މިނިސްޓްރީ އޮފް އެޑިއުކޭޝަން

ކިޔަވައިދޭ ތަންތަން ރަޖިސްޓްރީ ކުރަން އަންގައިފި

ސްކޫލްތައް ފިޔަވައި، ކުޑަކުދިންނަށް ކިޔަވައިދޭ ހުރިހާ ތަނެއް އަލުން ރަޖިސްޓްރީ ކުރަން އެޑިޔުކޭޝަން މިނިސްޓްރީން އަންގައިފި އެވެ.

މިނިސްޓްރީން އެގޮތަށް އަންގާފައިވަނީ ޓިއުޝަން ކުލާސް ހިންގާ ތަންތަން ހިމެނޭ ގޮތަށް، ސްކޫލުތައް ފިޔަވައި ކުޑަކުދިންނަށް ކިޔަވައިދޭ ހުރިހާ ތަނެއް އަލުން ރަޖިސްޓްރީ ކުރަން ޖެހޭ ގަވާއިދު މިއަދު ގެޒެޓްކޮށް އެއަށް އަމަލުކުރަން ފެށުމުގެ ގޮތުންނެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ވަނީ އާ ގަވާއިދުގެ ދަށުން ޓިއުޝަން ނަގައިދޭ ތަންތަނާއި ޕްރީ ސްކޫލުތަކާއި ގުރުއާން ކިޔަވައިދޭ ތަންތަނާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކުލާސްތައް ނަގައިދޭ ތަންތަން އަލުން ރަޖިސްޓްރީން ކުރަންޖެހޭނެ ކަމަށް އަންގާފަ އެވެ. އަދި ކުޑަކުދިންނަށް އެކި ކަހަލަ ތައުލީމުތައް އުގަންނައިދޭ ތަންތަން ވެސް ރަޖިސްޓަރީ ކުރަން ޖެހެ އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ރަޖިސްޓްރީކޮށްދޭނީ މިނިސްޓްރީން ކިޔަވައިދޭ ތަނެއްގައި ފުރިހަމަވާން ޖެހޭ ކަމަށް ކަނޑައަޅާފައިވާ އަސާސީ މިންގަނޑަށް ފެތޭ ތަންތަން ކަމަށެވެ. އެ ތަންތަނުގައި ކިޔަވައިދޭ ޕްރޮގުރާމްތައް ވެސް ވަކިން ރަޖިސްޓްރީ ކުރަން ޖެހެ އެވެ.

ރަޖިސްޓަރީނުކޮށް ހިންގަމުންދާ ކިޔަވައިދޭ ތަންތަން ދެ މަސް ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ކުރަން ޖެހޭނެ ކަމަށް ވެސް އެޑިއުކޭޝަނުން ބުނެ އެވެ. އަދި ކުރިން ރަޖިސްޓްރީކޮށްފައި ހުރި ތަންތަން ދޮޅު އަހަރުގެ ތެރޭގައި އަލުން ރަޖިސްޓްރީ ކުރަން ޖެހެ އެވެ.

ސްކޫލް ފިޔަވާ ކުޑަކުދިންނަށް ކިޔަވައިދޭ އިތުރު ތަންތަނުގެ މަސްއޫލުވެރިންގެ ހުންނަ ޖެހޭ ޝަރުތުތަކާއި އަދާކުރަން ޖެހޭ ޒިންމާތަކާއި އަދި ކިޔަވައިދޭ އިމާރާތުގައި ފުރިހަމަ ވާން ޖެހޭނެ ކަންކަން އެޑިއުކޭޝަނުން މިއަދު ގެޒެޓްކުރި ގަވައިދުގައި ހިމަނާފައިވެ އެެވެ.