overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ރިޔާސީ އިންތިހާބު 2018

ނަތީޖާ ފޯރުކޮށްދިނީ ރައްޔިތުން ވޯޓްލީ ގޮތަށް: އަކްރަމް

ދެހާސްއަށާރަވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ފޯރުކޮށްދިނީ ރައްޔިތުން ނިކުމެ ވޯޓްލީ ގޮތަށް ކަމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނާއިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވެއްޖެ އެވެ.

އެންމެ ފަހުން އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ބަލިވެވަޑައިގަތުމުން އިންތިހާބުގެ މިނިވަން ކަމާމެދު އެމަނިކުފާނާއި ޕީޕީއެމުން ސުވާލު އުފެއްދިއެވެ. އިންތިހާބުގެ ނަތީޖާ ގަބޫލުކުރަން ދެކޮޅު ހައްދަވާ އިހުތިޖާޖުތައްވެސް ކުރިއަށް ގެންދިޔައެވެ. އަދި އިލެކްޝަންސް ކޮމިޝަނާއި ކޮމިޝަންގެ އޭރުގެ ރައީސް އަހުމަދު ޝަރީފަށް ވަރަށް ބޮޑެތި ތުހުމަތުތައް އަމާޒު ކުރެއްވިއެވެ.

ޕީޕީއެމުން ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި އެ ތުހުމަތުތައް ރައީސް ޔާމީން ވަނީ އައު ކުރައްވާ ތަކުރާރުކުރައްވާފައެވެ. އަދި އިންތިހާބު އޮޅުވާލި މައްސަލަ އަލުން ތަހުގީގު ކުރުމަށްވެސް ޕީޕީއެމުން މިއަދު ވަނީ ގޮވާލާފައެވެ. އިންތިހާބާއި ގުޅިގެން އުފެއްދި ތުހުމަތުތަކާއި ގުޅިގެން ފުލުހުން ކުރިއަށް ގެންދިޔަ ތަހުގީގުގެ ބަޔާންތަކެއް ކަމަށް ބުނާ ބަޔާންތަކެއްވެސް އިއްޔެ ވަނީ އާންމުވެފައެވެ. ސައްހަކަން ކަށަވަރު ނުވާ އެ ބަޔާންތަކާއި ގުޅޭގޮތުން ފުލުހުން ވަކި އެއްޗެއް ނުބުންޏެވެ.

އިންތިހާބު އޮޅުވާލި ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން އެ ދުވަސްވަރު ކޮމިޝަންގެ މެންބަރަކަށް ހުންނެވި އަދި ފަހުން އެ ކޮމިޝަންގެ ނާއިބު ރަައީސްކަން ކުރެއްވި އަހުމަދު އަކްރަމް މިއަދު ވިދާޅުވީ އިންތިހާބުގެ ނަތީޖާ ރައްޔިތުންނަށް ފޯރުކޮށް ދިނީ ބަދަލުކުރުމަކާއި ނުލާ ރައްޔިތުން ވޯޓުލީ ގޮތަށް ކަމަށެވެ.

"ﷲ ގަންދީ ބުނަމެވެ. އެ އިންތިހާބުގެ ނަތީޖާ ރައްޔިތުންނަށް ފޯރުކޮށް ދިނީ ބަދަލުކުރުމަކާއި ނުލާ ރައްޔިތުން ވޯޓުލީ ގޮތަށެވެ.
ދުލާއި ގަލަމުގެ ބޭނުން ތެދު ގޮތުގައި ނޫނީ ނުހިފާށެވެ. ﷲގެ އަޒާބަށް ބިރުވެތިވާށެވެ،" އަކްރަމް ކުރެއްވި ޓްވީޓެއްގައިވެއެވެ.

ހުކުރު ދުވަހުގެ ރޭގެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ވެރިކަން ބަދަލުވެ ދިޔަ ގޮތާއި އިންތިހާބުގެ އޮޅުވާލުންތައް ދައުލަތުގެ މުއައްސަސާތަކުގެ ވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުންނަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. ހާއްސަކޮށް އަސްކަރިއްޔާގައި އިސްކޮށް ތިއްބެވި ބޭފުޅުންގެ ދައުރު އެކަމުގައި ބޮޑު ކަަމަށް ވިދާޅުވިއެވެ.

އޭގެ ފަހުން ދެން ވިދާޅުވީ ޕީޕީއެމް އަލުން ވެރިކަމަށް އައިސް އެ ހަގީގަތް ސާފުކޮށްދެއްވާނެ ކަމަށެވެ.

"ވެރިކަން ބަދަލުވެގެން ދިޔަ ގޮތް އިންތިހާބު ބަދަލުވެގެން ދިޔަ ގޮތް ނޭންގޭނެ އެއްވެސް މުއައްސަސާއެއްގެ އިސް މީހަކު ނުހުންނާނެ. އެ މީހުން މިއަދު ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހޭ. ﷲގެ ރަހުމަތުން މޭޒުގެ އަނެއްކޮޅުގައި ޕީޕީއެމް ތިބޭ ދުވަހަކުން މިކަމުގެ ހަގީގަތް އެނގޭނެ. ރައްޔިތުންނަށް އެކަން އެނގޭނެ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އިންތިހާބު އޮޅުވާލުމުގެ މަސައްކަތް ފެށީ އެމަނިކުފާނު ބަލިނުކުރެވޭނެ ކަން ކަށަވަރު ވުމުން ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ އޭރުގެ ރައީސް އަދި އެމަނިކުފާނު ކުރީން ވަރަށް އިތުބާރު ކުރެއްވި އަހުމަދު ޝަރީފަށް އިޝާރާތް ކުރައްވާ ވިދާޅުވީ އެއީ ޚާއިނުންގެ ތެރެއިންވެސް އަރާހުރި ޚާއިނެއް ކަމަށެވެ.

"މިކަން ފެށުނީ 2018 ގައި. އިންތިހާބުން ބަލިނުވާނެކަން ބަލި ނުކުރެވޭނެކަން ޔަގީންވީ ހިސާބުން ހުރިހާ ޗަރުކޭހެއް ކުޅެން ފެށީ. އެއީ މީގެ ހަގީގަތް. އަޅުގަނޑުމެން އީސީ ސަރީފުގެ ނަން ގެންނަނީ ޒިކުރާ ގޮތަށް އެއީ މި މީހުންގެ ތެރޭގައި ހުރި ޚާއިނުންގެ ތެރެއިންވެސް އަރާ ހުރި ޚާއިނެއް. އިނގޭނެ ކަންކަން ހިނގާދިޔަ ގޮތް،" ޔާމީން ވިދާޅުވިއެވެ.