ބޮލީވުޑް

ޗަންދީގަޅް ކަރޭ އާޝިގީ – ރިތިކްގެ ތައުރީފު އަޔޫޝްމާން އަށް

އަޔޫޝްމާން ކުރާނާގެ އާ ފިލްމު "ޗަންދީގަޅް ކަރޭ އާޝިގީ" ބެލި އެންމެން ވެސް ދައްކަނީ އެއް ވާހަކަ އެކެވެ. ހުރިހާ ގޮތަކުން ވެސް ފިލްމު މޮޅު ވާހަކަ އެވެ. ބޮކްސް އޮފީހުގައި ފިލްމުގެ ފެށުން މާ ރަނގަޅު ނުވި ނަމަވެސް ދުވަހެއް ދުވަހަކަށް ވިޔަފާރި ރަނގަޅުވަމުން އަންނަނީ ވެސް އެހެންވެ އެވެ. ފިލްމު ބަލާފައި ނުކުންނަ މީހުން ފިލްމުގެ މޮޅު ވާހަކަ ދައްކާތީ އެވެ.

ފިލްމަށް ތައުރީފުކުރާ މީހުންގެ ތެރޭގައި ބޮލީވުޑް ފަންނާނުން ވެސް ގިނަ އެވެ. އެގޮތުން މި ފިލްމަށް އެންމެ ބޮޑަށް ތައުރީފުކުރި އެއް އެކްޓަރަކީ ރިތިކް ރޯޝަން އެވެ.

"އެކުވެރިޔާ! ތިއީ މި ވަގުތު ހިންދީ ސިނަމާގައި މަސައްކަތްކުރާ އެންމެ މޮޅު އެއް އެކްޓަރު. މިކަހަލަ ހިތްވަރެއް ލިބުނު ފިލްމެއް ނުބަލާތާ ވަރަށް ގިނަ ދުވަސް ފަހުން މި ފިލްމު ބަލާލުމުގެ ފުރުސަތު މި ލިބުނީ. އަދި ފިލްމު ބަލާލެވުމުން ވަރަށް އުފާވެއްޖެ. އަހަރެމެންނަށް ހިތްވަރުދޭތީ ޝުކުރިއްޔާ،" އަޔުޝްމާން އާ މުޚާތަބުކޮށް އޭނާ ޓެގްކޮށްފައި ރިތިކް ކުރި ޓުވީޓެއްގައި ވެއެވެ.

ރިތިކްގެ ޓުވީޓުން އުފަލުން ގޮސް ފޮޅިފައިހުރި އަޔުޝްމާން ވަގުތުން އެއަށް ޖަވާބު ދިނެވެ. އަޔުޝްމާން ބުނެފައިވާ ގޮތުގައި ރިތިކްގެ ފަރާތުން މިހާ ހިތްވަރު ލިބޭ ތައުރީފުގެ ބަސްތަކެއް ރައްދުވުމަކީ އޭގެ އަގު އޭނާ ވަރަށް ބޮޑަށް ވަޒަންކުރާ ކަމެކެވެ.

"ޗަންދީގަޅް ކަރޭ އާޝިގީ"އިން ތައުރީފު އޮހެނީ ހަމައެކަނި އަޔޫޝްމާން އަކަށް ނޫނެވެ. ފިލްމުގެ ބަތަލާ ވާނީ ކަޕޫރުގެ ކުޅަދާނަކަން ވެސް ގިނަ ބަޔަކު ފާހަގަ ކުރެ އެވެ.

ފިލްމު ބެލި މީހުން ބުނަނީ ވާނީގެ "ބޯލްޑް" ރޯލުން ހައިރާން ވެއްޖެ ކަމަށާއި އެހާ މޮޅަށް އޭނާއަށް އެކްޓްކުރަން އެނގޭކަން ކުރިން އެނގިފައި ނެތް ކަމަށެވެ.

އަބީޝެކް ކަޕޫރު ޑައިރެކްޓްކޮށްފައިވާ "ޗަންދީގަޅް ކަރޭ އާޝިގީ" އަކީ ރޮމެންޓިކް ޑްރާމާ އެކެވެ. ފިލްމުގައި އަޔުޝްމާން އަކީ ބޮޑީބިލްޑަރެކެވެ. ވަނީ އަކީ ޒުމްބާ ޓީޗަރެކެވެ.

އަޔުޝްމާން ކުޅޭ ކޮންމެ ފިލްމަކީ ވެސް މިޒަމާނާ ގުޅޭ އަދި މުޖުތަމައުގައި ހުންނަ ތަފާތު ކަންކަމަށް ބިނާކޮށްފައި ހުންނަ އިބުރަތުން ފުރިގެންވާ ރީތި ފިލްމު ތަކެކެވެ. އެހެން އެކްޓަރުންނަށް ނުލިބޭ ވަރުގެ ކާމިޔާބީ އެ ފިލްމުތަކަށް ލިބެނީ އެހެންވެ އެވެ.