މަސްތުވާތަކެތި

100 ކިލޯގެ ޑުރަގް: ހުރިހާ ދިވެހިން ދޫކޮށްލައިފި

Dec 12, 2021
2

ފުލުހުން މިދިޔަ އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހު ހިންގި ޑްރަގް އޮޕަރޭޝަންގައި 100 ކިލޯ މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރި 10 މީހުންގެ ތެރޭގައި ހިމެނޭ ހުރިހާ ދިވެހިން ދޫކޮށްލައިފި އެވެ.

މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރެއިން އެންމެ ފަހުން ދޫކޮށްލި ތިން މީހުންނަކީ ނ. ވެލިދޫ، ބީޗްހެވެން، ޖުމާން މުސްތަފާ (19އ) އާއި، ލ. ކަލައިދޫ، ޖަނަވަރީމާގެ، މުހައްމަދު އަހްމަދު (34އ) އާއި، ދ. ބަނޑިދޫ، ޕޮލަރިސް، މުހައްމަދު ހުސައިން (61އ) އެވެ.

މިތިން މީހުން ބަންދުން ދޫކޮށްލީ އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓުން ހާޒިރުކުރުމުން ކޯޓުން އަންގައިގެންނެވެ. އެމީހުން ދޫކޮށްލީ ބަންދުގައި ބައިތިއްބަންޖެހޭ ވަރުގެ ހެކިތަކެއް ނެތުމުންނެވެ.

މިމައްސަލައިގެ ތަހުގީގަށް ބައެއް މީހުން ދީފައިވާ ބަޔާންތަކާ ހަވާލާދީ ކްރިމިނަލް ކޯޓުން ކުރިން ނެރުނު އަމުރެއްގައިވާ ގޮތުން 100 ކިލޯގެ ޑްރަގްސް ހޯދުމަށް ޖުމާން އާއި މުހައްމަދު އަހްމަދު ވަނީ ސަފާރީއެއްގައި ދިގު ދަތުރެއް ކުރުމަށްފަހު ކަނޑުމަތިން ރާއްޖެއިން ބޭރުގެ ބޯޓަކާ ކައިރިކޮށް ގޯނިތަކެއް ސަފާރީ އަށް އަރުވާފަ އެވެ. ނަމަވެސް ސަފާރީގައި ފަހުން އެ ގޯނިތައް ނެތް ކަމަށާއި އެކަމަކު ގޯނިތައް ބަންނަން ބޭނުންކޮށްފައި ހުރި ވައްތަރުގެ ނޫކުލައިގެ ވާގަނޑެއް ސަފާރީން ފެނުނު ކަމަށް އަމުރުގައިވެ އެވެ.

ސަތޭކަ ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރެއިން މިހާރު ބަންދުގައި ތިބީ މިމައްސަލާގައި ހައްޔަރުކުރި ދެ ބިދޭސީންނެވެ. އެއީ ބަންގްލަދޭޝް އަށް ނިސްބަތްވާ އެމްޑީ ރަފީގުލް އިސްލާމް (35އ) އާއި، ޑީއެމް މޮބިން (24އ) އެވެ. މި މީހުންގެ ބަންދަށް އިއްޔެ ކްރިމިނަލް ކޯޓުން މުއްދަތު ޖަހާފައިވާ ކަމަށް އެނގިފައިވެ އެވެ.


ސަތޭކަ ކިލޯގެ މަސްތުވާތަކެތީގައި މައްސަލާގައި ފުލުހުން ޖުމްލަ 10 މީހަކު ހައްޔަރުކުރި އެވެ. އެ މީހުންގެ ބަންދާ މެދު އެންމެ ފުރަތަމަ ގޮތެއް ނިންމުމަށް މިދިޔަ އޮކްޓޫބަރު 14 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން އެ ދުވަހު ކޯޓުން ވަނީ ދެ މީހަކު ދޫކޮށްލާފަ އެވެ. އެހެންވެ އެ ދެ މީހުންގެ މައުލޫމާތު ފުލުހުން މިއަދާ ހަމައަށް ވެސް ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު ފުލުހުން ބުނާ ގޮތުން ކޯޓުން އެ ދުވަހު ދޫކޮށްލި ދެ މީހުންނަކީ 100 ކިލޯ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އެންމެ އިސްކޮށް އުޅުނު ދެ މީހުންނެވެ. އެ މީހުން ދޫކޮށްލި މައްސަލަ އިސްތިއުނާފް ކުރުމަށް ފުލުހުންގެ ފަރާތުން ޕީޖީގައި އެދުނު ނަމަވެސް މައްސަލަ އިސްތިއުނާފް ނުކުރުމަށް ޕީޖީ ވަނީ ނިންމާފަ އެވެ.

އޭގެފަހުން މިދިޔަ އޮކްޓޫބަރު 26 ވަނަ ދުވަހު ވެސް ކްރިމިނަލް ކޯޓުން ވަނީ މިމައްސަލާގައި ހިމެނޭ މީހެއްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދޫކޮށްލާފަ އެވެ. އެ ދުވަހު ކޯޓުން ދޫކޮށްލީ ގއ. ދެއްވަދޫ، ދޭލިޔާގެ މިދުހަތު އިބްރާހީމް (26އ) އެވެ. މިމައްސަލާގައި ހައްޔަރުކުރި އިތުރު ދެ މީހުން ކަމަށްވާ ހދ. ކުމުންދޫ، ޑިއާފުރެންޑް، އިބްރާހީމް ސިނާނު (24އ) އާއި، ގއ. ކޮލަމާފުށި، ސޯސަންގެ، އިބްރާހީމް ޒައިދު ހަބީބު (25އ) ވެސް މިދިޔަ އޮކްޓޫބަރު 28 ވަނަ ދުވަހު ކޯޓުން ވަނީ ދޫކޮށްލާފަ އެވެ. އެ ދެ މީހުން ވެސް ދޫކޮށްލީ އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުންނެވެ.

ފުލުހުން ބުނީ 100 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ހޯދާފައިވަނީ ފަޅުރަށެއް ކަމަށްވާ އދ. ބޮޑުކާށިހުރާގައި ފޮރުވާފައި ހުއްޓާ ކަމަށެވެ.

މި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކުރަންޖެހޭ މީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް ފުލުހުންގެ އިދާރާއިން ޕީޖީ އޮފީހަށް އިއްޔެ މައްސަލަ ފޮނުވާފައިވާ ކަމަށް އެނގިފައިވެ އެވެެ.