދު ބަދަލުކުރުމާއި އަދި ޖޫރިމަނާ ކުރި ކުރުން ބާތިލް ކަމަށް ކޮމިޓީ އަށް ނިންމިދާނެ އެވެ. ކޮމިޓީން ޖޫރިމަނާއެއް ބާތިލް ކަމަށް ނިންމައިފިނަމަ ޖޫރިމަނާއާއި ގުޅިގެން އެޅި ހުރިހާ ފިޔަވަޅެއް ވެސް ބާތިލްވާނެ އެވެ. މީގެތެރޭގައި ވެހިކަލް ޓޯ ކުރުމާއި ލައިސަންސް ހިފެހެއްޓުން ވެސް ހިމެނެ އެވެ.