އެޗްއާރްސީއެމް

މާލޭގެ އިމާރާތްތަކަށް ފުރޮޅުލީ ގޮނޑީގައި ވަނުމަށް ދަތި: އެޗްއާރްސީއެމް

މާލޭ ސަރަހައްދުގައި އިމާރާތް ކޮށްފައިވާ 75 ޕަސެންޓް އިމާރާތްތަކަށް ފުރޮޅުލީ ގޮނޑީގައި ވަނުމަށް ދަތިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބުނެފި އެވެ.

އެޗްއާރްސީއެމުން މިހެން ބުނެފައި ވަނީ ފުރޮޅުލީ ގޮނޑީގައި އުޅޭ މީހުންނަށް މާލެ ސަރަހައްދުގެ އިމާރާތްތަކާއި, މަގުތަކުގައި ފުރޮޅުލީ ގޮނޑީގައި އެއްތަނުން އަނެއްތަނަށް ގޮސް އުޅުމުގައި ދިމާވާ ގޮންޖެހުންތައް ދެނެގަތުމަށް ދިރާސާއެއް ކުރުމަށްފަހު އާންމު ކުރި ރިޕޯޓެއްގަ އެވެ.

އެ ރިޕޯޓްގައި ވަނީ މާލޭގައި މީހުން ދިރިއުޅޭ އިމާރާތްތަކުގެ ތެރެއިން 53 ޕަސެންޓް އިމާރާތްތަކަށް ފުރޮޅުލީ ގޮނޑީގައި ވަމުނަށް ހުރަސްތައް ހުރިކަން ފާހަގަކޮށްފަ އެވެ. އެންމެ ގިނައިން ހުރަސްތައް ފާހަގަކުރެވުނީ ވިލިމާލޭގެ އިމާރާތްތަކަށް ވަނުމަށެވެ.

އެގޮތުން ވިލިމާލޭގެ 61 ޕަސެންޓް އިމާރާތްތަކަށް ފުރޮޅުލީ ގޮޑީގައި ވަނުމަށް ހުރަސްތަކެއް ހުރިކަން ދިރާސާއަށް ވަނީ ފާހަގަވެފަ އެވެ. އަދި ހުޅުމާލޭގެ 32 ޕަސެންޓް އިމާރްތަކާއި މާލޭގެ 57 ޕަސަންޓް އިމާރާތްތަކަށް ވަނުމަށް ހުރަސްތައް ހުރި ކަމަށް ބުނެފައި ވެއެވެ.

ރިޕޯޓްގައިވާ ގޮތުގައި އެންމެ ބޮޑަށް ފުރޮޅުލީ ގޮނޑިއަށް ވަންނަން ހުރަސް އެޅެނީ، މުދާ ނުވަތަ ކޮންސްޓަރަކްޝަން ސާމާނު ބަހައްޓާފައި ހުރުމާއި، ގަސް ބަހައްޓާފައި ހުރުމުގެ އިތުރުން ސްޓެޕް ހުރުމުގެ ސަބަބުންނެވެ. އަދި މަގުމަތީގެ ގާތައް ލެވެލްކޮށް އެއްވަރަށް އަތުރާފައި ނެތުމާއި، ވެހިކަލް ޕާކްކޮށްފައި ހުރުމާއި އޮޅިގަނޑު ހުރުމުގެ އިތުރުން ދުވާރު ހަނިވުމުން ވެސް ފުރޮޅުލީ ގޮޑީގައި އިމާރާތްތަކަށް ވަނުމަށް ދަތިތަކާއި ކުރިމަތިވާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.

މީގެ އިތުރުން އެ ރިޕޯޓުގައި ބުނެފައިވަނީ މާލޭ 64 ޕަސެންޓް މިސްކިތަށް ފުރޮޅުލީ ގޮނޑީގައި ވަނުމަށް ހުރަސްތައް ހުރިކަންވެސް ފާހަގަވެފައިވާ ކަމަށެވެ.

އެޗްއާރްސިއެމް އިން ހެދި މި ދިރާސާއިން ފާހަގަވެފައިވަނީ، ފުރޮޅުލީ ގޮނޑީގައި މާލޭ ސިޓީގައި ދަތުރުކުރަން ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާންޖެހޭ ކަމެވެ. އެކަން ފާހަގަކޮށް އެ ކޮމިޝަނުން ބުނެފައި ވަނީ ގިނަ ހުރަސްތައް ކުރިމަތިވެފައިވަނީ އިމާރާތްކުރުމުގައި ފުރޮޅުލީ ގޮނޑީގައި އުޅޭ މީހުނަށް ފަސޭހަކަމާއެކު ވަދެނިކުމެވޭ ގޮތަށް އިމާރާތްތައް ފަރުމާކޮށްފައި ނުހުންނާތ ކަމަށެވެ.

ފުރޮޅުލީ ގޮނޑީގައި އުޅޭ މީހުންނަށް ހަދާފައި ހުންނަ ޕާކިން ޒޯންތަކުގައި އާންމު ވެހިކަލް ޕާކުކުރާ މައްސަލަ އަކީ ވެސް ބޮޑުވެފައިވާ މައްސަލަ އެކެވެ.