ނަޝީދަށް އަމާޒު ކުރި ހަމަލަ

އަދުހަމަށް ހުކުމް ކުރުން އަންގާރަ ދުވަހު

Dec 12, 2021

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާގައި ބޮން ގޮއްވާލި ކަމަށް އިއުތިރާފްވެފައިވާ އަހްމަދު އަދުހަމް ރަޝީދަށް އަންނަ އަންގާރަ ދުވަހު އިއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

އަދުހަމްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ހަތަރު ދައުވާ އެކެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ އާއި، ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ކުށުގެެ ދައުވާ އާއި، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާ އާއި، ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ކުށުގެ ދައުވާ އެވެ.

އަދުހަމަކީ ހަމަލާ ދިނުމަށްޓަކައި އަތަމާ ޕެލަސްގެ ގޯޅިތެރޭ ހުރެގެން ބޮން ގޮއްވާލި މީހާ އެވެ. އަދުހަމް ހުރީ ހަށިގަނޑު ގޮއްވާލައިގެންވެސް އެ ހަމަލާ ދިނުމަށް ތައްޔާރަށް ކަމަށް އޭނާ ތަހުގީގަށް ދިން ބަޔާނުގައި ވެސް ބުނެފައިވެ އެވެ. އަދި އަދުހަމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތައް މިދިޔަ ސެޕްޓެމްބަރު 21 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި އިއްވުމުން އެ ދުވަހު އޭނާ ވަނީ ދައުވާތަކަށް އިއުތިރާފްވެފަ އެވެ.

އޭގެ ފަހުން އަދުހަމްގެ ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ. އެއީ ގައުމުގެ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތުތައް ޝަރީއަތުގައި ހިއްސާކުރަން ހުރުމުންނެވެ.

މި ދައުވާތައް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 40 އަހަރަށް ވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެއް އަންނާނެ އެވެ. ނަމަވެސް ދައުލަތާ އެކު އިއުތިރާފުގެ އެއްބަސްވުމެއް ހެދުމުން އެ ހުކުމަށް ލުއި ލިބޭނެ އެވެ. އަދުހަމް ވަނީ 23 އަހަރުގެ ޖަލު ހުކުމަކަށް ދައުލަތާ އެކީ އެއްބަސްވެފަ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ސިއްރުކޮށްގެން ކުރިއަށް ގެންދިޔަ އަދުހަމްގެ ޝަރީއަތުގައި ކޯޓުން ވަނީ އަދުހަމާ އެކު ދައުލަތުން ހަދާފައިވާ އެއްބަސްވުން ބަލައިގެންފަ އެވެ. އެހެންވެ އަންނަ އަންގާރަ ދުވަހު އަދުހަމަށް ހުކުމް އިއްވުމަށް މިހާރު ހަމަޖެހިފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.

ރައީސް ނަޝީދަށް ހަމަލާ ދިނުމުގެ ތުހުމަތުގައި އަދުހަމްގެ އިތުރުން އެހެން ނުވަ މީހަކަށް ވެސް ދައުވާކޮށްފައިވެ އެވެ. ވަކިވަކިން ކުރިއަށް ގެންދާ ޝަރީއަތްތަކުގައި ދައުވާ ލިބޭ އެހެން މީހުން ވަނީ ދައުވާ އަށް އިންކާރުކޮށްފަ އެވެ.